ކުދިންނަށް ދުރޫސުލް އަހްލާގް ދަސްކޮށްދޭން އިސްލާހިއްޔާ ހަދަން ރައީސް ނިންމައިފި
ދެންމެ | 02 ޖުލައި 2024

ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިޞްލާޙީ އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް މަރުކަޒެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އަދި މިކަރުދާހުގައި ހުށަހަޅާފައިވާގޮތަށް ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި އެކި ސަބަބުތަކަށް ޓަކައި ކުށަށް އަރައިގަންނަން މެދުވެރިވާ ކުޑަކުދިންނަށް ބޭނުންވާ ފަރުވާއާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ބަޔާންކުރާ ”ލޯންގް ޓާރމް ރެސިޑެންޝަލް ކެއަރ ފެސިލިޓީ“ މީހުން ދިރިނޫޅޭ ވަކި ރަށެއްގައި (ކުރިން މީހުން ދިރިއުޅެފައި، އުމްރާނީ ތަރައްގީގެ ކަންކަން ހަމަޖެހިފައިވާ ރަށެއްގައި) ގާއިމުކުރުމަށް ނިންމަވާފައިވާ ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން އެފަދަ މަރުކަޒެއްގައި ހުންނާނެ ފެސިލިޓީތަކާއި މަރުކަޒުގައި ހިންގާނެ ޕްރޮގްރާމުތަކުގެ ތަފުސީލުތައް މި ކަރުދާހުގައި ހިމަނާފައިވާކަން ރައީސް އޮފީހުން ފާހަގަކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!