ފައިސާތައް ތަޅާ ބުރުވާލުމަށް ފަހު، ކެމްޕޭނަށް ބަގުރޫޓް ވެފައިވާ ފެނަކައަށް 250 މިލިޔަނުގެ ލޯނެއް ނަގައިފި
ދެންމެ | 17 އޯގަސްޓް 2023

ނަން ހާމަނުކުރުން ޝަރުތުކުރައްވައި މައުލޫމާތުދެއްވި ފެނަކަ ކުންފުނީގެ އިސްވެރިޔަކު ވިދާޅުވީ އެ ކުންފުނީގައި ފައިސާ ނެތުމުގެ ސަބަބުން ދަރަންޏަށް ފައިސާ ނަގަން ނިންމައި، މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)އިން ގިނަ އަދަދެއްގެ ފައިސާ ދަރަންޏަށް ނަގާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއައިބީން ފެނަކައަށް ނެގި ލޯނަކީ 250 މިލިއަން ރުފިޔާގެ ބޮޑު ލޯނެކެވެ. މި ލޯނަކީ ފެނަކައިގެ މުވައްޒަފުންނަށް މުސާރަދިނުމަށް ދަތިވާ ހިސާބަށް ކުންފުނިން ފައިސާ ހުސްވުމުން ނެގި ލޯނެކެވެ. ފެނަކައިގެ ދަރަނި ފާއިތުވި 5 އަހަރުގައިވަނީ ރެކޯޑު މިންވަރަކަށް ބޮޑުވެފައެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ނެރެފައިވާ މާލީ ރިޕޯޓުތަކަށް ބަލާއިރު ފެނަކައިގެ ދަރަނި ބޮޑުވެ ކުންފުނީގެ އެސެޓުތައް ވިއްކައިގެން މެނުވީ ފެނަކައިގެ ދަރަނި އަދާނުކުރެވޭނެއެވެ. އެގޮތުން ފެނަކައިގެ ދަރަނިވަނީ 2.2 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

250 މިލިއަން ރުފިޔާގެ ލޯނެއް ފެނަކައިން އެމްއައިބީން ނަގާފައިވާއިރު، ފެނަކައިން އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ މަޝްރޫޢުތަކުގެ މަސައްކަތްކުރި ކޮންޓްރެކްޓަރުންނަށް އެތައް ސަތޭކަ މިލިއަން ރުފިޔާ ނުދީހުރުމުގެ ސަބަބުން އެކަމާމެދު ކޮންޓްރެކްޓަރުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ފައިސާ ނުލިބި ކުންފުނިތައް ބަނގުރޫޓުވުމުގެ ތުންފަތްމައްޗަށް ހުށަހެޅިފައިވާކަމަށް ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއައިބީން ނެގި ލޯނަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރިން ބައެއް ކޮންޓްރެކްޓަރުންނަށް ފައިސާ ދިނުމަށްވެސް ބޭނުންކުރާނެ ލޯނެކެވެ.

ފެނަކައިގެ މާލީ ހާލަތު ގޯސްވެ ކޮމާޝަލް ބޭންކުތަކުން ލޯނު ނަގައިގެން ކުންފުނި ހިންގަންޖެހޭ ހާލަތަށް ގޮސް، ހަރުމުދާ ނުވިއްކައި ދަރަނި އަދާނުކުރެވޭނެ މިންވަރަށް ދަރަނިވެރިވެފައިވީ ނަމަވެސް، އިންތިޚާބާ ދިމާކޮށް ފެނަކައިން އަންނަނީ އެކި ރަށްރަށުގައި ގިނަ އަދަދެއްގެ ވަޒީފާ އުފައްދަމުންނެވެ. އެއިން ބައެއް ވަޒީފާއަކީ ވަގުތީ ވަޒީފާ ނަމަވެސް ގިނައިން އުފައްދަމުން އަންނަނީ ދާއިމީ ވަޒީފާއެވެ.

ރިޕޯޓް: ދިޔަރެސް

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!