ވީއައިއޭގެ އައު ޓާމިނަލް އަންނަ އަހަރު މެދުތެރޭގައި ނިމޭނެ: ރައީސް
ދެންމެ | 24 ޖޫން 2024

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ ބިޔަ މަޝްރޫއުގެ ތެރެއިން އައު ޓާމިނަލް އަދި ޓާމިނަލާއި ގުޅިފައިވާ މަސައްކަތްތައް އަންނަ އަހަރުގެ މެދުތެރޭގައި އެއްކޮށް ނިންމައިލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މައި ޖަގަހަ ”ޕީއެންސީ ހައުސް“ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތަށް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އާ ޓަރމިނަލްގައި ގާއިމުކުރާ 8 އެއަރޯ ބްރިޖުގެ ތެރެއިން މަދުވެގެން 3 ބުރިޖުގެ މަސައްކަތް ނިންމައި މިއަހަރު ނިމޭހާތަނުގައި ބޭނުންކުރެވޭވަރު ވާނެކަމަށެވެ.

”އެއާޕޯޓު ފިނިހަކަ ދުވެލީގައި ހަދަމުން ދިޔައީ، އެކަން އަޅުގަނޑުމެން އެންމެންނަށް އެނގޭ، އެހެންނަމަވެސް މިހާރު ވަރަށް ބާރު މިނުގައި އެމަސައްކަތް އެދަނީ ހިނގަމުން، 8 އެރޯ ބްރިޖު ހުންނަ އިރު، މަސައްކަތްކުރަނީ އެތަނުން މަދުވެގެން 3 އެރޯ ބްރިޖު ގެނެވޭނެ ކަމަށް އެމްއޭސީއެލުން ވިދާޅުވެފައިވޭ،“

އަދި މި ސަރުކާރުން އިއުލާނުކޮށްފައިވާ އެއަރޕޯޓް ފުޅާކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިޔަށްދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އަންނަ އަހަރުގެ މެދަކާ ހަމައަށްދާއިރު އެއަރޕޯޓްގެ ޓަރމިނަލް އަދި ޓަރމިނަލްއާ ގުޅިފައިވާ މަސައްކަތްތައް އެކީ ނިންމާލެވޭނެ ކަމަށެވެ.

”އަޅުގަނޑުމެން ކުރިން ޓާގެޓުކުރިން މިއަހަރު ނިމެންވާއިރަށް މަސައްކަތް ނިންމޭތޯ، މިއަންނަ އަހަރުގެ މެދަކާއި ހަމައަށް ދާއިރު، ޖުލައިމަހާ ހަމައަށްދާންވާއިރަށް އެ ޓާމިނަލްގެ މަސައްކަތްތަކާއި ގުޅިފައިވާ މަސައްކަތްތައް ނިންމާނަން،“

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

 

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ އައު ޓާމިނަލަކީ އިޤްތިސާދުގެ ވަރަށް ބޮޑު ދޮރާއްޓެއް ކަމަށާއި އެ ޓާމިނަލް ބޭނުން ކުރަން ފެށުމުން ރާއްޖެއަށް އިގްތިޞާދީގޮތުން ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

ވީ.އައި.އޭގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ. އެހެންނަމަވެސް އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަލަށް ތަރައްޤީކުރާ 78 ހާސް އަކަ މީޓަރުގެ ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!