އިގްތިސާދު ފުޑި ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށްފި
ދެންމެ | 26 ޖޫން 2024

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން މި އަހަރުގެ ރާއްޖޭގެ ރޭޓިން ދަށްކޮށް ރާއްޖެއަށް ”ސީސީސީ ޕްލަސް“ އެއް ދީފި އެވެ.

މީގެ ކުރިން ކޮވިޑާ ހެދި ވެސް ރާއްޖޭގެ ރޭޓިން ”ސީސީސީ“ އަށް ދަށްކުރި އެވެ. މިދިޔަ އަހަރު އެ ކުންފުނިން ރާއްޖެއަށް ދިނީ ”ބީ މައިނަސް“ އެވެ. ރާއްޖެ ”ބީ މައިނަސް“ ގައި ރޭޓު ކުރަމުން އަންނަތާ ވަނީ ތިން އަހަރު ވެފަ އެވެ.

ތިން އަހަރަށް ފަހު ރާއްޖޭގެ ރޭޓިން ދަށްކުރީ، ރާއްޖޭގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސް، ބޭރުގެ ދަރަނި އިތުރުވުމުންނެވެ. އަދި ރާއްޖޭގެ ރިޒާވު ދަށްވެ، ޑޮލަރުގެ ތާށިކަން ކުރިމަތިވެފައިވުމުގެ ސަބަބުންނެވެ.

ފިޗު ރޭޓިންސް އިން ބުނީ، އާ ސަރުކާރުން މެދު ރާސްތާގައި ބޭރުން ނަގާ ދަރަނި ދަށްކުރާނެ ކަމަށް ލަފާކުރާ ކަމަށެވެ. އެކަމަކު އަންނަ އަހަރާއި 2026 ވަނަ އަހަރުގެ ދަރަނި އަދާކުރުމަށް ރާއްޖެއަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމަށް ބުނެފައިވެ އެވެ. އަަންނަ އަހަރު ދަރަންޏަށް ނުވަ ބިލިއަން ރުފިޔާ ދައްކަން ޖެހޭ އިރު 2026 ވަނަ އަހަރު ދައުލަތުން ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރަން ޖެހެ އެވެ.

ފިޗްގެ ބަޔާނުގައިވާ ގޮތުން ކަރަންޓު އެކައުންޓު ޑެފިސިޓު 492 މިލިއަން ޑޮލަރު (7.5 ބިލިއަން ރުފިޔާ) 748 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) އަށް ބޮޑުވެފައިވާ ކަމަށެވެ. އަދި ފޮރިން ރިޒާވުގެ ޝޯޓް ޓާމު ފޮރިން ލައިބިލިޓީތަކުގެ އަދަދު 73 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) އަށް ދަށް ވެފައިވާ ކަމަށެވެ.

މިހާރު ގައުމުގެ މާލީ ހާލަތު ހުރި ގޮތުން ދަރަނިތައް އަދާކުރުމުގައި ގައުމުތަކުގެ އެހީ ހޯދާނެ ކަމަށް ބުނެފައިވެ އެވެ. އަދާކުރަން ހުރި ދަރަނިތަކާ އަޅާ ބަލާ އިރު ސޮވަރިން ޑިވަލޮޕްމެންޓް ފަންޑް (އެސްޑީއެފް) ގައި ބޭނުން ކުރެވޭ ގޮތަށް ހުރީ، ކުޑަ އަދަދެއް ކަން ވެސް ފިޗުން ފާހަގަކުރި އެވެ.

އެސްޑީއެފްގެ ޖުމްލަ އަދަދު އަށް ބިލިއަން ރުފިޔާއަށް އަރާ އިރު އޭގެ ތެރެއިން ކޭޝް ބެލެންސް ނުވަތަ ބޭނުން ކުރެވޭ ގޮތަށް ހުރީ 54 މިލިއަން ޑޮލަރެވެ. ފަންޑުގެ ބޮޑު ބައެއް ވަނީ ކޮވިޑާ ގުޅިގެން ޓީބިލުގައި އިންވެސްޓްކޮށްފަ އެވެ. އެެހެންވެ، އެއީ ކުރިއަށް ހުރި ދަރަނިތައް އަދާކުރަން ބޭނުން ކުރެވޭނެ ފައިސާއެއް ނޫނެވެ.

ދަރަނި އިންތިހާއަށް ބޮޑުވެފައިވާ އިރު 2026 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުންނަ މިންވަރު 117 ޕަސެންޓަށް އަރާނެ ކަމަށް ވެސް ފިޗުން ލަފާކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!