މީޑިޔާ ކައުންސިލް ރައީސް ކަމުން ސަހްބާން އިސްތިއުފާ ދީފި.
ދެންމެ | 07 ޖޫން 2022

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްކަމުގެ މަގާމުން އެ ކައުންސިލުގެ ރައީސް ޝަހުބާން ފަހުމީ އިސްތިއުފާ ދެއްވައިފިއެވެ.

ފޮރެކްސް ޓްރޭޑްކުރުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގިކަމުގެ ތުހުމަތާ ގުޅިގެން ޝަހުބާންގެ އިތުބާރު ނެތް ކަމަށް ބުނެ މަގާމުން ވަކިކުރުމަށް މީޑިއާ ކައުންސިލުގެ މެމްބަރުން ދެ ފަހަރެއްގެ މަތިން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެއެވެ.

އެމްއެމްސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހުބާން ވިދާޅުވީ، އެ ތުހުމަތަށް އޭނާ އިންކާރުކުރާ ކަމަށެވެ. އަދި މީހަކަށް ދޭންޖެހޭ ފައިސާއެއް އަދި ވަގަށް ނަގާފައިވާ ފައިސާއެއްވެސް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ނަމަވެސް ބަޔަކު މީހުން މީޑިއާ ކައުންސިލްގެ ރިޔާސަތަށް ދަހިވެތިވެ އޭނާގެ އަބުރުކަތިލުމަށް އެތަކެއް ވާހަކައެއް ދައްކާފައިވާ ކަމަށާއި އެހެންކަމުން އަމިއްލަ ނަފުސުގެ ރައްކާތެރިކަމަށްޓަކައި މިއަދު އެމްއެމްސީގެ ރައީސްކަމުން އިސްތިއުފާ ދީފައިވާ ކަމަށް ވިދާޅުވިއެވެ.

”ފަހަރެއްގައިވެސް އަޅުގަނޑަށް ކުރެވޭ ތުހުމަތަކާ ގުޅިގެނެއް ނޫން (އިސްތިއުފާ މިދިނީ). މިއީ ބަޔަކު މީހުން ސިޔާސީ މަންފާއާއި ރިޔާސަތުގެ ދަހިވެތިކަމުގައި އަޅުގަނޑުގެ އަބުރު ކަތިލަންކުރާ ކަމެއް. އެކަމަކު މިހާރު އަނބިދަރިންނާއެކު މަގުމައްޗަށް ނުކުމެވޭ ވަރެއް ނޫން. ވަގަށް ގޮވާ ހޯއް ގޮވާ އެތަކެއް ޖެއްސުމެއް ކުރާތީ. އެހެންވީމަ މިވަގުތުން ފެށިގެން މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފިން. އަޅުގަނޑުގެ ނަފުސުގެ ރައްކާތެރިކަމަށް އިސްތިއުފާ މިދިނީ.“ އޭނާ ވިދާޅުވިއެވެ.

ޝަހުބާން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކިތަންމެ ވަރަކަށް ވެއްދިޔަސް ފާހެއް ނުވާނެ ކަމަށާއި ލިބުނަސް ލިބޭނީ އަށް ވޯޓު ނޫނީ ނުވަ ވޯޓު ކަމަށެވެ. ނަމަވެސް އޭނާގެ ސަބަބުން އެމްއެމްސީގެ މަސައްކަތް ހުއްޓާލަންޖެހި، ނޫސްވެރިންނަށް އެތަކެއް އުދަނގުލާ ކުރިމަތިލާން ޖެހިދާނެތީއާއި މިއަހަރުގެ ނޫސްވެރިކަމުގެ އިނާމުވެސް ނުބޭއްވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީހެއްގެ މައްޗަށް ތުހުމަތެއް ކުރުމަކީ އިސްތިއުފާ ދޭންޖެހޭ ސަބަބެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ޝަހުބާން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!