މޭވާގައި ހުންނަ ވިހަ ތަކުން އަންހެނުންގެ މޫނުމަތީ އިސްތަށި ފަޅައި ރީތިކަމަށް ބުރުއަރާ: މެމްބަރ ޖަނާބު
ދެންމެ | 24 ޖޫން 2024

ވިހަ މާއްދާތައް އަޅައިގެން އުފައްދާ ތަރުކާރީއާއި މޭވާ ކައިގެން ދިވެހި އަންހެނުންގެ މޫނުމަތީގައި ”ހުންނަން ނުޖެހޭ“ އިސްތަށި ފަޅައި އެ މީހުންގެ ރީތި ކަމަށް ބުރުއަރާ ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ޖަނާބު އިއްބެ) ވިދާޅުވެއްޖެ އެވެ.

އަންހެނުންގެ ”ރީތިކަމަށް“ ބުރުއަރާ ކަމަށް ވިދާޅުވީ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލަށް މިއަދު ކުރި ބަހުސްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

ޖަނާބު ވިދާޅުވި ގޮތުގައި އެފަދަ ބިލެއް ރާއްޖެއަށް މުހިއްމުވާ އެއް ސަަބަބަކީ ދިވެހި އަންހެނުންނަށް ސިއްހީ ފޯރުންތެރިކަން ލިބޭކަން ކަށަވަރުކުރުމަށެވެ. ބިލުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން އޭނާ ވިދާޅުވީ ރާއްޖޭގެ އަންހެނުންނަށް ސިއްހީ މައްސަލަތަކާ ކުރިމަތިލާންޖެހޭ އެންމެ ބޮޑު ސަބަބަކީ ބޭރުން އެތެރެކުރާ މޭވާއާއި ތަރުކާރީގެ ސަބަބުން ކަމަށެވެ.

ވަކި ގައުމެއްގެ ނަން ފާހަގަނުކުރައްވައި އޭނާ ވިދާޅުވީ، އެތަންތަނުން ރާއްޖެއަށް ގެންނަ ކާނާ އުފައްދަނީ އެކި ކަހަލަ ކެމިކަލް އާއި ”ގްރޯތު ހޯމޯން“ ބޭނުންކޮށްގެން ކަމަށެވެ. އެހެންވެ އަންހެނުންގެ މޫނު މަތިން ”ނުފެންނަން ޖެހޭ“ އިސްތަށި ފަޅައި އެ މީހުންގެ ރީތި ކަމަށް ބުރު އަރާ ކަމަށެވެ.

”އެހެންނަމަވެސް ތަރުކާރީގެ ސިފައިގައި އެކި އެކި ވިހަ މާއްދާތައް އެކުލަވައިގެން އުފެއްދިފައިހުރި ނުވަތަ އެކަށީގެންނުވާ ގްރޯތު ހޯމޯން މި ދަންނަވާ ތަރުކާރީ މޭވާގެ ތެރޭގައި ހިމެނިގެން އައިސް އެ ކެވިގެން އޭގެ ނަތީޖާއެއްގެ ގޮތުން ވަރަށް ޅަ އުމުރުގައި އަންހެން ބޭފުޅުންގެ މޫނުމަތިން ފެންނަން ނުޖެހޭ އިސްތަށި ފެނި އެ ފަރާތްތަކުގެ ރީތި ކަމަށް ބުރުއަރައިގެން ދިއުމަކީ މިހާރު ފެންނަ ކަމެއް.“ ޖަނާބު ވިދާޅުވި އެވެ.

”އަޅުގަނޑު ވަކި ގައުމަކަށް ނިސްބަތްކުރާކަށް ބޭނުމެއް ނޫން އެހެންނަމަވެސް އެތެރެކުރެވިގެން މިދާ ތަރުކާރީއާއި މޭވާގެ ބާވަތްތަކުގައި ސިއްހީ ފެންވަރު ދެރަކޮށް މިދަންނަވާ ކަހަލަ ގްރޯތު ހޯމޯން ހިމެނިގެން ގޮސް މީގެ ގެއްލުން ދިވެހި ރާއްޖޭގެ ވަރަށް ގިނަ އަދަދެއްގެ އަންހެން ކަނބަލުންނަށް ފޯރާ ކެންސަރާ އަދި އެ ނޫނަސް އެކިކަހަލަ ބަލިތައް ޖެހެމުންދާ ކަމީ ހަގީގަތުގައި މި ބިލު މުހިއްމުވެގެންދާ ސަބަބަކީ މިކަންކަން ހުއްޓުވުމަށް.“

ޖަނާބު އިޝާރާތް ކުރައްވާފައި މިވަނީ އިންޑިއާގައި އުފައްދައި ރާއްޖެ ގެންނަ މޭވާއާއި ތަރުކާރީގެ ބާވަތްތަކަށް ކަމަށް ބެލެވެ އެވެ. އެއީ ރާއްޖެ އެތެރެކުރާ މޭވާއާއި ތަރުކާރީގެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ އިންޑިއާއިން ކަމަށް ވާތީ އެވެ.

މެމްބަރުގެ ދާއިރާއިން ވެސް އެފަދަ ކޭސް އެއް ފެންމަތިވިކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަލިމީހާ ޑޮކްޓަރަށް ދިއުމުން އެއީ ވިހަ މާއްދާތައް ކާނާގައި އެކުލެވުމުން ކަމަށް ބުނެފައިވާ ކަމަށެވެ.

އަންހެނުންގެ މޫނުމަތީގައި އިސްތަށި ފެޅުން ފަދަ ކަންކަމަކީ އެކި ސިއްހީ މައްސަތަކާ ގުޅިގެން ކުރިމަތިވާ ކަމެއް ކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ. އެފަދަ މައްސަލަތައް ކުރިމަތިވަނީ ކާނާގައި އެކުލެވޭ ވިހަ މާއްދާތަކުގެ ސަބަބުން ކަމަށް ޖަނާބު ވިދާޅުވި ނަމަވެސް މިހާތަނަށް ހެދިފައިވާ ދިރާސާތަކުން އެކަމުގެ ހެއްކެއް ފެންނާކަށް ނެތެވެ.

އެގޮތުން އެމެރިކާގެ ޑިޕާޓްމެންޓް ފޯ ހެލްތު އެންޑް ހިއުމަން ސާވިސެސް އިން ބުނާ ގޮތުން ހޯމޯން މައްސަތަކާ ގުޅިގެން އެންމެ ގިނަ އަންހެނުން ތަހައްމަލުކުރާ ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) ފަދަ ބަލިތައް އާއްމުކޮށް ކުރިމަތިވަނީ އާއިލާގައި ވެސް އެފަދަ ބައްޔެއް އުޅޭނަމަ އެވެ. އެގޮތުން ބައެއް ހާލަތްތަކުގައި ޕީސީއޯއެސް އަކީ ރަހިމުގައި އުފެދޭ ޖެނެޓިކް ނުވަތަ ކެމިކަލް ’އިމްބެލެސް‘ އެއްގެ ކުރިމަތިވާ ކަމެއް ކަމަށް ސަބަބުން ކަމަށް ދިރާސާތަކުން ދައްކަ އެވެ. އެހެންނަމަވެސް ކާނާގެ ސަބަބުން އެ ބަލީގެ ސަބަބުން ފެންނަ އަލާމާތްތަކުގެ އަސަރު ކުޑަކުރެވިދާނެ ކަމަށް ވެސް ދައްކަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!