ދިވެހިންނަށް ދުރޫސުލް އަހްލާގް ކިޔަވައިދިނުން ނޫން ގޮތެއް ނެތް!
ދެންމެ | 22 ޖޫން 2024

އިންސާނީ މުޖުތަމައުތަކުގައި އެންމެން ހަމަޖެހިގެން އަމާންކަންމަތީ ދިރިއުޅުމަށްޓަކައި ރިވެތި އަޚުލާގަކީ ނުހަނު ބޭނުންތެރި އެއްޗެކެވެ. ރިވެތި އަޚުލާގު ނެތިއްޖެ ތަނެއްގައި ނުބައި ކަންތައްތައް އާންމުވެ، ހަމަނުޖެހުމާއި ތަޅާފޮޅުންތައް ގިނަ ވާނެ އެވެ. ވައްކަމާއި ފޭރުމާއި މާރާމާރީ ހިންގުން ފަދަ ނުބައި ޖަރީމާތައް އިތުރު ވާނެ އެވެ. މިކަން އަހަރެމެންގެ މި ކުޑަކުޑަ ރާއްޖެ އިން ވެސް ދަނީ ފެންނަމުންނެވެ.

މިކަމުގެ އެންމެ މުހިންމު ހައްލަކީ އަޚުލާގީ ގޮތުން ދަރިން ތަރުބިޔަތު ކުރުމެވެ. މި ތަރުބިޔަތުގެ މަސްއޫލިއްޔަތު މުޅި މުޖުތަމައުގެ ހުރިހާ ޖަމާއަތްތަކުން އަދާކުރަން ޖެހެ އެވެ. ނަމަވެސް މި ޒިންމާ އެންމެ ފުރަތަމަ ނަގަން ޖެހޭ ބަޔަކީ ބެލެނިވެރިން ނުވަތަ އާއިލާ އެވެ. އެހެނީ ކުދިންގެ ތަރުބިޔަތު ފެށިގެން އަންނަނީ އާއިލާ އިން ކަމަށް ވާތީ އެވެ. އާއިލާ އިން މި މަސްއޫލިއްޔަތު ނުއުފުލައިފި ނަމަ ބައެއްގެ ހައްގުތައް ގެއްލިގެން ދެ އެވެ. މުޅި އާއިލާ ފުނޑުފުނޑުވެ، ކުށްތަކާއި ޖަރީމާތަކުގެ މުޖުތަމައަކަށް ދަރިންތައް ނެރެވިދެ އެވެ.

އަޚުލާގީ ތަރުބިޔަތުގެ އެންމެ އިސްފަރާތަކީ އާއިލާ
އިންސާނާ އަޚުލާގީ ގޮތުން ތަރުބިޔަތު ކުރުމަށް އިސްލާމްދީނުގައި ވަރަށް ބޮޑު ސަމާލުކަމެއް ދީފައި ވެ އެވެ. މި ތަރުބިޔަތު ކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު އަދާ ކުރަންޖެހޭ ފަރާތަކީ އާއިލާ ކަމުގައި ބަލާފައި ވެ އެވެ. ކީރިތި ޤުރުއާނުގެ އައްތަޙްރީމު ސޫރަތުގެ ހަ ވަނަ އާޔަތުގައި މާތްﷲ އަންގަވަނީ މުއުމިނުން އެ މީހުންގެ ނަފްސުތަކާއި އެ މީހުންގެ އަނބިދަރިން ނަރަކައިން ސަލާމަތް ކުރުމަށެވެ. ނަރަކައިން ސަލާމަތް ވެވެނީ މާތްﷲ އަށް ތަގުވާވެރި ވެގެންނެވެ.

