ވޭޕް ކުރުމުގައި ފިރިހެނުންނަށް ވުރެ އަންހެނުން މާ ކުރީގަ!
ދެންމެ | 24 މެއި 2024

ޒުވާން އަންހެން ކުދިން މަގުމަތީގަ އާއި ރެސްޓޯރެންޓުތަކުގައި ލަދެއް ހަޔާތެއް ނެތި ވޭޕް ކުރަމުންދަނީ އެކަމުން އެމީހުންނަށް ލިބޭ ގެއްލުން ނޭނގި ކަމަށް ވުން ވެސް އެކަށީގެންވެއެވެ.

ގުދުރަތީ ގޮތުން އަންހެނުންނަކީ ފިރިހެނުންނަށް ވުރެ ނާޒުކު ބައެކެވެ. އެގޮތުން ދަރިމައިވުމުގެ ނަސީބު އަންހެނުންނަށް ދެއްވާފައިވާއިރު މާބަޑު ވުމުގެ ކުރިން ދުންފަތުގެ އިސްތިއުމާލު ކުރިނަމަވެސް ލިބޭ ދަރިންނަށް އެކަމުގެ އަސަރު ކުރެއެވެ.

އެހެންނަމަވެސް އެފަދަ އެއްވެސް ކަމަކަށް ވިސްނާލުމެއް ނެތި ވޭޕްކުރާ ޒުވާން އަންހެން ކުދިންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. މިހާރު ދަބަސް ތެރޭގައި ވޭޕް ނޯންނަ ޒުވާނެއް މަދެވެ.

މިއީ ސިއްޙީ ގޮތުން ޖީލެއް ހަލާކުވެގެން ދާނެ ކަމުގެ ފެހި ސިގްނަލެއް ކަމަށް ބައެއް މެޑިކަލް ޑޮކްޓަރުން ވެސް މިވަނީ ހާމަކުރައްވައިފައެވެ.

އެގޮތުން ރާއްޖޭގައި ވޭޕް ކުރުމާއި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ކުރަން އައިޖީއެމްއެޗްގެ އެތެރެހަށީގެ ޚާއްސަ ޑރ. މުޙައްމަދު ޢަލީ ގޮވާލައްވައިފައެވެ.

ރާއްޖޭގައި މަސްތުވާތަކެއްޗާމެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި އެތަކެތި ރާއްޖެ އެތެރެވާ ހުރިހާ ދޮރުތަކެއް ބަންދު ކުރަން ޖެހޭ ކަމަށް މުހައްމަދު އަލީ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގައި ވޭޕްކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން ގޮވާލަމުން ޑރ. މުޙައްމަދު ވަނީ މިކަން ނުކޮށްފިނަމަ ދވެހި ޒުވާން އާބާދީ ހަލާކުވެދާނެކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އިންތިހާއަށް އިތުރުވެފައިވާ ކަން ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންވެ އެކަމަށްޓަކައި ދިރާސާތަކެއް ވެސް ކުރަން ސަރުކާރުން މިހާރުވަނީ ފަށައިފައެވެ.

ގައިންގަޔަށް ނާރާ އެކިއެކި ބަލިބަލިން މަރުވުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމާއި ހުރި ގުޅުމަކީ މިހާރު އިތުރަށް ބަހުސް ކުރާނެ ޖާގަ އެއް ނެތް ހަޤީޤަތެކެވެ. މިވަބާ އިން ސަލާމަތް ވުމަށްޓަކައި ތަރައްޤީ ވެފައިވާ ޤައުމުތަކުގެ ސަރުކާރު ތަކުން ގެންގުޅުއްވި ހަރުދަނާ ސިޔާސަތު ތަކުގެ ސަބަބުން މިހާރު އެޤައުމުތަކުގައި ދުންފަތުގެ އިސްތިޢުމާލު ކުރާ ފަރާތްތަށް އަންނަނީ ދުވަހަކަށް ވުރެ ދުވަހެއް މަދު ވަމުންނެވެ. ދުންފަތުގެ އިސްތިޢުމާލު ނުކުރާ ގައުމެއް އުފެދިއްޖެނަމަ ސިއްޙީގޮތުން ދުޅަހެޔޮ ރައްޔަތެއްގެ އިތުރުން އެޤައުމެއް ވާހުށީ އިޤްތިސާދީ ގޮތުންވެސް ކުރިއެރުމެގެ ފުރުސަތުބޮޑު ޤައުމަކަށެވެ.

ޒުވާންކުދިން ދުންފަތުގައި ޖެހި ހަލާކުވެގެން ދާ މިންވަރު އިތުރުވާނަމަ ކުރިމަގުގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ވަރަށް އުނދަގޫ ވާނެއެވެ. އަދި ދުންފަތް ކޮންޓްރޯލު ކުރުމުގެ ޤާނޫނު ތަންފީޒު ކުރުމަށް ހުރަހަކަށް ވާނެއެވެ.

ދިރާސާ ތަކުން ދައްކާ ގޮތުގައި ދުންފަތުގެ ސަބަބުންޖެހޭ ބަލިބަލީގެ ބޮޑުއަސަރެއް އަންހެނުންނަށް ކުރެއެވެ. ޚާއްސަ ކޮށް ވިހާއުމުރު ގެ އަންހެނުންނާއި މާބަނޑު މީހުން ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ލިބޭ ދަރިފުޅުގެ ޞިއްޙަތަށް އޭގެ ނުރަނގަޅު އަސަރު ކުރުވާނެ ކަމެކެވެ. ކޮންމެ ޒުވާނަކީ ވެސް މަންމައަކަށް ނުވަތަ ބައްޕަ އަކަށް ވާން ތައްޔާރުވާ ފަރާތަކަށް ވާއިރު، ޢާއިލާގެ ޒިންމާދާރު ވެރިންނަށް ވުމުގެ ރީތި ނަމޫނާ އެއް ދުންފަތުގެ އިސްތިޢުމާލު ކުރާނަމަ ދެއްކޭކަށް ނެތެވެ.

އެހެންކަމުން ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ޢާއިލީ ޒިންމާއަށް ވެވޭ އިހްމާލެކެވެ. ރާއްޖޭގެ ޒުވާން އަންހެންކުދިންގެ ތެރޭގައި މިހާރު ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ އާދަ އިތުރުވަމުން އަންނަ ދުވަސް ވަރެއްގައި ކުރިމަގުގައި ދުޅަހެޔޮ ޖީލެއް ބިނާކުރެވޭނީ ލިބޭ ދަރިންގެ ޞިއްޙަތު ރަނގަޅު ވެގެންކަން ވިސްނާ ހުރިހާ ފަރާތަކުން ވެސް ޒިންމާތަކެއް އުފުލައިގެން މެނުވީ އަޅުގަނޑުމެންގެ މުސްތަޤްބަލް ފެހި އަދި ފާގަތި މުސްތަޤްބަލަކަށް ހެދޭކަށް ނެތެވެ.

މޭގައި އަތް ޖަހާލާފައި “އަހަންނަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހަކޭ ބުނަން” މަސައްކަތް ފަށަން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!