ބިޓު ކެޓުމަކީ މާޔޫސްވެ، ހިތުގައި ޖެހި ހޭރެންޖެހޭ ކަމެއް ނޫން!
ދެންމެ | 26 މެއި 2024

ކައިވެނިކުރަން ބޭނުންވާ މީހާއާއި ކައިވެނި ނުކުރެވިއްޖެނަމަ އެއީ ވަރަށް ބޮޑުކަމަކަށްވެ ކައިވެނިކުރަން ފޫހިވުމުގެ އިތުރުން ދުނިޔޭގައި އުޅެންވެސް ފޫހިވާ މީހުން އެބައުޅެއެވެ. އެއީ އެކަމުން ކުރަން އޮތް ފައިދާގެ ބޮޑުކަން ނުވިސްނޭތީއެވެ.

ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ އެތައް ބައިވަރު ނިޢުމަތްތަކެއް ދެއްވަވައެވެ. ގުނައި ޢަދަދުވެސް ނުކުރެވޭހައި ގިނަ ނިޢުމަތްތައް ދެއްވަވައެވެ. ދުޅަހެޔޮ ޞިއްޙަތާއި ވަޒީފާއާއި ދިރިއުޅެވޭނެ ގޮތާއި ރީތި އަންނައުނާއި ގަހަނާއާއި އެންމެ އަގު ބޮޑު ފޯނާއި މިހެން ގޮސް ނުދެއްވަވަނީ ކޮން ނިޢުމަތެއް ހެއްޔެވެ؟

އެކަމަކު ބުނަން ހެއްޔެވެ؟ އެކަމެއް މިންވަރުކުރެއްވެވުމުން އެމީހަކަށް އެކަމުން ގެއްލުން ލިބޭނެ އެތައް ކަމެއް އެމީހަކަށް ނުދެއްވަވަތެވެ. ވީމާ ކައިވެނިކުރަން ބޭނުންވި މީހާ ނުލިބިއްޖެނަމަ އޮތީ ކަންބޮޑުވުމެއް ނޫނެވެ. ޝުކުރުވެރިވުމެވެ. ޔަޤީންކުރަންވީ ތިމާއަށް އޭނާ ނުދެއްވެވީ އޭނާގެ ކިބައިން ތިމާއަށް ލިބޭނެ އުފާވެރިކަމެއް، ހިތްހަމަޖެހުމެއް ނެތުމުން ކަމެވެ. އަދި އޭނާއަށްވުރެ މާރަނގަޅު ބައިވެރިއަކު ދެއްވަވަން ކަމެވެ.

ޔަޤީންކަމާއިއެކު ބުނަމެވެ. ހޯދަން ބޭނުންވި ބައިވެރިޔާ ނުލިބިއްޖެނަމަ މިބަޔާންކުރިމަގުން ވިސްނައި ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ވަކީލްކޮށްފިނަމަ އެމީހަކަށް މާރަނގަޅު ބައިވެރިއަކު ދެއްވަވާނެތެވެ. އިން ޝާ ﷲ

ﷲ ތަޢާލާއީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ އިލާހްއެވެ. ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހްއެވެ. ފަހުން ކަންކަން މެދުވެރިވާނެ ގޮތް އަހުރެމެންނަކަށް ނުއެނގޭނެއެވެ. ނަމަވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ކޮންމެ މީހަކު ނަމަވެސް މުސްތަޤްބަލުގައި ކަންކަން ކުރާނެ ގޮތްވެސް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. ތިބާ ބޭނުންވި މީހާ ތިބާއަށް ދެއްވެވުމުން އޭނާ ތިބާއަށް ކަންކަންކުރާނެ ގޮތްވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.

މިކަންކަމަށް ވިސްނައިފިނަމަ ތިބާ ބޭނުންވި މީހާ ތިބާއަށް ނުލިބިގެން ދެރަވާކަށްވެސް އަދި ކަންބޮޑުވާކަށްވެސް ނުޖެހޭނެއެވެ. އިން ޝާ ﷲ

ލޯބިވެގެން އުޅެފައި މަކަރުހަދައި ފިލުމުން އަނެކާއަށް އެދެވުނީ ދެރައެއް ކަމަށް ވިސްނޭނަމަ އެއީ މޮޔަ ވިސްނުމެކެވެ. މިބުނިމަގުން ވަކީލްކުރާ އަޅުންނަށް އެކަން ވެގެންދާނީ ލެއްވެވި ބޮޑު ރަޙްމަތަކަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!