ތިމާ ތަގުވާވެރި ވުމުގެ އިތުރަށް ތިމާގެ އަނބިދަރިން ތަގުވާވެރި ކުރުމަށް މަސައްކަތް ކޮށްގެން ނޫނީ އެންމެން ނަރަކައިން ސަލާމަތް ވުމުގެ ފުރުސަތެއް ނެތެވެ. ކީރިތި ރަސޫލާ ﷺ އަންގަވަނީ ކޮންމެ މީހަކީ ވެސް މަސްއޫލިއްޔަތުތަކެއް އުފުލަން ޖެހޭ މީހެއް ކަމުގަ އެވެ. ފިރިހެނާ އޭނާގެ އާއިލާއާ މެދު މަސްއޫލު ވާން ޖެހޭކަން އެކަލޭގެފާނު ވަނީ ބަޔާން ކުރައްވާފަ އެވެ. މި މަސްއޫލިއްޔަތު ފުރިހަމަ އަށް އަދާކުރެވުނު ކަމަށް ވާނީ އާއިލާ ހެޔޮގޮތުގައި ތަރުބިޔަތު ކޮށްގެންނެވެ. ދަރިން ހެޔޮގޮތުގައި ތަރުބިޔަތު ކުރުމަށް ކުރާ މަސައްކަތަކީ އެ ކަމަށް ވަރަށް ބޮޑު ހެޔޮ ޖަޒާ ލިބެނިވި ކަމެއްކަން އިސްލާމް ދީން ބަޔާން ކުރެ އެވެ. އިސްލާމްދީނުގައި އާއިލީ ތަރުބިޔަތަށް މި ވަރުގެ ސަމާލުކަމެއް ދީފައި ވަނީ އާއިލާއަކީ މުޖުތަމައުތައް އުފެދުމުގެ ބިންގާ ކަމުގައި ވާތީ އެވެ. މުޖުތަމައުގައި ރިވެތި އަޚުލާގު ދެމިގެންދާނީ އާއިލާތަކުގައި އަޚުލާގީ ތަރުބިޔަތެއް ގާއިމު ކުރެވިގެން ކަމަށް ވާތީ އެވެ. ނަމަވެސް ސުވާލަކީ މި ކަމަށް ސަމާލުކަންދީ، މިކަމަށް ބާރު އަޅައިގެން އަހަރެމެންނަށް މަސައްކަތް ކުރެވޭބާ އެވެ؟

އާއިލާގެ ދައުރު އަދާނުވުމަށް މެދުވެރިވާ ސަބަބުތައް
އަޚުލާގީ ތަރުބިޔަތުގެ އެންމެ އިސް ދައުރު އާއިލާ އިން އަދާކުރަން ޖެހުނަސް މިކަން އެންމެ އެދެވޭ ގޮތުގައި އަދާނުކުރެވެ އެވެ. މިހެން ވަނީ ވަރަށް ގިނަ ސަބަބުތަކެއް ނުވަތަ ގޮންޖެހުންތަކެއް ހުރުމުންނެވެ. މި ކަންކަން ދެނެގަނެ މި ކަންކަމުން ސަލާމަތް ވާން ކޮންމެ އާއިލާއަކުން ވެސް މަސައްކަތް ކުރަން ޖެހެ އެވެ. އަޚުލާގީ ތަރުބިޔަތުގެ ދައުރު އާއިލާ އިން އަދާނުކުރެވޭ އެއް ސަބަބަކީ އެންމެ ފުރަތަމަ އާއިލާއެއްގެ މުހިންމު ކަމާ މެދު ހަރުދަނާ ވިސްނުމެއް އަހަރެމެންނަށް ނުގެން ގުޅެވޭތީ އެވެ. ބައެއް މީހުން ބަލަނީ އާއިލާއެއް ބެލެހެއްޓުމަކީ ނުއުފުލޭ ވަރުގެ ބޮޑު ޒިންމާއެއް ކަމަށެވެ. ނުވަތަ އާއިލާއެއް އުފެދުމުގެ ބޭނުމަކީ ހަމައެކަނި އިންސާނީ ޣަރީޒާތަކެއް ފުއްދުމަށް ކުރާ ކަމެއް ކަމަށެވެ. ނަމަވެސް ހަގީގަތަކީ ތިމާ އުފުލަން ޖެހޭ މުހިންމު ޒިންމާތަކެއް ވާ ކަމެވެ. މީގެ ތެރޭގައި އަޚުލާގީ ތަރުބިޔަތު ހިމެނެ އެވެ. މިއީ މަސައްކަތް ކޮށްފި ނަމަ ނުވާވަރުގެ ކަމެއް ނޫނެވެ.

