ގައުމު މިހާލަތަށް ވައްޓާލީ އަހަރެން ވެސް ބައިވެގެން އެމްޑީޕީ ސަރުކާރުން: ގާސިމް
ދެންމެ | 27 ޖޫން 2024

ރާއްޖެ މިހާލަތަށް ވައްޓާލީ ކުރީ ސަރުކާރުން ނެގި ލޯނުތަކާއި ދަރަނިތަކުން ކަމަށާއި، ކުރީ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ވައްޓާލި އަނދަވަޅުން ސަލާމަތްކޮށް އިއާދަކުރުމަށް އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ޤާސިލް އިބްރާހީމް ތަޢުރީފުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މާލީ ވަޒީރު ޑރ.މުޙައްމަދު ޝަފީޤް ހާޒިކުރެއްވި ބައްދަލުވުން ނިންމަވާލައްވާ ވާހަކަފުޅުދައްކަވަމުން، ކޮމިޓީގެ މުޤައްރިރު ޤާސިމް އިބްރާހީމް ވިދާޅުވީ މުޅި ބައްދަލުވުމުގައި މާލީ ވަޒީރާއި، ކޮމިޓީގެ މެންބަރުން ހިއްސާކުރެއްވި ވާހަކަފުޅުތަކުން އެނގިގެންދިޔައީ، ނިމުނު ސަރުކާރުގައި އެކި ސަބަބުތަކާހުރެ ނަގާފައިވާ ލޯނުތަކާއި ދަރަނީގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށް ބުރަ ބޮޑުވެފައިވާ މިންވަރުކަމަށެވެ. އިޤްތިޞާދު ބޮޑު އަނދަވަޅަކަށް ވެއްޓި ފަހަތަށް ޖެހުނީ، ނިމުނު ސަރުކާރުގައި އެއްވެސް ރޭވުންތެރިކަމެއް ނެތި ނަގާފައިވާ ދަރަނިތަކާއި، އެކަން ފޫބެއްދުމަށް އެއްވެސް ޙައްލެއް ހޯދާފައި ނެތުމުންކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ނަގާފައިވާ ސްކޫކާއި ބޮންޑް އަދި ލޯނާއި ދަރަނީގެ ސަބަބުން އިޤްތިޞާދު ވަރަށް ބޮޑުތަނުން ދަށަށް ދިޔަކަން ފާހަގަކުރައްވަމުން، އިޤްތިޞާދު ހަމަމަގަށް އަޅުވަން އަދުގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތާއި، ސަރުކާރުގެ އިސްލާޙީ ސިޔާސަތުތަކުން މިކަމަށް ޙައްލެއް ލިބޭނެކަމަށް ކުރައްވާ އުއްމީދު ބޮޑުކަމަށް ވިދާޅުވެ ތަޢުރީފް ކުރައްވާފައެވެ. ސަރުކާރުން މި މަގުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ފާހަގަކުރައްވާ ޤާސިމް އިބްރާޙިމް ވަނީ ސަރުކާރުގެ މަސައްކަތްތަކަށް މަރުޙަބާ ވިދާޅުވެފައެވެ.

”ސާބިތުކަމާއެކު ރަނގަޅު ފިޔަވަޅުތަކެއް ނާޅައިފިނަމަ، ރާއްޖެ ދެން އޮންނާނެ ޙާލަތު އެމެރިކާގެ ޓްރެޜަރީ ޑިޕަރޓްމަންޓްގެ ބޭފުޅުހުންގެ ވާހަކައިންވެސް މިއަދު އެނގުނު. އެ ހާލަތަށް ދާކަށް ބޭނުމެއް ނޫން. ކުރީ ސަރުކާރުގައި ކޮށްފައިވާ ކަންކަމުގެ ސަބަބުން ވެއްޓުނު އަނދަވަޅުން އަރައިގަތުމަށް، އަޒުމާ ހިތްވަރުގައި ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތަށް މަރުޙަބާ ދަންނަވަން.“ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ޢިޤްތިޞާދު އާރާސްތުކުރުމަށް ސަރުކާރުން އަޅާ އިސްލާޙީ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ފެންނާނެކަމަށް އުއްމީދުކުރައްވާކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންނަށް ބޭނުންވާ ޖަވާބުތައް ހޯދުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށް ޤާސިމް ވިދާޅުވިއެވެ.

އައު ސަރުކާރުން މިވީ 7 މަސް ދުވަހުގެ ތެރޭގައި އެކި ފަރާތްތަކަށް ދައްކަން އޮތް 13 ބިލިއަން ރުފިޔާ ދައްކާ ޚަލާސްކޮށްފައިވާކަން ރައިސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ދާދިފަހުން ހާމަކުރައްވާފައެވެ. މީގެތެރޭގައި އަމިއްލަ އެކި ކުންފުނިތަކުން ކޮށްފައިވާ މަސައްކަތްތަކަށް ދައްކާފައިވާ 4 ބިލިއަން ރުފިޔާއާއި، ސަރުކާރު ކުންފުނިތަކަށް ދައްކަންޖެހޭ 7 ބިލިއަން ރުފިޔާ އަދި ބޭރުގެ ލޯނުތަކަށް 2.7 ބިލިއަން ރުފިޔާ ވަނީ ދައްކާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!