ހުއްދަކަންތައް ހުއްދަ ކުރެއްވި ސަބަބާއި ނަޙީކުރެއްވި ކަންކަން ނަޙީކުރެއްވި ސަބަބުތައް ބުނެދޭންޖެހެއެވެ. ކަމެއް މަނާކުރާނަމަ މަނާކުރާ އެކަމަކުން ލިބޭގެއްލުން ބުނެދޭންޖެހެއެވެ. ގެއްލުން ހުރި ކޮންމެކަމެއް ޚަރާމް ކުރެއްވިކަމާއި ފައިދާހުރި ކޮންމެކަމެއް ހުއްދަކުރައްވާފައިވާކަން ބުނެދޭންޖެހެއެވެ. ހުއްދަ ކުރިކަންކަން ކުރުމުން ލިބޭ ފައިދާ ތައް ވެސް ބުނެދޭންޖެހެއެވެ. ޚަރާމް ކުރެއްވި ކަންކަން ކުރުމުން ލިބިދާނެ ގެއްލުން ބުނެދޭންޖެހެއެވެ. ކޮންމެ ކުއްޖަކު ވެސް ދުނިޔެއަށް އައުމާއެކު އޭނާއަށް ފެންނަ ކަންކަމާއި ތަކެތި ހިތަށް ނަގަންފަށައެވެ. އިވުމާއި ފެނުމުންނެވެ. ކުރެވޭ އިޙްސާސްތަކާއި އިވޭ އަޑުތަކުންނެވެ.
އެހެންކަމުން ކުއްޖާ އެންމެ ފުރަތަމަ ދުނިޔެ ދަސްކުރާ ލޯގަނޑަކީ އޭނާ އުޅެ ބޮޑުވާ މާހައުލެވެ. އެމާހައުލުން ކުއްޖާ ބެލެހެއްޓުމާ ޙަވާލުވާ މީހެކެވެ. އެހެންވެ ދަރިފުޅު ހާނާނީ މަންމަ ކަމުގައި ދިވެހި ހަރުބަހުގައި ވެސް ބުނެއުޅެވެ.
ކުއްޖާ ބަލާ ބޮޑުކުރުމާ ޙަވާލުވެ ހުންނަ މީހަކީ އަށްހެނަކުކަމުގައި ވާނަމަ އެއީ އޭނާގެ ބެލެނިވެރިޔާއެވެ. ފިރިހެނަކު ކަމުގައި ވާނަމަ އެއީ ވެސް ބެލެނިވެރިޔާއެވެ. ކުއްޖާގެ މަންމަ އާއި ބައްޕަ އެކުއްޖާއަށްޓަކައި އަދާކުރަންޖެހޭ ޙައްެޤުތަކާއި ޒިންމާތަށް އުފުލާ މިހާއެވެ. ކޮންމެ ކަމަކަށް ވެސް އެކަމެއް ކުރަންވީ ގޮތެއް އޮވެއެވެ. ޓެކްނިކުތަކެއް އޮވެއެވެ.ކުދިން ތަރުބިއްޔަތު ކުރުމުގައި ވެސް އެކަންކަމަށް އަހުލުވެރިވާންޖެހެއެވެ. އެހެން ނޫންނަމަ ކުއްޖާ ފާލުން ނެއްޓިދާނެއެވެ.
ކޮންމެ ކުއްޖަކީ ތަފާތުކުއްޖެކެވެ. އެއްނަމެއް އެއްބަޑު އެއްބަފާ ކުއްޖަކަށް ނުކިޔަނީ މިހެންވެ ނޫންތޯއެވެ. ކުދިންނަށް ކުރެވޭ ގޯސްކަންކަމާހުރެ އެކުދިންނަށް އަނިޔާ ނުކުރާށެވެ. އަނިޔާކުރުމަކީ ލަދުހަޔާތް ކުޑަވާކަމެކެވެ. ބަދަލު ހިފުމުގެ ރޫހު އާލާވެދާނެކަމެކެވެ. އޭގެ ބަދަލުގައި ރަނގަޅުގޮތް ބުނެދޭށެވެ. އެހިތެރިކަމާއި ލޯބި ދޭށެވެ. އިޙްސާންތެރިވާށެވެ.
އިޙްސާންތެރިކަމުގެ ބަދަލުގައި އޮތީ އިޙްސާންތެރިކަމެވެ. ކުދިންގެ މެދުގައި ތަފާތު ނުކުރާށެވެ. އެއީ ތިބާގެ ކުއްޖެއް ކަމުގައި ނުވި ނަމަވެސްމެއެވެ. އަބަދު އަޑުލައި ނުހަދާށެވެ. އެންމެ ހުތުރުކަން ބޮޑު އަޑަކީ ހިމާރުގެ އަޑެވެ. ބާރަށް އެއްޗެއް ބުނަން ޖެހޭވަގުތު ބުނާށެވެ. ނަމަވެސް ބުނި ބަހެއްގެ ސަބަބުން ކުއްޖާ މާޔޫސްވެ ފޫހިވެދިޔަ ދީގެން ނުވާނެއެވެ.
ކުއްޖާގެ ނަފްސާނީ އަދި ޞިއްޙީ ދުޅަހެޔޮކަމަށް ޝަމާލުކަން ދޭންވާނެއެވެ. ކުއްޖާ ބޮޑުވަމުން އަންނައިރު ކުއްޖާ އާއި އޮންނަ ގާތްކަން މެދު ނުކެނޑި އޮތުމަކީ މުހިއްމުކަމެކެވެ. ކުއްޖާ އަށް ދިމާވާ ކަންކަން ދުރުމީހުންނާއި ހިއްސާ ކުރުމަށްވުރެ މައިންބަފައިންނަށް ނުވަތަ ބެލެނި ވެރިންނާއި ހިއްސާ ކުރާނީ ، އޭރުންނެވެ. އިޚްތިރާމްކުރުމަށް ދަސްކޮށް ދޭންޖެހެއެވެ. އެކަން ކުރާނީ ލޯބިން އިޙްސާންތެރިކަމާއެކު އިންޞާފުންކަންކަން ކޮށްދީގެންނެވެ.
ދަރިން ތަރުބިއްޔަތު ކުރުމުގައި އެނގިފައި ނެތް ހުނަރުތަކާއި އުކުޅުތައް އެނގޭ މީހުން ގެ ކައިރިން އަހައި އޮޅުން ފިލުވާށެވެ. އެއީ ދީނުގައި ވެސް އޮތްގޮތެވެ. ﷲ سبحانه وتعالى މަޢްޞޫމް ކުއްޖެއް ގޮތުގައި ފޮނުއްވި އެއްވެސް ކުއްޖަކު އެނޫންގޮތަކަށް ބޮޑުވުމަކީ މުޅި ޤައުމަށް ލިބޭނެ ގެއްލުމެކެވެ. އެހެންވެ އެކަލާންގެ ޠާހިރުކަމުގައި ފޮނުއްވި އިންސާނާ އެނޫން ގޮތަކަށް ބަދަލު ނުކުރުމަށް އެކަލާންގެ ޢަމުރުކުރައްވާފައިވެއެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި ޝަރްޢީ ގޮތުން އަދާކުރަންޖެހޭ ޒިއްމާތަކެއް އޮންނަ ފަދައިން ޤާނޫނީ ގޮތުން އަދާކުރަންޖެހޭ ޒިއްމާ ތަކެއް ވެސް ހުރެއެވެ. އެޒިންމާތަކުގެ ވާހަކަ އެހެން ފަހަރަކުން ގެނެސް ދިނުމަށް ޤަޞްދުކުރަމެވެ.