ދެ ވަނަ ސަބަބަކީ، އަޚުލާގީ ތަރުބިޔަތުގެ މަސްއޫލިއްޔަތު ތަންފީޒު ކުރުމުގައި ފަރުވާކުޑަ ކުރެވުމެވެ. ދިރިއުޅުމުގެ ތަފާތު އެހެން ޒިންމާތަކުގައި ބެލެނިވެރިން މަޝްޣޫލުވެ ހުރިހާ ވަގުތަކާއި ހުރިހާ ސަމާލުކަމެއް ދީފައި އަޚުލާގީ ތަރުބިޔަތުގެ ދައުރު އަދާކުރުމުގައި ސަމާލުކަން ނުދެވުމެވެ. ދިރިއުޅުމަށް ކުރާ މަސައްކަތް ކުރަނީ ދަރިން ތަރުބިޔަތު ކުރަން (ދަރިންގެ ޖިސްމާނީ، މާއްދީ ބޭނުންތަކަށް ބޭނުންވާ ހަރަދު ހޯދަން) ކަމާ މެދު ދެބަސްވަނީކީ ނޫނެވެ. ނަމަވެސް ތަރުބިޔަތަކީ ހަމައެކަނި ދެތިން އަރިމަތިން ކުރަންޖެހޭ ކަމެއް ނޫނެވެ. ދަރިންގެ ތަރުބިޔަތުގެ ތެރޭގައި ރޫހާނީ ގޮތުންނާއި އަޚުލާގީ ގޮތުން ތަރުބިޔަތު ކުރުމަކީ އެންމެ އިސްކަން ދޭން ޖެހޭ އަރިމަތިތަކަށް ވާން ޖެހެ އެވެ.

ތިން ވަނަ ސަބަބަކީ، އާއިލާގެ މަސްއޫލިއްޔަތު އުފުލަން ތިބޭ މީހުން ނަމޫނާ ބަޔަކަށް ނުވެވުމެވެ. ނަމޫނާ ބަޔަކަށް ވުމަކީ ތިމާގެ އުޅުމާއި ސުލޫކު ވަކި ގޮތެއްގައި ހުރެފައި ކުދިންގެ ކުރިމަތީ އެހެން ގޮތަކަށް ދެއްކުމެއް ނޫނެވެ. އެކަމަކު، ނަމޫނާ އަކަށް ވުމަކީ ތިމާގެ އުޅުމާއި ސުލޫކު އެންމެ ފުރަތަމަ ވެސް ރިވެތި ވުމެވެ. އޭރުން ރީތި ނަމޫނާ (ދެއްކުމަކާ ނުލައި) ފެންނާނެ އެވެ. މިފަދަ ނަމޫނާ ބަޔަކަށް ނުވެވޭ ނަމަ ދަރިންގެ ކުރިމަތީ ބެލެނިވެރިންނަކީ އެއްވެސް ބާރެއް ނެތް ބަޔަކު ކަމުގައި ވެ ދެ އެވެ. އެހެނީ ރަނގަޅު ކަމަކަށް އަމުރު ކުރަން ނުވަތަ އެފަދަ ކަމެއް ހަނދާން ކޮށްދޭން ބަލާއިރު ތިމާ އަކީ އެފަދަ މީހަކަށް ނުވާ ނަމަ ދަރިންގެ ގާތުގައި އެފަދަ ކަމެއްގެ ވާހަކަ ބުނަން ޖެހިލުން ވާނެ އެވެ. އެހެންވެ، ދެން ޖެހެނީ އެކަމުގެ ވާހަކަ ނުދައްކައި ހުންނާށެވެ. ނަތީޖާއެއްގެ ގޮތުން ދަރިން އެދާ ދިމާއަކުން ދަނީ އެވެ. މައިންބަފައިންގެ އެއްވެސް ހިފެހެއްޓުމެއް ނޯންނާނެ އެވެ.

އަޚުލާގީ ތަރުބިޔަތު އާއިލާގެ ތެރޭގައި ނެތިދާ ހަތަރު ވަނަ ސަބަބަކީ، ދިރިއުޅުމުގެ އެކިއެކި ކަންކަމަށް އަންނަ ތަރައްގީއާ ގުޅިގެން އަންނަ ބަދަލުތަކާ މެދު ދޭންވާ ސަމާލުކަން ނުދެވުމެވެ. ތަފާތު ޓީވީ ޗެނަލްތަކާއި އިންޓަނެޓާއި ނޫސް މަޖައްލާތަކުން ޝާއިއު ކުރާ ލިޔުންތަކާއި ފޮނުވާ ޕްރޮގްރާމް ތަކާއި ޚަބަރުތައް ފަދަ އެއްޗެއްސަކީ އެ ތަކެތި އުފައްދާ ފަރާތްތަކުން އެކަން ކުރުމުގައި އޮންނަ ވިޔަފާރީގެ މަގުސަދުތަކެއް ހާސިލު ކުރުމަށް (ނުވަތަ ބައެއް ފަހަރު ގަސްދުގައި މުސްލިމުންގެ ވިސްނުމަށް ބަދަލު ގެނެސް އެބައިމީހުންގެ ސަގާފަތު ބަދަލު ކުރުމަށް) ކުރާ ކަންތައްތައް ކަން އަހަރެމެންނަށް ނޭނގެ އެވެ. އެހެންވެ، ތަފާތު އާލާތްތަކުގެ އެހީގައި މިފަދަ ފިކުރުތަކަށް ދިއުމަށް ވަރަށް މިނިވަންކޮށް ދޫކޮށްލެވެ އެވެ. ދުރާލާ މިފަދަ ކަންކަމާ މެދު ވިސްނައި އެކަށޭނަ ފިޔަވަޅެއް ނޭޅިއްޖެ ނަމަ ފަހުން ކަންތައްތައް ގޯސްވުމުން ދެން ހަދާނެ ގޮތް އޮންނާނީ ހުސްވެފަ އެވެ.

