މާތް ﷲގެ މަގުގައި މީހަކަށް ކުރެވޭނެ އެންމެ ހެޔޮ އަމަލުތަކުގެ ތެރޭގައި ޢިލްމު ހޯދުމަށް މަސައްކަތް ކުރުން ހިމެނޭކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މި ފެށޭ ދިރާސީ އާ އަހަރުގެ މައްޗަށް އަލިއަޅުވައިލާ މިއަދުކީ ޚުތުބާގައި ބުނީ، ޢިލްމުވެރިންނަކީ ނަބިއްޔުންގެ ވާރުތަވެރީން ކަމަށެވެ. އަދި، ނަބީބޭކަލުން ވާރުތަ ކުރެއްވީ ޢިލްމު ކަމަށާއި ދުނިޔެވީ އެއްވެސް މާއްދީ މުދަލެއް އެ ބޭކަލުންގެ ކިބައިން ވާރުތަނުކުރައްވާ ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ، މާތް ﷲގެ ވަޖުހުފުޅަށްޓަކާ ޢިލްމު އުނގެނެން މަސައްކަތް ކުރުމަކީ ސުވަރުގެއަށް ދިއުމަށް ކޮށޭނެ މަގެއް ކަމަށެވެ. އަދި، ޢިލްމުގެ ތެރެއިން އެންމެ މަތިވެރި ޢިލްމަކީ އަރަހުށި މާތް ﷲގެ އެއްކައުވަންތަކަށް މަޢުރިފާކޮށް ދެނެގަތުމުގެ ޢިލްމުކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
”ހަމަކަށަވަރުން ޢިލްމަކީ މާތް ﷲ އެކަލާންގެ އަޅުތަކުންނަށް ދެއްވާ ނޫރެކެވެ. ޢިލްމުގެ ތެރޭގައި ތިމާ ދުނިޔެ އާރާސްތު ކުރުމަށް ބޭނުންވާ ޢިލްމާއި އާޚިރަތުގެ ހެވާއި ލާބަ ލިބިގަތުމަށް ބޭނުންވާ ޢިލްމު ހިމެނެއެވެ. ޢިލްމުގެ ތެރެއިން އެންމެ މާތް މަތިވެރި ޢިލްމަކީ އަރަހުށި މާތް ﷲގެ އެއްކައުވަންތަކަށް މަޢުރިފާކޮށް ދެނެގަތުމުގެ ޢިލްމުކަން ކަށަވަރެވެ،“ ޚުތުބާގައި ބުންޏެވެ.
މީގެ އިތުރުން، ޚުތުބާގައި ބުނީ ޢިލްމުގެ އަހުލުވެރިންނަކީ މާތް ﷲ ދަރަޖަ މަތިވެރިކުރައްވާފައިވާ ބައެއް ކަމަށެވެ. ހަމައެހެންމެ ކީރިތި ޤުރުއާނުގައި ވެސް މާތް ﷲ ޢިލްމުވެރިންނަށް ތަޢުރީފުގެ ބަސް ވަހީކުރައްވާފައިވާ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
ތަޢުލީމީ ފުރުސަތަށް އެދިއެދި އެއްތައް ހާސް ކުދިންނެއް ދުނިޔޭގައި ތިބިކަން ފާހަގަކޮށް ޚުތުބާގައި އިލްތިމާސްކުރީ، ލިބިފައިވާ ފުރުސަތު ބޭކާރުކޮށް ނުލުމަށެވެ. އަދި، މަދަރުސީ މަރުހަލާއަކީ، އެ މަރުހަލާއެއް ނިމި ފާއިތުވެއްޖެ ނަމަ، ދެން ލިބޭނެ މަރުހަލާއެއް ނޫންކަން ދަނެ ނަތީޖާ ރަނގަޅުކުރަން މަސައްކަތް ކުރުމަށެވެ.
މައިންބަފައިންނަށް ހެޔޮކޮށްހިތާ މުދައްރިސުންނަށް އިހުތިރާމު ކުރުމަށް ޚުތުބާގައި ވަނީ ދަރިވަރުންނަށް ނަސޭހަތްތެރިވެފައެވެ. އަދި، މި ފެށޭ ދިރާސީ އަހަރަކީ ދަރިވަރުންނަށް ހުރިހާ ގޮތަކުން ވެސް ބާއްޖަވެރި އަދި ކާމިޔާބު އަހަރެއް ކަމުގައި ލެއްވުން އެދި ދުޢާ ކުރުމަށް ބެލެނިވެރިންނަށް ވަނީ އިލްތިމާސްކޮށްފައެވެ.