ސަރުކާރުން އަމިއްލަ ވިޔަފާރިވެރިންނަށް ގަދަރުކޮށް މަރުހަބާ ކިޔަން ޖެހޭ: ރައީސް
ދެންމެ | 29 މެއި 2024

ސަރުކާރުތަކުން އަމިއްލަ ފަރާތްތަކާއެކު އިތުރަށް ގުޅުން ބަދަހިކޮށް، އަމިއްލަ ވިޔަފާރީގެ ދާއިރާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

އެ މަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން އިންތިޒާމުކޮށްގެން ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ހަވާސާގައި ކުރިޔަށްގެންދިޔަ ”ދި ޕިވޮޓަލް ރޯލް އޮފް ޕްރައިވެޓް ސެކްޓަރ ފައިނޭންސިންގ ފޮރ ކްލައިމެޓް ރިޒިލިއެންސް“ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، އިޤްތިޞާދު ސިންދަފާތުކުރެވޭނީ ވިޔަފާރީގެ ޢާންމު އުސޫލުތައް އަލުން މުރާޖަޢާކޮށްގެންނެވެ. އަދި މިކަމަށްޓަކައި ސަރުކާރުތަކުން އަމިއްލަ ފަރާތްތަކާއެކު އިތުރަށް ގުޅުން ބަދަހިކޮށް، އަމިއްލަ ވިޔަފާރީގެ ދާއިރާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ފަހި މާޙައުލެއް ޤާއިމުކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަމިއްލަ ވިޔަފާރީގެ ދާއިރާއިން ތަރައްޤީއަށް އަގު ނުކުރެވޭފަދަ މަސައްކަތްތަކެއް ތަޖުރިބާއާ، އީޖާދީ ވިސްނުމާއި ގާބިލުކަމުގެ ގޮތުން ގެނެސްދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އިޤްތިޞާދު ސިންދަފާތު ކުރުމާ ދިމާލަށް ދިވެހިރާއްޖެއިން ވަނީ މިސްރާބު ޖަހާފައިކަން ހާމަކުރެއްވިއެވެ. މިގޮތުން، އިންވެސްޓްމަންޓުގެ ގޮތުގައި އެއަރޕޯޓުތައް ފަދަ ބިނާރުތަކާއި ޞިއްޙީ ވަޞީލަތްތަކާއި މުވާސަލާތާއި ރިއަލް އެސްޓޭޓާއި ޓްރާންސް ޝިޕްމަންޓް ބަނދަރުތަކަކީ މިކަމުގެ ނާރެސް އަދި އިޤްތިޞާދީ ކުރިއެރުމާއި މީހުން ކުރިއަރައި ދިއުމަށް ބޭނުންވާނެ ވަޞީލަތްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!