ފަރުވާއެއް ހޯދަން ވެސް ސިހްރުވެރިއެއް ގާތަށް ދިއުމަކީ ނުރައްކާތެރި ބިރުވެރިކަމެއް!
ދެންމެ | 24 ޖޫން 2024

ސިޙުރެއް ޖެހުމުން އެކަމުން ސަލާމަތްވާން ސިޙުރުވެރިއެއްގެ ގާތަށް ދިއުން ހުއްދަތޯ ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ.

ޖަވާބަކީ ހުއްދައެއް ނޫނެވެ. އެބާވަތުގެ ކަމަކާއި ގުޅިގެން މީހެއްގެ އެހީތެރިކަން ހޯދަން ޖެހޭނަމަ އެމީހަކަށް އެންމެ ބޮޑަށް އިތުބާރުކުރެވޭ ޝަރުޢީ ރުޤްޔާކުރާ މީހެއްގެ އެހީތެރިކަން ހޯދާށެވެ! އެކަން ތިރީގައިވާ ލިޔުމުން ސާފުވެލައްވާނެއެވެ. އިން ޝާ ﷲ

އަލްއިމާމް އަޙްމަދު ބުނު ޙަންބަލްގެ އަރިހުގައި ސުވާލު ދެންނެވުނެވެ. ސިޙްރު ޖެހިފައިވާ މީހާގެ ކިބައިން ސިޙްރު ދުރުކުރުމުގެ ގޮތުން ކަންތައް ކުރާ މީހާއާމެދު ކިހިނެއްތޯއެވެ؟ އޭނާ ވިދާޅުވިއެވެ. އެއީ އެންމެ ރަނގަޅު ކަމެކެވެ. އެކަމުގައި ނުބައެއް ނެތެވެ. ފަހެ އެބާވަތުގެ ޢަމަލުގެ ޙުކުމް ތަބަޢަވެގެންވަނީ ޤަޞްދާއެވެ. މިގޮތުން އެކަމުގެ ޤަޞްދަކީ ހެޔޮކަމެއް ކަމުގައިވާނަމަ އެކަން ޖާއިޒެވެ. ނޫންނަމަ އެއީ ޙަރާމް ކަމެކެވެ. އަދި އެކަމަކީ ޝިރްކާ ދިމާއަށްދާ ކަމެއް ކަމުގައިވާނަމަ އެވާނީ ކުފުރުގެ ޢަމަލެއް ކަމަށެވެ.

ޑޮކްޓަރ ޢަބްދުލްޣަނީ އައްރާޖިޙީ ވިދާޅުވެއެވެ. ސިޙްރު ހަދައިގެން މީހަކު މަރާލައިފި މީހަކު މަރައިލެވޭނެއެވެ. އަދި ކީރިތި ރަސޫލާ ﷺ ގެ ޙަދީޘެއްގައިވާ ގޮތުން ސިޙްރުވެރީންގެ ގާތަށް ދިޔުމީ ޙަރާމް ކަމެކެވެ. އެޙަދީޘްގައިވަނީ މިފަދައިންނެވެ. “ مَنْ أتى سَاحِرًا أو كاهِنَاً أو عرَّافاً وَصَدَّقَهُ بما قَالُ فقد كفَر بما أُنزِلَ عَلى مُحّمَّدٍ “ މާނައީ: ސިޙްރުވެރިއެއް ނުވަތަ ކާހިނެއް ނުވަތަ ޢައްރާފެއްގެ ގާތަށް ގޮސް އެމީހަކު ބުނާ އެއްޗެއް ތެދުކޮށްފި މީހަކު މުޙައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވުނު ތަކެއްޗަށް ކާފިރު ވެއްޖެކަން ކަށަވަރެވެ.“

