ރާއްޖޭގެ މާލީ ހާލަތު އޮތީ ގޯސްކޮށް ކަމަށާއި ދައުލަތުގެ ހަރަދު ކުޑަކުރަން، އާސަންދަ ދޭ ގޮތާއި ސަބްސިޑީ ދޭ އުސޫލު ބަދަލުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޕީއެންސީން އަލަށް ހުޅުވި ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު ވިދާޅުވީ އަންނަން އޮތް ޖީލުގެ ހައްގުގައި ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ދައުލަތުން ކުރާ ބޭކާރު ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި، އާސަންދަ އެ ލިބެންޖެހޭ ހައްގު ފަރާތްތަކަށް އެކަނި ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސަބްސިޑީ ވެސް އެ ލިބެންޖެހޭ ފަރާތްތަކަށް އެކަނި ދޭ ގޮތަށް ހަދަން ޖެހޭ ކަމަށެވެ.
”އެއްވެސް ކަމެއް އޮޅުވާލައިގެން ނުދައްކާނަން. ދިވެހި ދައުލަތުގެ މިއަދުގެ ހާލަތަކީ އަޅުގަނޑުމެންނަކީ ވަރަށް ގިނަ އަދަދެއްގެ ބޭކާރު ހޭދަކުރާ ބައެއް. އެއް ކަމަކަށް ނަޒަރު ހިންގާލާއިރު އާސަންދައިގެ ވާހަކައިގެ. އެންމެ ބޮޑަށް ލިބޭ ޝަކުވާއަކީ އާސަންދަގެ ބޭނުން ނަހަމަ ގޮތުގައި އެބަ ހިފައޭ،“ ޝުޖާއު ވިދާޅުވި އެވެ.
އެހެންވެ، ހައްގުވެރިންނަށް އާސަންދަ އާއި ސަބްސިޑީ ދޭ ގޮތަށް ބަދަލު ކުރަން މަޖިލީހުން މަސައްކަތް ކުރާ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ވެސް އެއީ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި އެއީ ގައުމަށްޓަކައި މިއަދު ކުރަން ޖެހޭ ޖިހާދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން އޮތީ ދައުލަތް ދަރުވާލައި، ސަރުކާރު ކުންފުނިތައް ވެސް އިނދަޖައްސާލާފައި ކަމަށް ޝުޖާއު ވިދާޅުވި އެވެ. އެ ދަތި ހާލަތުން އަރައިގަތުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
”މި ހާލަތުގައި ދައުލަތުގެ ކުންފުނިތައް ހިންގާފައި އޮތުމުން މިއަދު އަޅުގަނޑުމެންނަށް އުނދަގޫތައް އެބަ ހުރި. އެެހެން ނަމަވެސް ކާމިޔާބީއަކީ މި އުނދަގުލުގެ ތެރެއިން ފައިސާ ޗާޕް ނުކޮށް ހަމަ ފައިސާ ޗާޕެއް ނުކުރަން ނުކޮށް އިރާދަކުރެއްވިއްޔާ މި ހޯދަމުންދާ ކާމިޔާބީތަކަކީ މި ސަރުކާރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތިޔަ ރައްޔިތުންގެ ތާއިދާ އެކު ރުހުމާ އެކު ހޯދަމުންދާ ކާމިޔާބީއެއް،“ ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ މާލީ ހާލަތާ ގުޅިގެން ސަރުކާރަށް ހުރި އުނދަގޫތަކާ އެކު ކުރިއަށް ދާނީ އެކަންކަން ރައްޔިތުންނަށް ހާމަކޮށްގެން ކަމަށާއި އެކަމުގައި ސަރުކާރަށް ގޯހެއް ހެދިއްޖެއާ އެކަން ވެސް ހާމަކޮށް ރައްޔިތުންގެ ކިބައިން މާފަށް އެދޭނެ ކަމަށެވެ.
”އެއީ ރައީސް ގެންގުޅުއްވާ ސިޔާސަތަކީ، ސަރުކާރެއް ހިންގަމުންދާއިރު މުޅިން ރަނގަޅު ކަންކަމެއް ނޫން ކުރެވޭނީ. އަޅުގަނޑުމެންނަށް ގޯސް ވެސް ހެދޭނެ، އެކަމަކު ގޯހެއް ހެދޭ ގަޑީގައި ރައްޔިތުންނާ ހަމައަށް އެބަ ގެންނަން ޖެހޭ ގޯހެއް ހެދިއްޖެ ކަން،“ ޝުޖާއު ވިދާޅުވި އެވެ.
”ދައުލަތުގެ މާލީ ހާލަތު މިއަދު ހުރީ ރަނގަޅަކަށް ނޫން. ބޭރުގެ މާލީ އިދާރާތަކުން ދޭ އެޑްވައިސްއާ އެއްގޮތަށް އެ ބޭފުޅުން އުފާ ވާނީ އެ އެޑްވައިސްއާ އެއްގޮތަށް ދަރަނި ކުޑަކޮށްގެން އަޅުގަނޑުމެންގެ މަޝްރޫއުތައް ކުރިއަށް ގެންދާތީ.“