ބައެއް މުސްލިމުން ދީނާ ދުރަށް ދަނީ، ދީނީ ކަންކަމުގައި ޞައްޙަ މަޢުލޫމާތު ނުލިބުމުގެ ސަބަބުން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއަކީ “އިސްލާމްދީނަކީ މެދުމިނުގެ ދީނެވެ” މިއެވެ.
ހުތުބާގައި ބުނީ އިސްލާމްދީނަކީ މެދުމިނުގެ ދީންކަމަށްވާ އިރު، އެ ދީނާ ދުރު ބައެއް ފިކުރު،ދިވެހީންގެ ތެރޭގައި ފެތުރެން ފަށައިފައިވާ ކަމަށާއި އޭގެ ތެރޭގައި ދީނީ ގޮތުން ހައްދު ފަހަނަޅައިދިއުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.
އަދި މުސްލިމުންގެ ތެރޭގައި ފެތުރެމުންދާ ނުރައްކާތެރި އެއް ފިކުރަކީ، ކަލަކު ވޮޑިގެންވާކަން ޤަބޫލުނުކުރުމުގެ ފިކުރު ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން އެ ފިކުރުގެ އަހުލުވެރިންނާ މުސްލިމުންނާ ދެމެދު އޮންނަ ޝަރުޢީ ގުޅުންތައް ކެނޑޭނެ ކަމަށް ބުންޏެވެ.
މިއަދު ފެތުރޭ އަނެއް ފިކުރަކީ، ދީނުގައި ހަރުކަށިވުމުގެ ފިކުރު ކަމަށާއި ދީނުގައި އޮތް މެދުމިން ދޫކޮށް، ހަރުކަށިވެ، ޙައްދުފަހަޅައިދިއުމަކީ، ކީރިތި ރަސޫލާ މި އުންމަތަށް މަނާކުރައްވައި، އޭގެ ސަބަބުން އަހަރެމެން ހަލާކުވެދާނެކަމަށް އިންޒާރު ކުރައްވައިފައިވާ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.
އަދި ދީނުގައި ހަރުކަށިވުމަކީ، ދީނުގެ އިންތައް ފަހަނަޅައި ދިއުންކަން ފާހަގަކޮށް ހުތުބާގައި ބުނީ އެއާ ޚިލާފަށް، އިސްލާމް ދީނުގައި އޮންނަ ގޮތަށް، ޙުކުމްތައް ބަޔާންކޮށްދިނުމާއި، ބަރާބަރަށް ނަމާދުކުރުމަށާއި، ސުންނަތާ އެއް ގޮތަށް އާދަކާދަތައް ބެހެއްޓުމަށް ނަސޭހަތްތެރިވުމާއި، ރިބާ ނުކެއުމާއި، މަސްތުވާތަކެތި ބޭނުންނުކުރުމަށް ގޮވައިލުން ފަދަ ކަންކަމަކީ، ހައްދުފަހަނަޅައިދިއުން ނޫން ކަމަށެވެ. އަދި ފޭރާން އެޅުމުގައި ޝަރުޢީ މިންގަނޑުގައި ހިފެހެއްޓުން ފަދަ ކަންކަމަކީ ވެސް ހަރުކަށިކަމާ ގުޅުން ހުރި ކަންކަމެއް ނޫން ކަމަށެވެ.
“މިއަދު މަދުން ނަމަވެސް ފެތުރެމުންދާ ބިރުވެރި އަނެއް ކަމަކީ، އިސްލާމް ދީނަށާއި، ދީނީ ޢިލްމުވެރީންނަށް ފުރައްސާރަކުރުމާއި، ދީނީ ކަންކަމަށް ހަޖޫ ޖެހުމެވެ. ދީނުގައި ޝަރުޢުކުރައްވައިފައިވާ ކަމަކަށް ހަޖޫޖަހައި، ފުރައްސާރަކުރުމީ ދީނުން ބޭރުވާ ކަމެކެވެ“ ހުތުބާގައި ބުންޏެވެ.
މީގެ އިތުރުން ބައެއް މުސްލިމުން ދީނާ ދުރަށް ދަނީ، ދީނީ ކަންކަމުގައި ޞައްޙަ މަޢުލޫމާތު ނުލިބުމުގެ ސަބަބުން ކަމަށާއި އިންޓަނެޓުގައި ޢާންމުކުރާ ހުރިހައި ތަކެއްޗަކީ، ޞައްޙަ ތަކެތި ނޫން ކަމަށް ހުތުބާގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން ޚާއްޞަކޮށް އިސްލާމްދީނާ މެދު ލިޔެފައި ހުންނަ ވާހަކަތަކަކީ، އިތުބާރު ހިފޭ މަޞްދަރުތަކަކުން ކަށަވަރުކުރެވޭ މަޢުލޫމާތުތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.