އައްޝައިޚް ޢަބްދުލްޢަޒީޒު ބުނު ބާޒު ވިދާޅުވެފައި ވެއެވެ. الله سبحانه وتعالى އެކަލާނގެ އަޅުތަކުންނަށް، ސިޙްރު ޖެހުމުގެ ކުރީން އޭގެ ނުބައިކަމުން ރައްކާތެރި ވާނެގޮތް އަންގަވައި ޝަރްޢު ކުރައްވާފައި ވެއެވެ. އަދި އެކަން ޖެހުމަށްފަހު އެއިން ސަލާމަތްވުމަށްޓަކައި ފަރުވާދޭނޭ މަގުވެސް ވަނީ އެބައިމީހުންނަށް އެކަލާނގެ ސާފުކޮށް ދައްކަވާފައެވެ. އެކަލާނގެ ޙަޟްރަތުން އެބައިމީހުންނަށް އޮތް ރަޙްމަތަކާއި އިޙްސާނެއްގެ ގޮތުންނެވެ. އަދި އެބައިމީހުންގެ މައްޗަށް އެކަލާނގެ ނިޢްމަތް ފުރިހަމަކޮށް ދެއްވުމެއްގެ ގޮތުންވެސް މެއެވެ. މިހެންކަމާއެކު އެކިއެކި ޤުރްބާންތައް ކުރުމާއި އެނޫންވެސް ގޮތްގޮތުން ޖިންނީންނާ ކައިރިވެގެން ސިހްރުވެރިޔާ ކުރާ ޢަމަލުގެ ޛަރީޢާއިން ފަރުވާ ލިބިގަތުމަކީ ޖާއިޒު ވެގެންވާ ކަމެއްނޫނެވެ. އެހެނީ ހަމަކަށަވަރުން އެއީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެކެވެ. އަދި ކީއްހެއްޔެވެ؟ އެއީ ބޮޑުވެގެންވާ ޝިރްކެކެވެ. މިހެންކަމުން ވާޖިބުވެގެންވަނީ އެފަދަ ކަންކަމާ ދުރުހެލިވެ ސަމާލުވެ ހުރުމެވެ. އަދި ހަމައެފަދައިން ޖިންނި ގެންގުޅޭ ކަމަށާއި އެއެއްޗެތީގެ ވާސިޠާއިން ޣައިބުގައިވާ ކަންތައް އެނގޭކަމަށް ބުނާ ކާހިނުންނާއި ފާލުބަލައި ރަމަލު ޖަހައި ހަދާ ޢައްރާފުންނާއި، ސިޙްރުހާހޫރަ ހަދާ މީހުންގެ ކައިރިއަށް ގޮސް އެމީހުން ބުނާގޮތަކަށް ހަދައި ފަރުވާ ލިބިގަތުންވެސް ހަމަ އެފަދައެވެ. އެހެނީ ހަމަކަށަވަރުން އެމީހުންނަކީ ދޮގުވެރި ފާޠިރު ބައެކެވެ. ޣައިބުގައިވާ ކަންތައް ދަންނަކަމަށް ދަޢުވާކޮށް މީހުންނަށް އޮޅުވާލާ ބައެކެވެ. އެފަދަ މީހުންގެ ގާތަށްގޮސް ސުވާލުކޮށް އެމީހުން ދައްކާ ވާހަކަތައް ތެދުނުކުރުމަށް ކީރިތި رسول الله صلّى الله عليه وسلّم އަންގަވައި އިންޒާރު ކުރައްވާފައިވެއެވެ.

މިހެންކަމުން އިސްވެދިޔަ ވާހަކަތަކުން އެނގޭ ގޮތުގައި އެއްވެސް ޙާލެއްގައި އެކިއެކި ކަންކަމު އެދިގެން ސިޙްރުވެރީންގެ ގާތަށް ދިޔުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ.

އަދި އައްޝައިޚު ޢަބްދުލްޢަޒީޒު ބުނު ބާޒު ވިދާޅުވެއެވެ. ސިޙްރުވެރީންގެ ގާތަށް ދިޔުމާއި އެމީހުންނާ މުޢާމަލާ ކުރުން ޙަރާމް ވެގެންވާއިރުވެސް އެމީހުންގެ ގާތަށް ދިޔުން ހުއްދަކަމަށް ފަތުވާދެއްވާ ބޭކަލުންގެ ވާހަކަ ދޭތެރެ ދޭތެރެއިން އަހުރެމެންނަށް އިވެމުން ދެއެވެ. އެއީ ސިޙްރުވެރީންގެ ގާތުގައި ބަލިބަލީގެ ފަރުވާ ހުރި ކަމެއްކަމަށް ބައެއް މީހުންނަށް ހީވާ ބަލިބައްޔަށާއި، ސިޙްރަށް ފަރުވާ ކޮށްލުމަށްޓަކައެވެ. ކޮންމެއަކަސް ސިޙްރުވެރީންގެ ގާތަށް ދިއުން ހުއްދަ ކުރައްވާ ބޭކަލުންގެ ބަހަކީ އެކަމަކީ މީހެއްގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި މީހެއްގެ އެހީ ހޯދުންފަދަ ކަމެކެވެ. ނަމަވެސް މިބައިމީހުންގެ މިގުދުވެގެންވާ ތަފްކީރުގެ މައްޗަށް އެއްވެސް ދަލީލެއް ޙުއްޖަތެއް ފެންނާކަށް ނެތެވެ. ޢިލްމުވެރީންނާއި އިމާމުވެރި ބޭކަލުންގެ ބަސްތަކުންވެސް އަހުރެމެންނަށް ފެންނަނީ އެމީހުންގެ ތަފްކީރު ބާޠިލް ކޮށްލަނިވި ދަލީލުތަކެވެ. އަދި ކީއްހެއްޔެވެ؟ ﷲ ތަޢާލާ އެކަލާނގެ ބާވައިލެއްވި ދީނާއި ފޮތާއި އެކަލާނގެ ފޮނުއްވި ރަސޫލާގެ ސުންނަތުން، ސިޙްރު އައިސް ޖެހުމުގެ ކުރީން އެސިޙްރު ދުރުކޮށް ދަފްޢު ކުރާނޭގޮތާއި، ޙަޤީޤަތުގައި އެސިޙްރު އައިސް ޖެހުމުން ދެން ތިމާމެންގެ ނަފްސް ތަކަށް ދޭނޭ ފަރުވާވެސް ވަނީ އަންގަވައި ޝަރުޢު ކުރައްވާފައެވެ. ވީމާ ސިޙްރުން ސަލާމަތް ވުމަށްޓަކައި ނުވަތަ އެނޫން ކަމަކަށް ފަރުވާ ލިބިގަންނާށޭ ކިޔާފައި ސިޙްރުވެރީންގެ ގާތަށްދާކަށް ނުޖެހެއެވެ.

