އަންނަ އަހަރުގެ ތެރޭގައި މިހާރު ނަގަމުންދާ ޖީއެސްޓީ އާއި ގްރީން ޓެކްސް އަދި ޓެލެކޮމް ފީތަކުގެ އިތުރުން އިމްޕޯޓް ޑިއުޓީ ރޭޓުތައް ބޮޑުކުރަން ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން ނިންމައިފި އެވެ.
ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން އެކަން ހާމަކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ކެބިނެޓުން ފާސްކޮށް މިއަދު ފިނޭންސް މިނިސްޓްރީން އާންމުކުރި ކުރިއަށް އޮތް ހަތަރު އަހަރު ދުވަހު ސަރުކާރުގެ އާމްދަނީގެ ސިޔާސަތު ނުވަތަ މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީ ރިޕޯޓްގަ އެވެ.
އެ ސްޓްރެޓެޖީގައި ވަނީ މިއަހަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއި އެ ފިޔަވަޅުތައް ތަންފީޒު ކުރަން ފަށާނެ ތާރީހުތައް ހިމަނާފަ އެވެ. އެގޮތުން އަންނަ އަހަރު އެއާޕޯޓުގެ ހިދުމަތްތަކުން ނަގަމުންދާ ޓެކުހާއި ފީތައް ބޮޑުކުރުމާއި އެކު އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ޑިއުޓީ މާފުކުރާ އައިޓަމްތައް ރިވިއުކުރުން ހިމެނެ އެވެ.
2025 ގައި ތަންފީޒުކުރާ ފިޔަވަޅުތައް:
* ގްރީން ޓެކްސް ރޭޓް ބޮޑުކުރުން
* ޖީއެސްޓީ ނަގާ މުދާ އިތުރުކުރުމާއި ރޭޓު ބޮޑުކުރުން
* އިމްޕޯޓް ޑިއުޓީ ރޭޓުތައް ބޮޑުކުރުން
* ޓެލެކޮމް އޮޕަރޭޓަރުން ދައްކަން ޖެހޭ ކޯޕަރޭޓް އިންކަމް ޓެކްސް ބޮޑުކުރުން
* ޓޫރިޒަމް ބިމު ކުލި ބޮޑުކުރުން
* ބަނގުރަލާއި އޫރުމަހާއި ދުންފަތް ފަދަ ތަކެތިން ޓެކްސް ނެގުމުގެ ސިޔާސަތު ރިވިއުކުރުން
* 2026 ގައި ތަންފީޒުކުރާ ފިޔަވަޅުތައް:
* ކާބަން ކްރެޑިޓްސް މަނިޓައިޒް ކުރުން
* އަމިއްލަ ފަރުދުންގެ އާމްދަނީން ނަގާ އިންކަމް ޓެކުހާއި ކޯޕަރޭޓް އިންކަމް ޓެކްސްތައް ބޮޑުކުރަން
މީގެ އިތުރުން 2027 އަދި 2028 ގައި ފިޔަވަޅުތަކެއް އެޅުމަށް ވެސް ވަނީ ނިންމާފަ އެވެ. އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޓެކްސްގެ އިދާރީ ބުރަ ކުޑަކުރުމާއި އިންކަމް ޓެކްސް ނަގާ އާމްދަނީ ދަށްކުރުމާއި ޕްރޮޕަޓީ ޓެކްސް ނިޒާމެއް ތައާރަފްކުރުމާއި ބްރިޖް ފަދަ ތަންތަނުން ފީ ނެގޭނޭ ސިޔާސަތެއް އެކުލަވާލުން ހިމެނެ އެވެ.
މެދު ރާސްތާގެ އާމްދަނީގެ ސިޔާސަތުގައި ބުނެފައިވާ ގޮތުގައި އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތައް އަޅަނީ ދައުލަތުގެ ހަރަދުތަައް ހަމަޖެއްސުމަށް ބޭރުގެ ފަރާތްތަކަށް ބަރޯސާވާވުން ކުޑަކުރުމަށެވެ.
ކުރިއަށް އޮތް ހަތަރު އަހަރު ދުވަހު ސަރުކާރުގެ އާމްދަނީގެ ސިޔާސަތު ނުވަތަ މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީގައި އާމްދަނީ އިތުރުކުރުމަށް ތަފާތު ނަންނަމުގައި ޓެކްސްތަށް ސަރުކާރުން ތައާރަފްކުރަން މި ނިންމީ އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ, ފިޗުގެ ރާއްޖޭގެ ރޭޓިން މިއަހަރު ”ސީސީސީ ޕްލަސް“ އަށް ދަށްކޮށްފަ ވާ ދަޑިވަޅެއްގައި އެވެ. ރާއްޖޭގެ ރޭޓިން މުރާޖައާކުރުމަށް ފަހު ފިިޗުން މިއަދު އާންމުކުރި ލިޔުމުގައި ބުނީ ރާއްޖެއަށް ދީފައިވާ ”ބީ މައިނަސް“ގެ ރޭޓިން މިހާރު ”ސީސީސީ ޕްލަސް“އަށް ދަށްކޮށްފައިވާ ކަމަށެވެ.