ދުރޫސުލް އަހްލާޤް އުގެނުން!
ދެންމެ | 27 މެއި 2024

ކޮންމެމީހަކީ އެތައް ނިޢުމަތެއް ލިބިފައިވާ މީހެކެވެ. އެ ނިޢުމަތްތައް ފެނި އިޙްސާސް ކުރުމަށްޓަކައި ޝުކުރުވެރި ހިތެއްގެ ވެރިއަކަށްވާންޖެހެއެވެ. ޝުކުރުވެރިވާ މިންވަރެއްގެ ނިސްބަތުން ނިޢުމަތްތައް ހަނދާންވެ އިތުރުވާނެއެވެ.

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. {لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ } މާނައީ: ހަމަކަށަވަރުން ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ، ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ.

ނިޢުމަތްތަކާމެދު ވިސްނާލާ މީހަކު، ހަމައެކަނި ނަފްސަށް ބަލާލި ކަމުގައި ވިޔަސް ޢަދަދު ނުކުރެވޭހާ ގިނަ ނިޢުމަތްތައް ފެންނާނެއެވެ. ލޮލުގެ ފެނުމެވެ. ކަންފަތަށް އިވުމެވެ. ބަސްމޮށުންތެރިކަމެވެ. ހަމައެފަދައިން ވަށައިގެންވާ މާޙައުލަށް ބަލާލިނަމަވެސް އެތައް އެތައް ނިޢުމަތަކާއި ﷲ ގެ ކުޅަދުންވަންތަކަން އިޙުސާސް ކުރެވޭނެއެވެ. އުޑުގެ ތަނަވަސްކަމެވެ. ބިމުގެ ފެހިކަމެވެ. ކަނޑުގެ ނޫކަމެވެ. މިހެންގޮސް ގަލަމަކުން ނުލިޔެވޭހާ ގިނައެވެ.

ނަމަވެސް އުފެދޭ ސުވާލަކީ، ގިނަބަޔަކަށް ނިޢުމަތްތައް ނުފެންނަނީ ކީއްވެތޯއެވެ؟ އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި ނިޢުމަތްތައް އިޙްސާސް ނުކުރެވޭ މައިގަނޑު އެއްސަބަބަކީ މައްސަލައަށް ފޯކަސް ކުރެވުމެވެ. ނިޢުމަތްތަކުގެ ބަދަލުގައި އަބަދުވެސް މައްސަލަތަކާމެދު ވިސްނުމެވެ. އެހެންކަމުން ލިބިފައިވާ ނިޢުމަތްތައް ހިތައް އަރުވާނެ ކުޑަވަގުތޮޅެއްނަމަވެސް ބައެއް މީހުންނަށް ނުވަނީއެވެ. މައްސަލަތައް ގިނަވަނީއެވެ. ކަންމިހެންއޮތްއިރު ނިޢުމަތްތައް ގިނަގިނައިން ހަނދުމަކޮށް ޝުކުރުވެރިވުމަށް ފޯކަސްކޮށް، ވިސްނަންޖެހެނީ ލިބިފައިވާ ނިޢުމަތްތަކަށެވެ. އަދި އެ އާދަ ހަރުލައްވަންޖެހެއެވެ.

ލިބިފައިވާ ނިޢުމަތްތައް ހަނދާންކުރާމީހަކަށް، ބަލާލި ކޮންމެ ދިމާއަކުން ފެންނާނީ އެކަންތައްތަކާމެދު ޝުކުރުވެރިވުން ޙަޢްޤު ނިޢުމަތްތަކެވެ. ދުޢާއަކީ އަބަދުވެސް ނިޢުމަތްތަކާމެދު ވިސްނާ ޝުކުރުވެރިވާ ބައެއްގެ ގޮތުގައި އަޅަމެން ލެއްވުވުމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!