ގާނޫނު އަސާސީ އާއި ހިލާފަށް ފަނޑިޔާރުން ވަކިކުރުން މާދަމައަށް އެޖެންޑާ ކޮށްފި.
ދެންމެ | 05 ޖޫން 2022

ޤާނޫނު އަސާސީއާ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނާ ޚިލާފަށް ހައިކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ ހޯމަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ، ޖޭއެސީން މަޖިލީހަށް ފޮނުވި މައްސަލަ، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓެވެ. އިމްތިޔާޒް ފަހުމީ ރިޔާސަތު ބަލަހައްޓަވާ، އަދި ރިޔާސަތުގެ ނާއިބަކަށް މޫސާ ސިރާޖް އިންނަވާ، އެމްޑީޕީގެ މެޖޯރިޓީ އޮންނަ ޖުޑީޝަރީ ކޮމިޓީން މި މައްސަލައިގައި ނިންމާފައިވަނީ ޖޭއެސްސީން ފަނޑިޔާރުން ވަކިކުރަން ނިންމާފައިވަނީ ޤާނޫނު އަސާސީއާ އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނާ، އަދި ޖޭއެސްސީން އަމަލު ކުރަމުން އަންނަ އިޖުރާއަތުތަކާ ޚިލާފަށް ކަމަށެވެ.

މި މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބައްލަވައި ނިންމެވުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސ އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނާއި އެފަދަ މައްސަލަތައް ބެއްލެވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ ބައެއް އިޖުރާއަތުތައް ފުރިހަމަކޮށްފައިނުވާކަމަށާއި، މި މައްސަލައިގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިނުވާތީ، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްޓަކައި އިޖުރާއޯ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް އަލުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ފޮނުވުމަށް ފެންނަކަމަށް ކޮމިޓީގެ ބައްދަލުވުމުގައި ވޯޓަށް އެހިއިރު، އެވަގުތު ބައްދަލުވުމުގައި ހާޒިރުވެ ތިބި ވޯޓުގައި ބައިވެރިވި 7 މެންބަރުންގެ އިއްތިފާޤުން ފާސްކޮށްފައިވެއެވެ.

ޖޭއެސްސީގެ ނިންމުން ޤާނޫނު އަސާސީއާ ޚިލާފު ކަމަށް ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައި އޮތް ނަމަވެސް، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުންވަނީ ފަނޑިޔާރުން ވަކިކުރުމަށާއި، އަދި ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓް ބަލައިނުގަތުމަށް ތްރީ ލައިން ވިޕެއް ނެރެފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި ކަމާ ގުޅޭ ގޮތުން ރަސްމީކޮށް އެމްޑީޕީން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މި މައްސަލަ ހޯމަ ދުވަހަށް އެޖެންޑާ ކުރާނެ ކަމަށް މި ދިޔަ ހަފުތާގައި މަޖިލީހުގެ ރައީސްވަނީ ވިދާޅުވެފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހައިކޯޓުގެ ފަނޑިޔާރު ވަކިކުރަން މަޖިލީހަށް ފޮނުވާފައިވާއިރު، ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ހައިކޯޓުގެ ފަނޑިޔާރު ވަކިކުރަން ނިންމާފައެއް ނުވެއެވެ. އެހެންނަމަވެސް މީގެ ކުރިން ތަހުގީގު ކޮމިޓީން ވަކިކުރަން ނިންމާފައިވާ ފަނޑިޔާރުން ޖޭއެސްސީން ވަކިކުރަން ހުށަހަޅާފައިނުވާކަން ފާހަގަ ކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!