ދިރާސީ އަހަރަށް ސަރުކާރުން ތައްޔާރެއް ނުވޭ: އެމްޑީޕީ
ދެންމެ | 26 މެއި 2024

މި ފެށުނު ދިރާސީ އަހަރަށް މިނިސްޓްރީން ތައްޔާރުވެފައި ނުވާކަމަށް ބުނެ އިދިކޮޅު މައިޕާޓީ އެމްޑީޕީން އެކަން ކުށްވެރިކޮށް ފާޑުކިޔައިފިއެވެ.

ދިރާސީ އާ އަހަރު ފެށުމުގެ މިނާސަބަތުގައި އެމްޑީޕީން ވަނީ އަހަރުގެ ތަހުނިޔާ އެންމެހާ ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންނާއި ސްކޫލުތަކުގެ އިސްވެރިންނާއި މުވައްޒަފުންނަށް ފޮނުވާފައެވެ. އަދި މިފެށޭ ދިރާސީ އަހަރަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު އަހަރެއްކަމުގައި ވުން އެދޭކަމަށްވެސް އެޕާޓީން ބުނެއެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ އައު ދިރާސީ އަހަރެއް ފެށިގެން ދާއިރު އެކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ވާން ޖެހޭ ތައްޔާރީތައް ރަނގަޅަށް ވެވިފައިނުވާކަމަށެވެ. އެގޮތުން ސްކޫލްތަކުގައި ދަރިވަރުން ކިޔަވަންޖެެހޭ ވަގުތު ކުޑަކުރީ އެހެންވެގެންކަމަށް އެމްޑީޕީން ބުނެއެވެ.

“ ގިނަ ބެލެނިވެރިން ދަނީ ސްކޫލު ހުޅުވުނު އިރުވެސް ދަރިވަރުންގެ ފޮތްތައް ހަމަނުވާކަމުގެ ޝަކުވާތައް ކުރަމުންނެވެ. އަދި ސްކޫލުތަކަށް ބޭނުންވާ ޓީޗަރުން ހަމަނުވާކަމުގެ ޝަކުވާ ގިނަ ޕްރިންސިޕަލުންނާއި ޓީޗަރުންދަނީ ކުރަމުންނެވެ. އަދި މިކަމާ ނުރުހިގެން ސޯޝަލް މީޑިޔާގައި މުވައްޒަފަކު ހިޔާލެއްފާޅުކޮށްފިނަމަ އެ މީހަކަށް ފިޔަވަޅު އަޅާކަމުގެ ޝަކުވާތައްވެސް އަޅުގަނޑުމެންނަށް ދަނީ ލިބެމުންނެވެ.“ އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީން ބުނީ ދިރާސީ ކަލަންޑަރަށް އެއްވެސް ރޭވުންތެރިކަމެއްނެތި އެކި ފަހަރުމަތިން ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން މިހާރުވެސް ދަރިވަރުންނަށް ފިލާވަޅުތަކުގެ ބޮޑުބައެއް ގެއްލި ދަރިވަރުންގެ އުނގެނުމުގެ މުޅިތަރުތީބަށް ނުހަނު ބޮޑެތި ގެއްލުން ލިބެމުން ދާކަކަމަށެެވެ. ވިއްސާރަ ބަހަނާއަކަށް ހަދާ، ފުރަތަމަ ހަފްތާގައި ކިޔަވައިދޭ ވަގުތު ކުރުކުރުމުން ދަރިވަރުންނަށް ގެއްލޭ ބައި އިތުރުވުމަކީ ބޮޑު ކަންބޮޑުވުމެއްކަމަށްވެސް އެ ޕާޓީން ބުނެއެވެ. އެއްވެސް ރޭވުންތެރިކަމެއްނެތި ކުއްލިކުއްލިއަށް ނިންމާ ނިންމުންތަކުން ދަރިވަރުންނާއި ޓީޗަރުންނަށް ދިމާވެދާނެ ބޮޑެތި ގެއްލުންތަކުން އެކުދިންނާއި ތީޗަރުން ސަލާމަތްވުމަށް އެދޭކަމަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

“ އެހެންކަމުން، މިފެށޭ އާ ދިރާސީ އަހަރު މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ނިންމާ ނިންމުންތަކަކީ ހަރުދަނާ، ތަޢުލީމީ ދާއިރާއަށް ފައިދާހުރި ދަރިވަރުންނަށް ގެއްލުން ނުލިބޭ ނިންމުންތަކަށް ހެދުމަށް މި ޕާޓީން އިލްތިމާސްކުރަން.“ އެމްޑީޕީގެ ބަޔާނުގައިވެއެވެ.

96000 ދަރިވަރުންނާއި އެކު މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މިއަދު ވަނީ ފަށާފައެވެ. މި އަހަރުގެ ފުރަތަމަ 3 ދުވަހު ސްކޫލްތަކުގައި 3 ގަޑިއިރަށްވުރެ އިތުރު ނުވާގޮތަށް ކިޔަވާދިނުމަށްް މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގާފައެވެ. ސަބަބެއްކަމަށް ބުނީ ބޯކޮށް ވާރޭވެހި، ވައިގަދަވެ ދަތުރުފަތުރުތައް ކުރަން ގޮންޖެހުންތަކެއް ކުރިމަތިވަމުންދާތީ އެކަމުން ކުދިންގެ ކިޔެވުމަށް އަސަރުކުރުން ކުޑަކުރުމަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!