ދެނަމާދު ދޭތެރޭ ކިޔެވުމާއި ވޮށުފިލާގެ ޒަމާން!
ދެންމެ | 28 ޖޫން 2024

އަހަރުމެން ކުޑައިރެވެ. ޤުރުއާނަކީ އެދުވަހުގެ ދިރިއުޅުމުގެ ބަޔަކަށް އޮތީ އޭރުވެފައެވެ. ހެނދު ނޫނީ މެންދުރު ފަހު ، އެދުރު ދައިތަ ، ނޫނީ ޤުރުއާން ކިޔަވައިދޭ މުދައްރިސާ ކައިރިއަށް ދާންޖެހެއެވެ. ނަގައިދިން ތިން އާޔަތް ފަރިތަކަމާއި އެކު ކިޔައި ދީފައި ނޫނީ ގެޔަށް ނުދެވޭނެއެވެ. މައިންބަފައިން ، ކިޔަވާ ތަން ބަލަން ތިބެއެވެ. ކިޔަވައިދޭ މުދައްރިސާއި އެކު ކުއްޖާއަށް ދަސްވާ މިންވަރު ބަލައެވެ. އަދަބު ދޭންޖެހޭ ޙާލަތުގައި ، މުދައްރިސާއަށް އެއްބާރުލުން ދީގެން އަދަބުދީގެން ވެސް ދަސްކުރުވައެވެ.

ދެން އޮތީ އިރުއޮއްސުމުން އަލިކަމުން އަނދިރިކަމަށް ވަންނަ ވަގުތެވެ. ކުދިން މަގުތަކަކަށް ނުކުތުން މަނާވަގުތެވެ. މަޣުރިބަށް ފަހު މުޅި ރަށުގެ ތެރެއިން ގޭގެއިން އިވޭނީ ފޮތް ކިޔަވާ އަޑެވެ. ޔާސީނާއި ، ތަބާރަ ، ނޫނީ ދަސްތަންތަން ކިޔަވާ އަޑެވެ. ކާން ލިބޭނީ އިޝާނަމާދަށް ފަހަށެވެ. މިހާރަށް ބަލާއިރު މިއާދަ މިވަނީ ، ގެެެއްލި ނެތި ގޮސްފައެވެ.

މައިންބަފައިން އަބަދުމެ ކިޔާނީ ދަރިން ސަކަވެގެން އުޅޭ ވާހަކައެވެ. ތިމާމެންނަށް ދޫކުރެވިފައިވާ ، އިލާހީ ފަރުވާ ، ސަލާމަތީ އައްޑަނަތަށް ދޫކޮށް ޒަމާނީ ކާޓޫނާއި ގޭމަށް ކުދިން އަހުލުވެރި ކުރުވުމުން ، ރޭގަނޑުން ފަހުބައި ކުދިން ތިބެނީ ޣާފިލުވެ ސަކަވެފައެވެ. ބުނާ ބަސްނޭހުމާއި ، ހަލަނިވެފައެވެ.

ތިމާގެ ލޮލުގެ ކޮއި ފަދަ ދަރީން ، ހެޔޮތަރު ބިއްޔަތުގައި ތިބުމަކީ ކޮންމެ މަޔަކު ބަފަޔަކު އެދޭނޭ ގޮތެވެ. ކޮސްމިކް ފަލަކީ ބުރުޖުތަކަށް ބަދަލު އަންނަ ގަޑި ، ރަތްވިލާ އޮއްސި އަނދިރި ކަމަށް ބަދަލުވާ ގަޑީގައި ، ޤުރުއާނުގެ ޖާޒިބިއްޔަތުން (ޑާރކް އެނާރޖީ) އާއި އަނދިރި ބާރުތަކާއި ހަނގުރާމަކޮށް ( އުއްމުއް ސިބްޔާނުގެ) އުނދަގުލުން ކުދިން ސަލާމަތްކޮށް ، ދެނަމާދު ދޭތެރޭ ޤުރުއާން ކިއުއްވުމުގެ އާދަ އަށަގެންނެވުމަކީ ، ބަލަން ތިއްބާ ރޭގަނޑުން ފަހުބައިގައި ކުދިންގެ އަޚްލާޤާއި ސުލޫކަށް މަޑުމައިތިރިކަން ގެނެސްދޭނެ ، މުޖައްރަބު ކަމެކެވެ.

 

* މިއީ އަހުމަދު ތާލިބު އޭނާގެ ފޭސްބުކްގައި ސާއިރުކޮށްފައިވާ ލިޔުމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!