ރައީސްގެ އެންގުމަށް ފަލަސްތީނަށް އެހީވުމަށް ޕީއެސްއެމުން ޓެލެތޯނެއް ބާއްވަނީ
ދެންމެ | 30 މެއި 2024

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށް ފަލަސްޠީނަށް އެހީވުމަށް ޚާއްސަ ޓެލެތޯނެއް ކުރިއަށް ގެންދިއުމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން ނިންމައިފިއެވެ.

މި ޓެލެތޯން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫންމަހުގެ 12 ވަނަ ދުވަހުއެވެ. ޓެލެތޯނާއި ގުޅޭގޮތުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވީ ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ޓެލެތޯން ކުރިއަށްގެންދާނީ އިޖުތިމާޢީ ބޮޑު ހަރަކާތެއްގެ ގޮތުގައި ކަމަށެވެ.

”ޓެލެތޯން ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ މީހުންނަށް އެފުރުޞަތު އެބައޮތް. ޓެލެތޯންގައި ބައިވެރިވުމުގެ ފުރުޞަތު ޖަމްއިއްޔާތަކާއި ޓީވީ އަދި ނޫސް މަޖައްލާތަކަށްވެސް ވަނީ ހުޅުވާލެވިފައި. ރަށްރަށުގެ ކައުންސިލްތަކާއި ކުންފުނިތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އެބައޮތް. ހާލުގައިޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެކަށީގެންވާ އެހީތެރިކަމެއް ލިބޭނެކަމަށް އުންމީދުކުރަނީ“. ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވިއެވެ.

 

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ބާއްވާ ޓެލެތޯންގެ ފަންޑު ފޮށި މާލެ ސަރަހައްދުގެ އޮފީސްތަކާއި ސްކޫލުތައް ކައިރީގައި އަދި ޕާކުތަކާއި މީހުން ގިނައިން އެއްވެއުޅޭ ސަރަހައްދުތަކުގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ޖޫންމަހުގެ 12ވާ ބުދަ ދުވަހުގެ ހެނދުނު 8އިން ރޭގަނޑު 12:00އަށް ޓެލެތޯން ކުރިއަށް ގެންދާއިރު މި ޚާއްސަ ލައިވް ކަވަރޭޖް ޓީވީއެމްއާއި، ޕީއެސްއެމް ނިއުސް އަދި ދިވެހިރާއްޖޭގެ އަޑުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދައުލަތުން ދެމުންދާ ހަމަލާތަކުގައި ކުށެއްނެތް އެތައްބަޔަކު ޝަހީދުވެ ގިނައަދަދެއްގެ މީހުން ހާލުގައިޖެހެމުންދާއިރު ދިވެހީން ދަނީ ފަލަސްޠީނަށް އެހީވުމުގައި ނަމޫނާ ދައްކަމުންނެވެ.

މި ޓެލެތޯނާ ގުޅޭ މަޢުލޫމާތު [email protected] އަށް އީމެއިލް ކުރުމުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!