އަނބިމީހާއާ އެއްބަނޑު އެއްބަފާ ދައްތަ (ފަހަރި) އެއްގެ ދަރިއަކަށް، އެ ކުއްޖާގެ އުމުރުން 12 އަހަރުން ފެށިގެން އެކި ފަހަރުމަތިން ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ދޫކޮށްލަން ދަށު ކޯޓުން ކުރި އަމުރު ބާތިލުކޮށް، އޭނާ ބަންދުކުރުމަށް އެދި 48 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހުށަހަޅަން ޕްރޮސިކިއުޓާ ޖެެނެރަލް އޮފީހަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
އެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން އަބްދުﷲ ލަތީފު ކިޔާ އެ މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ހުސްވި ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ. އެއަށްފަހު ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން 30 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމުގެ އަމުރަކަށް އެދި ދައުލަތުން ހުށަހެޅި މައްސަލައިގައި އޭނާ ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ދަށު ކޯޓުން އަމުރުކުރިއެވެ.
އެގޮތުން އަބްދުﷲ ލަތީފް އެންމެފަހުން ބަންދުކުރަން ނެރުނު އަމުރުގައި، ބަންދުކުރި ސަބަބު ކަމަށް ބަޔާން ކޮށްފައިވަނީ މި މައްސަލައާ ގުޅިގެން ޝަކުވާކުރި ކުއްޖާ ތަހުގީގަށް ކިޔައިދީފައިވާ ކަންތައްތަކާއި މައްސަލައާ ގުޅޭ ހެކިންގެ ބަޔާނުގައި ހުރި ކަންކަމުގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތުގެ މޮބައިލް ފޮރެންސިކް ރިޕޯޓަށާއި ޝަކުވާކުރި ކުއްޖާގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ އެސެސްމަންޓް ރިޕޯޓަށް ރިއާޔަތްކުރާއިރު ތުހުމަތުކުރެވޭ މިންވަރަށް ހެކި ގަރިނާ ލިބިފައިވުމެވެ.
އޭގެ އިތުރުން މި މައްސަލައިގައި ލިބެން ހުރި ހެކިތަކަކީ އެ މީހާގެ ބާރު ފޯރުވޭނެ ހެކިތައް ކަމަށް ބެލެވޭތީ އޭނާ ބަންދުން ދޫކޮށްލައިފިނަމ،ަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވުމާއި ހެކިބަސް ދޭންހުރި ފަރާތްތަކަށް ނުފޫޒު ފޯރުވާނެ ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ.
އެފަހަރުގެ ބަންދުގެ މުއްދަތު ހަމަވާތީ، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް މިދިޔަ އޭޕްރީލް މަހުގެ 25ގައި ދަށު ކޯޓުން އަމުރުުރީ އޭނާ ދޫކޮށްލުމަށެވެ.
ސަބަބެއް ކަމަށް ކޯޓުން ބުނީ، އަބްދުالله ލަތީފަކީ ނަފުސާނީ މައްސަލަތައް ދިމާވެފައިވާ މީހުން ބޭނުންކުރާ ބޭހެއް ބޭނުންކުރާ ފަރާތެއް ކަމަށްވުމާއި މީގެ ކުރިން އޭނާއަކީ ޖިނާއީ މައްސަލައެއްގައި ހައްޔަރުކޮށް ތަހުގީގުކޮށް އެއްވެސް ޖިނާއީ މައްސަލައެއް ޝަރުއީ އެއްވެސް ކޯޓަކަށް ހުށަހެޅި ސާބިތުވެފައިވާ މީހެއްކަމަށް ނުވުމާއި އޭނާގެ މައްޗަށް ތުހުމަތުކުރާ ކުށް ފުލުހުން ތަހުގީގު ކުރަމުން ދިޔައިރު އޭނާގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ބުނެފައިވީ ނަމަވެސ،ް އެއްބާރުލުން ނުލިބުނީ ކިހިނެތްކަން ފުލުހުންނަށް ބުނެދެވިފައިނުވާތީ ކަމަށެވެ.
މީގެ އިތުރުން ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ނުބަހައްޓައިފިނަމަ އޭނާ އިތުރުކުށެއް ކޮށްފާނެކަން ނުވަތަ ހެއްކަށް ނުފޫޒު ފޯރުވައިފާނެކަން ދައުލަތުން ބުނާ ބުނުމުގެ ބުރަދަން ނެތުމާއި މައްސަލައާ ގުޅުންހުރި އެހެނިހެން ހެތްކާއި ގާރީނާގެ ހާލަތަށް ބަލާއިރު އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލައިގައި ދައުވާ ކުރުމަށް ހުށަހަޅާފައިވުމުން މައްސަލައާ ގުޅުންހުރި ހެކި ނައްތާލުމުގެ އިހްތިމާލް ނެތުންވެސް ސަބަބެއްގެ ގޮތުގައި ދަށު ކޯޓުން ފާހަގަކުރިއެވެ.
ދަށު ކޯޓުގެ އެ ނިންމުމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މި މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.
މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން އިއްޔެ ވަނީ، އަބްދުﷲ ލަތީފު ދޫކޮށްލަން 24 އޭޕްރީލްގައި ދަށު ކޯޓުން ނެރުނު ކޯޓު އަމުރަކީ ބާތިލު އަމުރެއް ކަމަށް ކަނޑައަޅައިފައެވެ. އަދި ޝަރީއަތް ނިމެންދެން އަބްދުﷲ ލަތީފު ބަންދުކުރުމަށް އެދި 48 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެެނެރަލް އޮފީހަށް ހައިކޯޓުން އަމުރުކުރިއެވެ.
މީގެ އިތުރުން ހައިކޯޓުން މި މައްސަލަ ނިންމި ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަބްދުﷲ ލަތީފަކީ އޭނާގެ މައްޗަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަން ނުވަތަ ނޫންކަން، އިއްޔެ އިން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ދަށު ކޯޓުން ކަނޑައަޅަންދެން، އޭނާ ރިމާންޑް ޖަލެއްގައި ބަންދު ކުރުމަށްވެސް ވަނީ ހުކުމް ކޮށްފައެވެ.