ދައުލަތުގެ ހަޒާނާއަށް 417 މިލިޔަން ރައީސް ޑރ. މުއިއްޒު ޖަމާކުރައްވައިފި
ދެންމެ | 23 މެއި 2024

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު، އެސްޑީއެފް އަށް މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 417 މިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މިމުއްދަތުގައި އެސްޑީއެފްއަށް ޖަމާކުރި ފައިސާއާއި އަޅާ ބަލާއިރު މިއަހަރު ވަނީ 2.6 އިންސައްތައިގެ އިތުރުވުމެއް އައިސްފަ އެވެ.

މިދިޔަ އަހަރުގެ މިމުއްދަތުގައި އެސްޑީއެފްއަށް ޖަމާކުރީ 406.2 މިލިއަން ރުފިޔާ އެވެ.

ސަރުކާރުން އަންދާޒާ ކުރަނީ މިއަހަރު ނިމުމުގެ ކުރިން އެސްޑީއެފްއަށް އެއް ބިލިއަން ރުފިޔާ ޖަމާކުރެވޭނެ ކަމަށެވެ.

އެސްޑީއެފް އަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ ގާބިލްކަން ހޯދަން އުފެއްދި ފަންޑެކެވެ. ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް މި ފަންޑް އުފެއްދީ 2017 ވަނަ އަހަރު އެވެ.

އެ ފަންޑަށް ފައިސާ ޖަމާކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ.

ސަރުކާރުން ނިންމާފައިވަނީ އަންނަ 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު ސޮވެރިން ފަންޑުން ފައިސާ ބޭނުންކޮށްގެން ދަރަނި އަދާކުރާށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!