މެމްބަރުންގެ މުސާރަ އަދިވެސް ކުރަންވީ ބޮޑު، ހަމަހިލާ ކުޑަ ކޮށްގެން ނުވާ: ސުޖާޢު
ދެންމެ | 02 ޖުލައި 2024

ރައްޔިތުންގެ ހައްގުގައި ރަނގަޅަށް ވަކާލާތުކޮށް، ގާތުން މަސައްކަތަށް ފަހު ދެން އެ މެމްބަރެއްގެ އަތުގައި އިތުރު ކަންކަމަށް ފައިސާ ނުހުންނަކަމަށާއި މެމްބަރުންގެ މުސާރަ ބޮޑުކަމަށް ގަބޫލު ނުކުރެވޭކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝުޖާއު ވިދާޅުވީ ރައްޔިތުންގެ ފަރާތުން ތަކުރާރުކޮށް އިވޭ އެއް ޝަކުވާއަކީ މަޖިލިސް މެމްބަރުންގެ އަދަދު އިތުރުވަމުން ދިއުމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުވުން ކަމަށެވެ. އެ ކަންބޮޑުވުންތައް ހައްލު ކުރުމަށް ވާހަކަ ދައްކާއިރު، ދުނިޔޭގެ ގައުމުތަކުގައި ޕާލިމަންޓު ގޮނޑީގެ އަދަދު ކަނޑައެޅުމުގައި ބަލާ އުސޫލަށް ވިސްނާލުން މުހިންމުކަން ޝުޖާއު ފާހަގަކުރެއްވި އެވެ. މިސާލެއްގެ ގޮތުގައި ދުނިޔޭގެ އާބާދީ އެންމެ ބޮޑު އެއް ގައުމު، އިންޑިއާ ނަންގަވައި ޝުޖާއު ވިދާޅުވީ ނިސްބަތުން ބަލާއިރު އެ ގައުމުގައި ވެސް މެމްބަރުންގެ އަދަދު ހުންނަނީ އެއް އަދަދެއްގައި ހިފެހެއްޓިފައިކަމަށެވެ. އަދި 300 މިލިއަންގެ އާބާދީއެއް އޮތް އެމެރިކާގައި ވެސް އާބާދީގެ ނިސްބަތުން ގޮނޑީގެ އަދަދު ކަނޑައަޅާފައި އޮންނަނީ ވަކި މެކޭނިޒަމެއްގެ ތެރެއިންކަމަށެވެ.

ޝުޖާއު ވިދާޅުވީ މިއަދު ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ވާހަކަތައް ދައްކާއިރު، މެމްބަރުންނަށް ލިބޭ ހާއްސަ އިނާޔާތްތަކާއި އިމްތިޔާޒްއަށް ކުޑަކުރަން ޖެހޭކަމަށެވެ. ޝުޖާއު ވިދާޅުވީ އޭނާ ދެކޭ ގޮތުގައި މަޖިލީހުގެ ދައުރެއް އަދާކުރާ މެމްބަރުންނަށް އުމުރު ދުވަހުގެ ލައިފް އިންޝުއަރެންސް ލިބެން ޖެހޭކަމަށް ވެސް ގަބޫލު ނުކުރާކަމަށެވެ. އަދި މެމްބަރުކަމުން ވަކިވުމަށް ފަހު، އުމުރުން 55 އަހަރުވުމުން ވަކި ހާއްސަ އިނާޔަތެއް ލިބޭ ގޮތަށް ގާނޫނުގައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ޝުޖާއު ގޮވާލެއްވި އެވެ.

މިކަން އެޕްލައި ކުރަންވީ ދިވެހިރާއްޖޭގެ ހުރިހާ މުވައްސަސާތަކަކަށް.. އެއީ ވެރިކަން ކުރާ މީހުންނަށް ވިޔަސް ލިބޭ އިނާޔަތްތަކާއި އެއްޗިއްސަށް ބަދަލު އަންނަންވީ.. ފަނޑިޔާރުކަން ކުރައްވާ ބޭފުޅުންނަށް ވެސް އިނާޔަތްތަކަށް ބަދަލު އަންނަންވީ… އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދިވެހިރާއްޖޭގައި އޮންނަންވީ ހަމަޖެހޭ އިންޝުއަރެންސް އެއް ނިޒާމު.. އެ ނިޒާމާއި އެކު ހުރިހާ ރައްޔިތުންނަށް ހަމަހަމަކާއި އެކު ބޭނުން ކުރެވޭނެ ގޮތެއް އޮންނަންވީ..

ޝުޖާއު ވިދާޅުވީ އާންމު ރައްޔިތެއްގެ ގޮތުންނާއި، ވަކި މަގާމެއްގައި ހުރީތީ އެ މީހަކަށް ލިބޭ ވަކި ހާއްސަ އިނާޔަތްތަކުގެ ސަބަބުން ދައުލަތަށް އޭގެ ބުރަ ބޮޑުވާކަމަށެވެ. މީގެއިތުރުން ނިޒާމު އޮތް ގޮތުން، މުސާރައިގެ ބޮޑެތި ފަރަގުތައް ހުރިއިރު އެއީ އެންމެ އިންސާފުވެރި ގޮތްތޯ ޝުޖާއު ސުވާލު އުފެއްދި އެވެ.

މަޖިލިސް މެމްބަރުންގެ މުސާރައިގެ އޮނިގަނޑަށް ވާހަކަ ދައްކަވަމުން، ޝުޖާއު ވިދާޅުވީ އިންތިހާބުގައި ރަނގަޅަށް ކެމްޕެއިނުކޮށް އިންތިހާބުވެގެން އައި މެމްބަރަކަށް މުސާރަ ކުޑަކަން އިހުސާސް ކުރެވޭނެ ކަމަށެވެ. ޝުޖާއު ވިދާޅުވީ ސިޓީ ކައުންސިލްގައި އޭނާ ހުންނެވިއިރު އަސާސީ މުސާރައަކީ 30،000 ރުފިޔާކަމަށާއި، މަޖިލިސް މެމްބަރުންނަށް އެލަވެންސް ނުލައި އަސާސީ މުސާރައަކީ 40،000 ކަމަށެވެ. އެހެން ނަމަވެސް މުސާރައާއި ގުޅޭގޮތުން އަމިއްލައަށް ވާހަކަ ދައްކައި، ގޮތް ނިންމުން ވެސް އެއީ ރަނގަޅު ގޮތް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ މެމްބަރެއްގެ އަތަކު ނޯންނާނެ ލޯލާރިއެއް ވެސް…

ޝުޖާއު ވިދާޅުވީ އޭނާ ތައީދު ނޫނީ، މެމްބަރުންނާއި އަދި އެހެން މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބޭ ހާއްސަ އިނާޔަތްތައްކަމަށެވެ. ނުވަތަ މަގާމުން ވަކިވުމަށް ފަހު ވެސް، ދައުލަތުން ހަރަދު ކުރަމުން އަންނަ އުސޫލެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ، މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވެސް ވިދާޅުވީ މެމްބަރުންގެ މުސާރަ ބޮޑު ނޫންކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!