ދެކުނު އޭޝިއާ ސަރަހައްދުގައި އެންމެ ބަރު މީހުން އުޅެނީ ރާއްޖޭގައި ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.
ހެލްތް މިނިސްޓްރީން މިގޮތަށް ހާމަކުރީ “ދުޅަހެޔޮ ދިރިއުޅުމަކަށް ޖިސްމާނީ ހަރަކާތްތައް ހިންގުމުން”ގެ މައުޟޫއު އަށް މިއަދު ބޭއްވި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގަ އެވެ.
މި ހަރަކާތަކީ ޔޫއެންޑީޕީގެ އިސްނެގުމުގެ މަތިން ހިންގާ ހަރަކާތެކެވެ.
ރަސްމިއްޔާތުގައި، ހެލްތުގެ ޕާމަނަންޓް ސެކްރެޓަރީ އައިޝަތު ސާމިޔާ ވިދާޅުވީ ބޮޑީ މާސް އިންޑެކްސް (އިސްކޮޅާއި އުމުރާއި) އަޅާބަލާއިރު ހުންނަންޖެހޭ މިންވަރަށްވުރެ ގިނަ ދިވެހިންގެ ބޮޑީ މާސް އިންޑެކްސް ބޮޑުކަން ފާހަގަކުރައްވާފަ އެވެ.
މި މޭރުމުން ވާހަކަދައްކަވަމުން ސާމިޔާ ވިދާޅުވީ ރާއްޖޭގައި ގިނަ މީހުން ފަލަވާން މެދުވެރިވަނީ ދިރިއުޅުމުގެ ވައްޓަފާޅި ބަހައްޓާ ގޮތުން ކަމަށެވެ. އެގޮތުން ހެލިފެލިވެ އުޅުން ކުޑަވުމާއި ކެއިން ބުއިމާއި އެހެނިހެން އާދަތައް ސިއްހަތަށް ނުރަނގަޅު ގޮތަކަށް ގެންގުޅުމުގެ ސަބަބުން ޒުވާން އުމުރުގައި ގިނަ މީހުންގެ ސިއްހަތަށް ގެއްލުންވާ ކަމަށާއި އެކަމުގެ ވޭނުގައި މަސައްކަތް ކުރަންޖެހޭ އުމުރުގައި ބައެެއް މީހުން މަރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސާމިޔާ މިފަދައިން ވިދާޅުވެފައިވާއިރު ރާއްޖެއަކީ އެންސީޑީ ނުވަތަ ގައިންގަޔަށް ނާރާ ބަލިތައް ގިނަ ގައުމެކެވެ. އެއާއެކު، ސާމިޔާ ވަނީ ހިތުގެ ބަލިއާއި ކެންސަރު އަދި ފުއްޕާމޭގެ ބަލިތަކަށް އާސަންދައިން ކުރަން ޖެހޭ ހަރަދު ބޮޑުކަން ފާހަގަކުރައްވާފަ އެވެ.
“މި މަގުން ކުރިއަށް ދާނަމަ އަޅުގަނޑުމެންގެ ސިއްހީ ނިޒާމު ފުނޑުފުނޑުވެގެންދާނެ. މި ބަދަލު ގެންނަން މިހާރު ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތް ވަރަށް ބޮޑަށް ބަދަލުކުރަންޖެހޭ. އެކަމަކީ، މި ތަނުގައި ތިބި ކޮންމެ ފަރުދެއްގެ ހިސާބުން ފަށަން ޖެހޭ ކަމެއް،” ސާމިޔާ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވަނީ މި ހާލަތު ބަދަލުކުރަން ދިވެހި ޒުވާނުންގެ މެދުގައި ދުޅަހެޔޮ ހަރަކާތްތައް ރޭވުމަށް އެ މިނިސްޓްރީން ތައްޔާރަށް ހުރި ކަމަށް ވިދާޅުވެފަ އެވެ.