10 އަހަރު ކުރިން ސިފައިންގެ ފްލެޓަށް ލާރި ދެއްކި ސިފައިންނަށް ފްލެޓް ނުލިބޭނެ ކަމަށް އަންގައިފި
ދެންމެ | 16 އޯގަސްޓް 2023

ސިފްކޯއިން އަޅަމުންދާ ސިފައިންގެ ފުލެޓުތަކަށް މީގެ 10 އަހަރު ކުރިން ޑައުންޕޭމެންޓު ދެއްކި ބައެއް ސިފައިންނަށް އެ ފުލެޓުތައް ނުލިބޭނެކަން އަންގައިފިއެވެ.

ހުޅުމާލޭގައި އަޅާ ފުލެޓުތަކުގެ ޑައުންޕޭމެންޓުގެ ގޮތުގައި 92،000 ރުފިޔާ ނަގާފައިވެއެވެ. އެއިރު ޑައުންޕޭމެންޓު ދެއްކި ސިފައިންގެ އަދަދަކީ 300 އެއްހައި ސިފައިންކަމަށް މައުލޫމާތު ލިބެއެވެ. ޑައުންޕޭމެންޓު ދެއްކިއިރު، ސަރުކާރުން ވައުދުވެފައިވަނީ އެ ފުލެޓުތައް 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ. ނަމަވެސް މަސައްކަތް ހަވާލުކުރި ކުންފުނިތަކަށް މަސައްކަތް ނުކުރެވި އެ މަސައްކަތް 10 އަހަރާ ގާތްކުރާ މިންވަރަކަށް ދިގުލައިގެން ގޮސްފައިވެއެވެ.

އެ މަޝްރޫޢުގެ މަސައްކަތް ނިންމައި ފުލެޓުތަކަށް ފުލެޓު ލިބޭ ފަރާތްތަކަށް މި މަހުގެ ތެރޭގައި ވަދެވޭނެކަމަށް ސަރުކާރުން ފުލެޓު ލިބުނު ސިފައިންނަށް މިހާރު އަންގާފައިވެއެވެ. އެއާއެކު، ޑައުންޕޭމެންޓު ދެއްކި ސިފައިންގެ ތެރެއިން ފާއިތުވި 10 އަހަރުގެ ތެރޭގައި އަމިއްލަ ނަމުގައި އެޕާޓުމެންޓެއް ހުރި އެއްވެސް ފަރާތަކަށް ސިފައިންގެ އެޕާޓުމެންޓު ނުދޭނެކަން އަންގާފައިވާކަމަށް ފުލެޓަށް ޑައުންޕޭމެންޓު ދެއްކި ބައެއް ސިފައިން ބުނެއެވެ.

މައުލޫމާތު ދިން ޑައުންޕޭމެންޓު ދެއްކި ސިފައިންގެ މީހަކު ބުނީ މީގެ ކުރިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީވެސް މިކަމުގައި ޑައުންޕޭމެންޓު ދެއްކި 300 އެއްހައި ސިފައިންނަށް ފުލެޓު ލިބުމުން މަހުރޫމުނުވާނެކަމުގެ ޔަގީންކަން ދިން ނަމަވެސް މިހާރު އެގޮތަށް އަމަލުނުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ ޑައުންޕޭމެންޓުގެ ގޮތުގައި ދިން ފައިސާ އަނބުރާ ދިން ނަމަވެސް އެ ޑައުންޕޭމެންޓު ދިންއިރު ވައުދުވި މުއްދަތަށްވުރެ އެތައް ޒަމާނެއް ފާއިތުވިއިރުވެސް ފުލެޓު ނުލިބުމަށްފަހު، މިހާރު ފުލެޓު ނުދޭން ނިންމުމުން ލިބުނު ގެއްލުމުގެ ބަދަލުވެސް ދޭންޖެހޭނެކަމަށް ދެކޭ ކަމަށެވެ. ނަމަވެސް ޑައުންޕޭމެންޓަށް މީގެ 10 އަހަރު ކުރިން ދެއްކި ފައިސާ ނޫން އިތުރު ފައިސާއެއް ލިބޭނެކަމަށް ސަރުކާރުން ބުނެފައިނުވާ ކަމަށެވެ.

އަދި އެމީހުން ދިން ޑައުންޕޭމެންޓު ބޭނުންކޮށްގެން ބިންގާ އެޅި ފުލެޓުތައް އެމީހުންނަށް ލިބޭނީ އެފަހުން އެމީހުންނަށް ލިބުނު ފައިސާއިން ގަނެފައި ހުރިއްޔާ ހުރި އެޕާޓުމެންޓެއް ދޫކުރުމުންކަމަށް ސަރުކާރުން ބުނެފައިވާކަމަށާއި، އެފަދައިން އެޕާޓުމެންޓު ގަނެފައިހުރީ ބޭންކުތަކުން ބޮޑެތި ލޯނުތައް ނަގައިގެން ކޮމާޝަލް އަގުތަކުގައިކަމަށްވާތީ އެގޮތަށް އެތަންތަން ދޫކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށްވެސް އޭނާ ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!