މަޖުބޫރު ކަމެއް ނެތި، އަރާމްކޮށްލައި ފޮނި އަނގަ ތަޅާލަން ނައުމަށް އައިޖީއެމްއެޗުން އެދެފި
ދެންމެ | 30 ޖޫން 2024

ކޮންމެހެން ބޭނުންވާ ހާލަތެއްގައި ނޫނީ އައިޖީއެމްއެޗަށް ޒިޔާރަތް ނުކުރަން އެ ހޮސްޕިޓަލުން މިރޭ އެދިއްޖެ އެވެ.

އެ ހޮސްޕިޓަލުން މިއަދު ނެރެފައިވާ ހާއްސަ ދެންނެވުމެއްގައި ވާގޮތުން، ހައްޖުު ކްލިނިކަށް ހާޒިރުވާ މީހުންގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުންނަ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

އެހެންކަމުން، ބަލިމީހުންނާއި މުވައްޒަފުންނާއި މުޖުތަމައުގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

 

އައިޖީއެމްއެޗުން އަޅާފައިވާ ފިޔަވަޅުތައް:

 

ޒަރޫރީ ހާލަތުގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރަން އެންގުން

ހޮސްޕިޓަލަށް ދާ އެންމެން މާސްކު އެޅުން

ހޮސްޕިޓަލުގައި އެއްވެ އުޅުމުން ދުރުހެލިވުން

ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އަންނަ މީހުންނަށް ޚާއްސަކޮށްގެން އައިޖީއެމްއެޗްގައި ފުލޫ ކުލިނިކެއް މިދިޔަ ބުދަ ދުވަހު ހުޅުވާފަ އެވެ.

ހައްޖުން އެނބުރި އައުމަށް ފަހު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ، އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ވެސް ހައްޖާޖީންގެ ތެރެއިން ވަނީ ފެނިފަ އެވެ. އެނގިފައިވާ ގޮތުގައި އެ ބަލި ޖެހުނީ، ހައްޖުގެ އަޅުކަން ނިންމާލުމަށް ފަހު އެނބުރި އައިތަނާ ބަލި ހާލަތު ދަށްވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިދިޔަ އަންގާރަ ދުވަހު ހަވީރު ނިޔާވި ފުޓުބޯޅަ ތަރި މުހައްމަދު އާރިފް (ބަކާ) އަށެވެ.

ރާއްޖެއިން އެ ބަލި ފެނުމާ ގުޅިގެން ވެސް އިދާރާތަކުން ދަނީ އިތުރަށް ސަމާލުވުމަށް އަންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!