ރުއިމުގެ ފައިދާ އިނގޭނަމަ ރުއިން ހުއްޓާ ނުލާނެ!
ދެންމެ | 27 ޖޫން 2024

ރުއިމަކީ ކޮންމެ އިންސާނެއްވެސް ގުދުރަތީގޮތުން އިހްސާސްތައް ބޭރުކުރާ އެއްގޮތެވެ.  ދިރާސާތަކުން ދައްކާގޮތުގައި ރުއިމަކީ ޖަޒުބާތީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް އެތައް ފައިދާތަކެއް ލިބޭ ކަމެކެވެ.

1. ޖަޒުބާތީ ގޮތުން އިހްސާސްތައް ދޫކޮށްލުން: ރުއިމަކީ ހިތުގައި ފޮރުވިފައިވާ ޖަޒުބާތުތައް ދޫކޮށްލުމަށް އެހީތެރިވެދީ، ހިތަށް ލުއިކަމުގެ އިހުސާސެއް ގެނުވައިދޭ ކަމެކެވެ. ރުއިމުން  ހިތާމައާއި، މާޔޫސްކަމާއި  ހިތާމައިގެ އިހުސާސްތައް ‘ޕްރޮސެސް’ ކުރުމަށް ފަސޭހަކޮށްދެއެވެ.

2. ‘ސްޓްރެސް’ ކުޑަކޮށްދޭ: ކަރުނަ އޮހޮރުވުމަކީ ހަށިގަނޑުގައި ހުންނަ ސްޓްރެސް ހޯރމޯން ކަމަށްވާ ކޮރޓިސޯލްގެ މިންވަރު ދަށްކޮށްދީ ސްޓްރެސް ކުޑަކޮށްދޭ ކަމެކެވެ.

3. މޫޑު ރަނގަޅުވުން: ރޯލުމުން ގުދުރަތީ ގޮތުން މޫޑު އިތުރުކޮށްދޭ އެންޑޯފިންސް ދޫކުރުމަށް މަގުފަހިވެ، ޖުމްލަ ގޮތެއްގައި ޖަޒުބާތީ ދުޅަހެޔޮކަން ރަނގަޅު ކުރުމަށް އެހީތެރިވެދެއެވެ.

4. “ޑިޓޮކްސިފިކޭޝަން”:  ހަށިގަނޑު ޑިޓޮކްސިފައި ކުރުމަށް ބޭނުންވަނީ ހަމައެކަނި މޮޅު ޑައެޓުތަކެއްނޫނެވެ. ކަރުނައަކީވެސް ހަށިގަނޑުން ވިހަ މާއްދާތައް ނައްތާލުމަށް އެހީތެރިވެދޭ އެއްޗެކެވެ.

5. ލޯ ސާފުކޮށްދީ ރުޅިކޮންޓްރޯލް ކުރުމަށް އެހީތެރިވޭ: ކަރުނައިން ލޯ ތެތްކޮށް ބެހެއްޓޭއިރު، ރުއިމަކީ ލޯ ރަނގަޅު ސާފުކޮށް ދެމެހެއްޓުމަށާއި ލޯ މާބޮޑަށް ހިކުނަ ނުދީ ބެހެއްޓުމަށް ފަސޭހައިން ކުރެވޭނެ ފަރުވާއެކެވެ.  މީގެ އިތުރުން ރުއިމަކީ ރުޅިގަދަވާ މާއްދާތަކުން ރައްކާތެރިވުމަށް  ކޮންމެހެން ބޭނުންތެރި ކަމެކެވެ.

6. ތަދު ފިލުވައިދޭ: ޖަޒުބާތީ ކަރުނަތަކުން އޮކްސިޓޮސިން އާއި އެންޑޯފިންސް ދޫކޮށްލާއިރު، މިއީ ޖިސްމާނީ އަދި ނަފްސާނީ ރިހުން ވެސް ލުއިކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ގިނަފަހަރު މީހުންނަށް ވިސްނިފައި އޮންނަީ ރުއިމަކީ ބަލިކަށި ސިފައެއްގެ ގޮތުގައެވެ. އަދި މީހަކު ދެރަވެގެން ނުވަތަ އެހެން ގޮތަކުންވެސް ރޯތަން ފެނިއްޖެނަމަ ” ދެން ހުއްޓާލާ، ރޮއިގެން ދެން ވާނެ އެއްވެސް ކަމެއްނެތް” ފަދަ ބަސްތައް ބުނާ އަޑު ވަރަށް ގިނައިން އިވެއެވެ. ނަމަވެސް ހަޤީޤަތުގައި ރުއިމަކީވެސް ޖަޒުބާތީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް އެކި ފައިދާ ކުރާ ކަމެއްކަން ހަނދާން ބެހެއްޓުން މުހިންމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!