ރައީސް އިބުރޭ ޖަވާހިރު ބިން ހިލޭ ބެހުމުން ހިޔާ ފްލެޓްތަކުން ކުލި ދެއްކުން ހުއްޓާލަނީ
ދެންމެ | 01 ޖުލައި 2023

މާލޭގެ ވަޒަންވެރިންގެ ތެރެއިން މާލޭ މީހުންނަށް އެކަނި ގޯތި ބެހުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އިޖުތިމާއީ ބޯހިޔާވަހިކަމުގެ ގޮތުގައި ކުއްޔަށް ދޫކޮށްފައިވާ ފުލެޓުތަކުގެ ކުލި ދެއްކުން ހުއްޓައިލުމާ ގުޅޭ މަޝްވަރާތައް ފަށައިފިއެވެ.

ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމާ ގުޅޭ މައްސަލަތަކާ ގުޅިގެން މީގެ ކުރިންވެސް އެކި ކަހަލަ މަސައްކަތްތައް ކުރި އާންމުންގެ އެކުވެރިކަމުގެ ގުޅުމުން މި މަޝްވަރާތައް އިސްނަގައިގެން ފަށާފައިވާއިރު، އެ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާފައިވެއެވެ.

އާންމުންގެ އެކުވެރިކަމުގެ ގުޅުމުން ބުނި ގޮތުގައި ހިލޭ ގޯތި ބަހަން ސަރުކާރުން ނިންމުމުން ހުރިހާ އިޖުތިމާއީ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ކުލި ދެއްކުން ހުއްޓައިލުމާމެދު މަޝްވަރާތައް ފަށާފައިވާކަމަށެވެ. މިއަދު އޮތް ފުރަތަމަ މަޝްވަރާ ބައްދަލުވުން އޮތީ ހިޔާ ފުލެޓުތަކުގެ އެޗް-4 ޓަވަރުގައި ދިރިއުޅޭ މީހުންނާއެކުއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ގިނަ ބަޔަކު ފާހަގަކުރީ ފުލެޓު ސަރުކާރު ފައިސާއިން އަޅާ ގޮތަށް ބިން ހިއްކައި ތަރައްޤީކުރަނީވެސް ސަރުކާރުންކަމަށްވާއިރު، ބިންތައް ހިލޭ ބަހާފައި ފުލެޓު ބޮޑު އަގުގައި ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ހިޔާ ފުލެޓުތަކުގައި އުޅެނީވެސް މުއްސަނދިން ނޫންކަން ފާހަގަކޮށް އެމީހުން ބުނެފައިވަނީ ފުލެޓު ލިބުނީ ދިރިއުޅުމުގެ ހާލަތަށްވެސް ރިއާޔަތްކުރުމަށްފަހު ކަމަށެވެ. ފުލެޓަށްވުރެ ގޯތި ހިލޭ ލިބުނުނަމަ އެމީހުންނަށްވެސް ލިބޭ ފައިދާ ބޮޑުވާނެކަމަށް މި މަޝްވަރާގައި ބައިވެރިވި މީހުން ފާހަގަކުރިއެވެ.

އާންމުންގެ އެކުވެރިކަމުގެ ގުޅުމުން ބުނެފައިވަނީ، މި މަޝްވަރާ ބައްދަލުވުންތަކަށްފަހު އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ފުލެޓު ލިބުނު ފަރާތްތަކުން ކުލި ދެއްކުން ހުއްޓައިލުމާމެދު ގޮތެއް ނިންމައި އިއުލާނުކުރާނެ ކަމަށެވެ.

މާލެ ސަރަހައްދުން 5،000 އަށްވުރެ ގިނަ ގޯތި ބަހަން ނިންމާފައިވާއިރު، ހަމައެކަނި ހުޅުމާލެއިން ބަހާ ހާހެއްހައި ގޯތީގެ އަގު 866 މިލިއަން ރުފިޔާއަށް އަރައެވެ. އެ ގޯތި ސަރުކާރުން އާބަންކޯއިން ގަތީ އެ ފައިސާ އެ ކުންފުންޏަށް ދައްކާފައެވެ. ނަމަވެސް ގޯތި ލިބޭ މީހުން ދައުލަތަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!