ރާއްޖޭގެ ތާރީޚުގެ އިލްމުވެރިޔާ މުޙައްމަދު އިބްރާހިމް ލުޠުފީގެ ގަލަމުން، ފުވައްމުލަކާއި، މި ރަށުގައި މީހުން ވަޒަންވެރިވުމާއި، އިސްލާމްދީން ރަށަށް އައުމާއި، ރަށުގެ ޖިއޮގްރަފީއާއިބެހޭގޮތުން ލިޔުއްވާ، ފުވައްމުލަކުގައި ނެރުނު ”ޖިހާދުގެ ޙަރަކާތް“ ކިޔާ މަޖައްލާއެއްގައި ޝާއިއުކުރެއްވި ވާހަކަތަކެއްގެ ޚުލާސާއެއް – މި ޝައުޤުވެރި މަޢުލޫމާތުކޮޅު ކިޔުއްވާލައްވާ
……………………………………………………………………………………………………………..
”ފުވައްމުލަކަކީ ރާއްޖޭގެ ތާރީޚާ ގުޅިފައިވާ ރާއްޖޭގެ ޤަދީމީ ރަށްތަކުގެ ތެރެއިން އެއްރަށެވެ. ޤުދުރަތީ ގޮތުން ރަށްއޮތީ ވަރަށް އެކަހެރި ގޮތެއްގައި އައްޑުއަތޮޅާ ހުވަދުއަތޮޅާ ދެމެދު އީކްއޭޓަރުގެ ދެކުނުން ގާތްގަނޑަކަށް 36 މޭލު ދެކުނުގައެވެ.
ރަށުގެ ވަށައިގެން އޮތީ ރާޅުއަރާ ފުއްޓަރު ފަޅެކެވެ. މިހެންވުމުން މުލަކަކީ ބޭރުމަތީ ރަށެކެވެ.
ރަށް އުފެދިފައި އޮތްގޮތުން ދެމޫސުމަށް އިންޑިޔާ ކަނޑުގައި އަޅާ އޮއިވަރު ދެމޭ ހަމަތަކުން ރަށުގެ ފުޅޮއި ހަނިވެފައި ގަދައެވެ. އެންމެބޮޑަށް ގަދަވާނީ ރަށާ ކައިރި ސަރަޙައްދެވެ. ހުރަހެއްނެތި މާކަނޑުގެ އޮއޮވަރާއި ބާނި ސީދާއައިސް ރަށުގެ ފުއްޓަރާއި ރަށް އުފެދިފައިއޮތް އުސްގަނޑުގައި ޖެހޭގޮތަށް ރަށް އޮތުމުން ކަމުގެ ނަތީޖާއަކަށްވާނީ ގަދަ ފުޅޮއި އޮއިވަރެއް އުފެދި އެނބުރޭ އޮއިވަރަށް (ވެލޫ) ބަދަލުވެ ކުއްލިގޮތަކަށް ފުއްޓަރުގައި ރާޅު އުފެދި ގަދަވާގޮތް ދިމާވުމެވެ.
ރަށުގެ ވަށައިގެން އޮތްފަޅާއި ރަށުގެ ހޭ ބޭރަށްވީ ސަރަޙައްދުގައި އިސްވެ ބަޔާންވެދިޔަގޮތްތައް އުފެދި މިހާރު އެރަށް ބޭރުމަތީރަށަކަށް ބަދަލުވެފައި އޮތްކަމުގައި ވިޔަސް މީގެ 250 ހަކަށް އަހަރުކުރިން އެރަށަކީ ވިލާއި ފަޅުއޮތް ޤުދުރަތީ ރީތި ބަނދަރު ރަށެކެވެ. އެގޮތުން ދެކުނުގައި އޮތް މަދު ބަނދަރުތަކުގެ ތެރެއިން އެއްބަނދަރެވެ. ލަފާފުރުމަށް ފަސޭހަ ރަށެކެވެ. ނަމަވެސް ކޮރަލް ޖަޒީރާތައް އުފެދި ނެތި ދިއުމާ އަދި އެޖަޒީރާތަކަށް ބަދަލު އައުމުގެ ހަމަތަކުން ރަށް އުފެދިފައިއޮތް ސަރަޙައްދަށްއައި އައިޖިއޮލޮޖިކަލް ބަދަލުތަކެއްގެ ސަބަބުން އެރީތި ބަނދަރުގެ އަނގަމަތި ބެދި ބަނދަރުގެ ފުންވިލާއި ތިލަފަޅު މިއަދުއޮތީ ކުޅިއާއި އޮޅުތަކަށް ބަދަލުވެފައެވެ. މިގޮތް ދިމާވެ ލަފާ ފުރުމަށް ދަތިވި ނަމަވެސް ރަށަށް ލިބިގެން ދިޔައީ ކާބޯތަކެތި ހައްދާނެ ރަނގަޅު ބިންތަކެވެ. ރަށުގެ އަޞްލު ބިންގަނޑަކީ ތާޒާކަމެއްނެތް އަކިރިޔާއި ބޯއާނުން އުފެދިފައިއޮތް ތަނެކެވެ. އެފަށަލައަކީ ރަށުގެވަށައިގެން އޮތް ހިކިފަސް ސަރަޙައްދެވެ. ކުރިން ބަޔާންވެދިޔަ ޙަޤީޤަތްކަމުގައިވާއިރު ބަލައި ވިސްނާ ބަޔަކަށް ކަމުގެ ހެކިފެންނާނެއެވެ. އަދިކަމުގެ ތާރީޚްގެ ތެރެއަށް ދާ ބަޔަކަށް އެކަމެއް ހިނގިދުވަސްވަރުވެސް ލަފާކުރެވޭނެއެވެ.
