އިޒްރޭލުން ދިވެހިން ދެކެ ބިރުގެންފި، ރާއްޖެއިން ޔަހޫދީން ފައިބާން އަންގައިފި
ދެންމެ | 03 ޖޫން 2024

ރާއްޖޭގައި ތިބި އިޒްރޭލުގެ ފަތުރުވެރިން ރާއްޖެއިން ފޭބުމަށާއި ރާއްޖެއަށް ދަތުރު ނުކުރުމަށް އެގައުމުގެ ފޮރިން މިނިސްޓްރީން އެދިއްޖެއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގާނޫނު އިސްލާހުކުރަން ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިއަދު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ކަމަށެވެ. އެހެންވެ، އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމަށެވެ.

އެ ނިންމުމާ ގުޅިގެން އިޒްރޭލުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިއަދު ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައި ބުނީ އިޒްރޭލު މީހުންނަށް ރާއްޖެ އެތެރެނުވެވޭ ގޮތް ހެދުމަށް ދިވެހި ސަރުކާރުން ނިންމައިފައިވާ ކަމަށެވެ. އެހެންކަމުން އިޒްރޭލު މީހުންނާއި އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ މީހުން، ރާއްޖެއަށް ދަތުރު ނުކުރުމަށް އިޒްރޭލު ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

”ރާއްޖޭގައި މިހާރު ތިބި އިޒްރޭލުން މީހުން ރާއްޖެއިން ފޭބުމަށް އެދެން. ކަމެއް ދިމާވެއްޖަނަމަ އެހީވާން އުނދަގޫވާނެ،“ އިޒްރޭލު ފޮރިން މިނިސްޓްރީން ބުންޏެވެ.

މިދިޔަ އަހަރު އިޒްރޭލުގެ 11،000 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.

މީގެކުރިން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް އިޒްރޭލުން ވަނީ ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އަންގައި ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!