500 މިލިޔަން ރުފިޔާގެ ބޮޑު ބަޖެޓަކާއި އެކު ގާސިމް ވެރިކަމަށް ކުރިމަތި ލައްވަން ނިންމައިފި
ދެންމެ | 04 ފެބްރުއަރީ 2023

ރާާއްޖޭގެ އެންމެ ބޮޑު ސައުދާގަރު އަދި ދިވެހި ރައްޔިތުންގެ އެންމެ ބޮޑު މަދަދުގާރު ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް 500 މިލިޔަން ރުފިޔާގެ ބޮޑު ބަޖެޓަކާއި އެކު ވެރިކަމަށް ކުރިމަތި ލައްވަން ނިންމައިފި އެވެ.

އިތުބާރު މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ވެރިކަމަށް ބޭނުންވާ މި ބޮޑު ފަންޑުގެ ބޮޑު ބައެއް ގާސިމް މިހާރު ވެސް ވަނީ ނަގުދު ފައިސާއަށް ހައްދަވައި ސޭފް ހައުސްތަކުގައި ރައްކާތެރިކަމާއި އެކު ފޮރުވާފަ އެވެ. މިފަދަ ގޮތަށް ގާސިމް އަމަލްކޮށްފައި ވަނީ ބޭންކު މެދުވެރިކޮށް މުއާމަލާތް ކުރުމަކީ ރައްކާތެރި ގޮތަކަށް ނުވެދާނެތީ ކަމަށް މައުލޫމާތު ލިބެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް ގެންދަވަނީ ރާއްޖޭގެ ބައެއް ބޮޑެތި ވިޔަފާރިވެރިންނާއި މަސްވަރާ ވެސް ކުރައްވަމުން ނެވެ. އަދި އިންތިހާބު ކެމްޕޭން ފޯރިގަދަވެ އިތުރަށް ކެމްޕޭނަށް ފައިސާ ބޭނުންވެއްޖެ ހާލަތެެއްގައި ގާސިމްގެ ވިލާ ކުންފުނީގެ ބައެއް މުދާ ވިއްކާލައި ނުވަތަ ރަހުނުކޮށްގެން ނަމަވެސް އިތުރަށް ނަގުދު ފައިސާ ލިބޭނެ އިންތިޒާމްތައް ވެސް ވިޔަފާރިވެރިންނާއި އެކު ދުރާލައި ގެންދަނީ ހަމަޖައްސަމުންނެވެ.

މިގޮތުން ގާސިމްގެ ވިލާ ގޭހާއި ލާމް ހިންގާ ގާސިމްގެ މާންދޫ މަސް ފެކްޓަރީ އާއި މީޑިޔާނެޓްގައި އޮންނަ ގާސިމްގެ ބޮޑު ހިއްސާގެ އިތުރުން ބ. އަތޮޅުގައި އޮންން ރޯޔަލް އައިލެންޑް ފަދަ އަގު ބޮޑެތި ތަންތަން ނަގުދު ފައިސާއަށް ބަދަލު ކުރުމަށް މިހާރު ވެސް ގާސިމް ވަނީ ނިންމަވާފަ އެވެ.

ގާސިމް މިފަދަ ނިންމުމެއް ނިންމާފައިވާއިރު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފައިސާ ހޯދުމަށް ބައެއް އިންވެސްޓްމެންޓްތައް ވިއްކާލާފައި ވެއެވެ. މި ގޮތުން ޓީއެމްއޭގެ ހިއްސާ އޭރު ވިއްކާލާފައި ވަނީ ރާއްޖޭގެ ނުފޫޒު ގަދަ ވިޔަފާރި ކުންފުނި ޗަންޕާ ބްރަދާސް އަށެވެ.

ގާސިމްގެ އަރިސް ބޭފުޅާކު ވިދާޅުވީ ކިތަންމެ ބޮޑު ހަރަދެއް ކޮށްގެން ނަމަވެސް މިފަހަރު ގާސިމް ރާއްޖޭގެ ވެރިކަމަށް ވަޑައިގެން ރައްޔިތުންނަށް ހިދުމަތް ކުރަން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށެވެ.

“ މިމަހު ބާއްވާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އިން އޮނަރަބަލް ގާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓް ދޭން ނިންމާނެ. މާތްﷲ ހެޔޮ ރަހްމަތުން ފަސޭހަ ކަމާއި އެކު ގާސިމް އިންތިހާބު ކާމިޔާބު ކުރާނެ.“ އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ދައުލަތުގެ މިނިސްޓަރުކަން އަދާ ކޮށްފައިވާ ގާސިމަކީ މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ރާއްޖޭގެ ވެރިކަމަށް އައުމަށް އެންމެ ފަސޭހަ ބޭފުޅާ އެވެ.

އިގްތިސާދީ ގޮތުން އަޑިއަޅާލާފައިވާ ގައުމުގެ އިގްސާދު ހަމަ މަގަށް އަޅުވާލުމަށް ގާސިމަށް ވުރެ ވަކިން ކުޅަދާނަ މާލިމީއެއް ނެތް ކަމަށް ރައްޔިތުން ގަބޫލު ކުރަނީ އަމިއްލަފުޅު ވިޔަފާރީގައި ހޯއްދަވާފައިވާ ކާމިޔާބީގެ ސަބަބުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!