ޗައިނާ ވައިޓް ޑްރަގް ބޮއެގެން ބަޔަކު އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފި
ދެންމެ | 24 މެއި 2024

މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ ”ޗައިނާ ވައިޓް“ ބޭނުންކުރި ބަޔަކު އައިޖީއެމްއެޗްގައި އެޑްމިޓްކުރި ކަން، އެ ހޮސްޕިޓަލުގެ ޑޮކްޓަރު މުހައްމަދު އަލީ ހާމަކުރައްވައިފިއެވެ.

ޑޮކްޓަރު މުހައްމަދު އަލީގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ ސީރިއަސް އިންފެކްޝަންތަކަކާ އެކީ އައި ބައެއް ޕޭޝަންޓުން އެ މަސްތުވާތަކެތި ނެގި ކަމަށް ބުނެފައިވާ ކަމަށެވެ.

އެ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކުރި ކަމަށް ލިޔުއްވާފައިވެއެވެ.

ޑޮކްޓަރު ”ދެން އޮންލައިން“ އަށް ވިދާޅުވި ގޮތުގައި އެޑްމިޓްކުރީ ދެ މީހެކެވެ. އެއީ ނިއުމޯނިއާ ޖެހިގެން ހޮސްޕިޓަލަށް ދެއްކި ދެ ޕޭޝަންޓެކެވެ. އެޑްމިޓްކުރީ މީގެ ދެ ހަފުތާ ކުރިން ކަމަށް ވެސް ވިދާޅުވި އެވެ.

މި ވަގުތު ދެ މީހުން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

މުހައްމަދު އަލީގެ ޕޯސްޓުގައި ދެން ވަނީ އެ ކަމާ ދެކޮޅަށް ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ގޮވާލާފަައެވެ. އަދި އެފަދަ މަސްތުވާތަކެތީގެ އިތުރުން ވޭޕް އަދި ދުންފަތް މަނާ ކުރަން ވެސް އޭނާ ގޮވާލާފައިވެއެވެ.

މި ނުރައްކާތެރި މަސްތުވާތަކެތި ރާއްޖެއަށް ވެސް އެތެރެވެ، އެ ކަމާ ދެކޮޅަށް ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީގެ މިނިސްޓްރީން ވެސް މިއަދު ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!