ޕީއެސްއެމް ތިޖޫރީ އޮތީ 7 ރުފިޔާ، ދަރަނި 261 މިލިޔަންގައި.
ދެންމެ | 29 މެއި 2024
މަގާމާއި ހަވާލުވިއިރު ތިޖޫރީގައި އޮތީ އެންމެ ހަތް ރުފިޔާ ކަމަށާއި، ކުންފުނީގެ ދަރަނި އޮތީ 261 މިލިޔަން ރުފިޔާއަށް ވުރެ މަތީގައި ކަމަށް ނޮވެމްބަރު 28 ވަނަ ދުވަހު ދައުލަތުގެ މީޑިއާ ޕީއެސްއެމްއާ ހަވާލުވެވަޑައިގެންނެވި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޒީނާ ވިދާޅުވީ، އޭނާ މަގާމާއި ހަވާލުވިއިރު ކުންފުނީގެ ދަރަނި އޮތީ 261 މިލިއަން ރުފިޔާގައި ކަަމަށެެވެ.

”މިއީ އަދި ކޯޓުތަކުގައި ހިނގަމުންދާ ކޭސްތައް ނުހިމަނާ، ކުންފުނީގެ ދަރަނި އޮތް ވަރު މި ދަންނަވާލީ،“ ޒީނާ ވިދާޅުވިއެވެ.

އޭގެ ތަފްސީލު ދެއްވަމުން ޒީނާ ވިދާޅުވީ، ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކަށް 122 މިލިއަން ރުފިޔާ އަދި އަމިއްލަ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް 26 މިލިއަނަަށްވުރެ ގިނަ ރުފިޔާގެ އިތުރުން، ބޭރުގެ އެކި ކުންފުނިތަކަށް ދަރަނި 24 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަަރާ ކަަމަށެވެ.

”ލޯނުގެ ގޮތުގައި އެބަހުރި ވޭތުވެދިޔަ އަހަރުތަކުގައި ނަގާފައި 87 މިލިއަން ރުފިޔާ ނުދެއްކި، މި ލޯނަށްވެސް އިންޓަރެސްޓް އަރަމުން ދަނީ،“. އޭނާ ވިދާޅުވިއެވެ.

ޒީނާ ވިދާޅުވީ، ސަރުކާރާއި މަޝްވަރާކޮށްގެން، ސަރުކާރުގެ އެހީތެރިކަމާއި އެކީގައި ދަރަންޏަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން ޕީއެސްއެމްގެ އާ މެނޭޖްމެންޓް ހަވާލުވެގެން ދަރަނީގެ ގޮތުގައި 9 މިލިއަން ރުފިޔާ ދައްކާފައިވާކަން ފާހަގަކުރައްވާފައެވެ.

”މީގެ ތެރޭގައި ކޯޓު ކޭސްތަކާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ، ފައިސާ އާައި ރާއްޖޭގެ އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ، އަޅުގަނޑުމެން މި ފައިސާ ދެއްކުމުގައި އެންމެ ބޮޑަށް އިސްކަން މި ދެނީ އަޅުގަނޑުމެންގެ ހިދުމަތްތަކަށް ބުރޫ ނާރާ ގޮތަށް ހިދުމަތްތައް ކުރިއަށްގެންދެވޭނެ ގޮތަކަށް ބަލައިގެން ފައިސާ ދެއްކުމަށް،“. ވަޒީރު ވިދާޅުވިއެެވެ.

އަދި އެ ކުންފުނިން ހޯދަމުންދާ ހިދުމަތްތަކަށް ފައިސާ ދެއްކުމުގެ ކަންކަން މިހާރު ދުވަހުން ދުވަހަަށް ކުރެވެމުންދާކަމަށްވެސް ޒީނާ ވަނީ ފާހަގަކުރަައްްވާފައެވެ.

ޒީނާ ވަނީ އެ ކުންފުނީގެ ހަރަދު ކުޑަ ކުރުމަށް ކުރަމުންދާ މަސައްކަތަކަށްވެސް އަލި އަޅުވާލައްވާފައެވެ. ޒީނާ ވިދާޅުވީ، ދުވަހުން ދުވަހަށް ކުރަމުންދާ ހަރަދު ކުޑަކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން %20 ކުޑަކުރެވިފައިވާ ކަަމަށެވެ. އަދި ކުންފުނިން ނަގާފައިވާ ބައެއް ބޭނުން ނުކުރާ ލައިންސަންސް އާއި ފްރިކުއެންސީތައް ބާތިލް ކުރުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅާފައިވާކަމަށްވެސް ވިދާޅުވިއެވެ.

ޒީނާ ވިދާޅުވީ މަގާމާއި ހަވާލުއިިރު އެ ކުންފުނީގެ ތިޖުރީގައި އެންމެ ފައިސާއެއްވެސް ނެތް ކަމަަަށެވެ.

”މި ދެންނެވީ އެންމެ 10ރުފިޔާއެއްހާ ހިސާބުވެސް ޕީއެސްއެމްގެ ތިޖޫރީގައި ނެތް، ޕީއެސްއެމްގެ ޑޮލަރު އެކައުންޓުގައި އެންމެ ޑޮލަރެއްވެސް ނެތް. ތަހުގީގަށް ދައްކާގޮތުގައި ތިޖޫރީގައި ހުރީ ހަތް ރުފިޔާ.“.

މި މައްސަލަތަކާއި ގުޅިގެން ޕީއެސްއެމް އިން ވަނީީ ފުލުހަށް މައްސަލަ ހުށަހަޅާފައެވެ. އަދި އެ ކުންފުނީގެ ފައިނޭންސް ހެޑް ވަނީ ވަޒީފާއިން ވަކި ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!