 

އިސްވެ ބަޔާންވެ އެދިޔައީ އައްޝައިޚް އިބްނު ބާޒު ލިޔުއްވާފައިވާ ވާހަކަކޮޅެއްގެ ޚުލާޞާ އެކެވެ.

މިފަދަ ފަތުވާތަކުގެ މައްޗަށް ވަރަށްގިނަ އިލްމުވެރީން ރައްދު ދެއްވާފައިވެއެވެ. މިގޮތުން އައްޝައިޚް ޙާފިޡް ބުނު އަޙްމަދު ޙަކަމީ ވިދާޅުވެފައިވެއެވެ. ނުޝްރާއަކީ ސިޙްރު ޖެހިފައިވާ މީހާގެ ކިބައިން ސިޙްރު މޮހައިލާ ފަންޑިތަ އެކެވެ. ފަހެ އެފަންޑިތައަކީ ހަމަ އެފަދަ ސިޙްރެއްނަމަ އެވާނީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެއްކަމުގައެވެ. އަދި އެފަންޑިތައަކީ ދީނުގައި ޝަރުޢުވެ ހުއްދަވެގެންވާ ރުޤްޔަތާ ތަޢްވީޛުގެ ތެރެއިންވާ އެއްޗެއް ކަމުގައިވާނަމަ އެއީ ހުއްދަ ވެގެންވާ އެއްޗެކެވެ. އެއާމެދު މައްސަލައެއް ނެތެވެ.

މިނޫން ގޮތެއްގައި ސިޙްރުވެރީންގެ ނުވަތަ އެފަދަ މީހުންގެ ގާތަށް ދިޔުމަކީ އަދި އެމީހުންގެ ބަސް ތެދުކޮށް އެމީހުން ބުނާގޮތަކަށް ޢަމަލު ކުރުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ. ފަހެ އައްޠަބަރާނީ ނެރުއްވާފައިވާ ޙަދީޘެއްގައި ވެއެވެ. (އެޙަދީޘް ނެރުއްވާފައިވަނީ ހުރިހާ ރާވީންނަކީވެސް އިތުބާރުހުރި ބޭކަލުން ކަމުގައިވާ ސަނަދަކުންނެވެ.) “ مَنْ أتى عرّافاً أَوْ سَاحِرًا أوْ كَاهنًا يُؤْمِنُ بِمَا يَقُوْلُ فقد كفَر بما أُنزِلَ على مُحَمَّد صَلَّى الله عَلَىه وَسَلَّمَ “ މާނައީ: ފާލުބަލައި ރަމަލު ޖަހައި ޣައިބުގެ ޚަބަރުތައް ދީއުޅޭ މީހުންނާއި ސިޙުރުވެރިންނާއި ޖިންނީންގެ ވާޞިތާއިން ޣައިބުގެ ޚަބަރުތައް އެނގޭކަމަށް ބުނާ ކާހިނުންގެ ގާތަށް ގޮސް އެމީހުން ބުނާ އެއްޗަކަށް އީމާންވާ މީހާ مُحَمَّد صَلَّى الله عَلَىه وَسَلَّمَ ގެ މައްޗަށް ބާވައިލެއްވުނު ތަކެއްޗަށް ކާފިރު ވެއްޖެކަން ކަށަވަރެވެ.

 

(- އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ ”سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް“ ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!