ފަސް ވަނަ ސަބަބަކީ، އިސްލާހު ކުރަން މަސައްކަތް ނުކުރެވުމެވެ. ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުން އެއީ ގޭތެރޭގައިވެސް އަދާކުރެވެން ޖެހޭ ދީނީ މުހިންމު ރުކުނެކެވެ. ނަމަވެސް އަހަރެމެންނަށް ވާ ގޮތަކީ މި ދައުރު އެއްގޮތަކަށް ވެސް އަދާނުކުރެވުމެވެ. ނުވަތަ މިކަމުގައި ބައެއް ފަހަރު ވަރަށް ހަރުކަށި ވެފައި އަނެއްބައި ފަހަރު އެއްވެސް ވަރަކަށް އަޅާނުލައި ދޫކޮށްލެވުމެވެ. މިހެން ހެދުމުން ދަރިންނަށް ރަނގަޅު ނުރަނގަޅު އޮންނާނީ އޮޅިފަ އެވެ.

އަޚުލާގީ، ރޫހާނީ ތަރުބިޔަތަށް އެންމެ އިސްކަންދޭން ޖެހޭ
އަޚުލާގީ ތަރުބިޔަތު މުހިންމުވުމާއި މި ކަމުގައި އާއިލާގެ މަސްއޫލިއްޔަތު ބޮޑުވުމާއި މި މަސްއޫލިއްޔަތުގައި އިހުމާލުވުން އާންމުވުމާ އެކު، މިއަދު އަހަރެމެން އެންމެ އިސްކަމެއް ދޭން ޖެހޭ ކަމަކީ އަޚުލާގީ ތަރުބިޔަތަށް ވާން އެބަޖެހެ އެވެ. މިއީ ދަރިން ތަރުބިއްޔަތު ކުރުމުގެ ތެރޭ ހިމެނޭ އެންމެ މުހިންމު އެއް އަރިމަތިކަން ދެނެގަންނަން ޖެހެ އެވެ. ގޭގެތެރެއިން މި ތަރުބިޔަތު ދަރިންނަށް ނުދެވޭ ނަމަ ބޭރުން އެކަން ކޮށްދޭނެ އެހެން ބަޔަކު ނުވާނެކަން ވިސްނަން ޖެހެ އެވެ. ބޭރުން ލިބޭ ތަރުބިޔަތަކީ ހަގީގަތުގައި ރިވެތި އަޚުލާގާ ފުށުއަރާ ތަރުބިޔަތެއް ކަމުގައި ވެދާނެކަން ވެސް ދެނެގަންނަން ޖެހެއެވެ.

މި ކަންކަން ދެނެގަތުމަށް ފަހު، އަޚުލާގީ ފުރިހަމަ ތަރުބިޔަތެއް ދިނުމަށްޓަކައި އިސްލާމީ އިރުޝާދު ތަކާ އެއްގޮތަށް ކޮންމެ އާއިލާއަކުން ވެސް ބުރަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. ކުރިމަތީގައި ކިތަންމެ ގިނަ ހުރަސްތަކެއް ހުއްޓަސް އަދި ތިމާ ކުރަމުން ގެންދާ މަސައްކަތް އެހެން ބައެއްގެ ސަބަބުން ހީނަރުވެގެން ދިޔަސް އަޒުމަށް ބަދަލެއް ނުގެނެސް ކެތްތެރިކަން މަތީ މަސައްކަތް ކުރަން ޖެހެ އެވެ. މިއަދު މިކަން ކިތަންމެ އުނދަގޫ ކަމަކަށް ވިއަސް މި އުނދަގޫ އުފުލަން ޖެހެ އެވެ. ހުރަސްތައް ގިރާކުރަން ޖެހެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!