ރަށްއޮތްތަނުގެ ގޮތުންނާއި ރަށް އުފެދިފައި އޮތްގޮތުން ކުރީގެ ޒަމާންތަކުގައި ދަތުރުފަތުރު ކުރުމުގެ ދަތިކަމާ އަދި އެނޫންވެސް ސަބަބުތަކުން ރަށުގައި އުޅުނު މީހުންގެ މައިގަނޑު ދިރިއުޅުން ބިނާކޮށްފައިއޮތީ ރަށުން އުފެދޭތަކެތީގެ މައްޗަށާއި ރަށުން އުފައްދާ ތަކެތީގެ މައްޗަށެވެ. މިހެންކަމުން އެރަށުގެ މީހުންނަކީ ދިވެހިން ދިރިއުޅުމަށް ކުރި، ހުރިހައި މަސައްކަތެއް ރަނގަޅު ފެންވަރެއްގައި ކޮށްއުޅުނު އަދިކުރާން ދަންނަ، ވިސްނުންތޫނު މަސައްކަތްތެރި މުރާލި ބައެއްކަން އެނގެއެވެ.
ރަށްއޮތީ އީކްއޭޓަރާއި ކައިރީގައިކަމުން ވައިހިނދުމާއި ވައިޖެހޭ މިސްރާބު ތަފާތުވުމުގެ އަސަރު ބޮޑަށް އެރަށަށް އިޙުސާސްވެއެވެ. އަދި ގިނައިން ވާރޭވެހޭ ތަނަކަށްވެސް ވެއެވެ. ރަށުގެ ދެކުނު ކޮޅުގައި އޮތް ”ދިޔަރެހިފާނޑޮ“ ބެދުމަށްފަހު ރަށުގައި ފެންބޮޑުވެ ކުރީގެ ފަޅުއޮތް ސަރަޙައްދުގައި ހެދޭ ތަކެއްޗަށް ގެއްލުން ލިބޭގޮތްވެ ރަށަށް ތަދުމަޑު ޙާލު މެދުވެރިވާ ދުވަސްތައް އާދެއެވެ. ނަމަވެސް ޒަމާނުގެ ޓެކްނޮލޮޖީއާއި އިންސާނުންގެ ހިންމަތުން މިއަދު އެފަދަގޮތް މެދުވެރިވިޔަ ނުދިނުމަށާއި ރަށަށް ވަދެ ނިކުތުން ފަސޭހަކުރުމަށް ޚިޔާލުކޮށް މަސައްކަތް ފެށުނީ 1951މ. ގެތެރޭގައެވެ. ޢަމަލީސިފަ އައީ 1984މ. ގެތެރޭގައެވެ.
ފުވައްމުލަކުގައި ބަޔަކު ވަޒަންވެރިވެ އުޅެންފެށިތާ ގާތްގަނޑަކަށް 1980 އަހަރަށްވުރެ މަދެއް ނުވާނެއެވެ. ރަށުގެ ފުރަތަމަ ވަޒަންވެރިންނަކީ ކޮބައިކަން ނޭގުނު ނަމަވެސް އެބަޔަކީ ރާއްޖޭގައިވެސް ފުރަތަމަ ވަޒަންވެރިން ކަމުގައިވާ އާރިޔަން-ސްޓޮކްގެ މީހުންނެވެ. މިފަދަ މީހުން ރާއްޖެއަށާއި ސްރީލަންކާއަށް އައީ މީލާދީ ސަނަތު ފެށުނު ދުވަސްވަރާ ގާތްދުވަސް ވަރެއްގައި ކަމަށްވެއެވެ. އޭގެފަހުން ސިރީލަންކާއިން ދިވެހިރާއްޖެއަށް ހިޖުރަ ކުރުމުގެ ދެތިން އޮއިވަރެއް އުފެދި ހިނގި ކަމަށްވެސްވެއެވެ.
ސްރީލަންކާގެ ޖަފަނާއާއި ޓިރިންކޮމަލި ސަރަޙައްދުން ހިޖުރަރަ ކުރިމީހުންގެ ކޮންމެވެސް ބަޔަކު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ވަޒަންވެރިވިކަމަށް ހެކި ލިބެއެވެ. އަދި ކުރީ ޒަމާނުގައި އިންޑިޔާ ކަނޑުގައި ވިޔަފާރިކަމު ދަތުރުކުރި އަރަބީންނާއި ޗައިނާ މީހުންނާއި މެލޭޝިޔާ، ޖާވާ އަދި ސުމަތްރާގެ މީހުންވެސް މޫސުމުގެ ގޮތުން ދިގު މުއްދަތަކަށް ރާއްޖޭގެ ރަށްތަކުގައި ބަނދަރު ކޮށްފައިވެއެވެ.
ކޮންމެއަކަސް މުލަކަކީ އެފަދަ ދަތުރުވެރިންގެ އެއް އަމާޒެކެވެ. މިއަދު މުލަކުގައި ތިބި މީހުންގެ މައްޗަށް ވިސްނާއިރު ތަފާތު ދަރިކޮޅުތަކުގެ ކުލައާއި ފީޗަރ ފެނިގެންދެއެވެ. ރާއްޖެ އިސްލާމްވުމަށްފަހު ޢަރަބީންނާއި މަލާބާރު މީހުންނާއި ރާއްޖޭގެ އެންމެ އުތުރުގެ ރަށެއްކަމުގައިވާ މަލިކު މީހުންނާއި އެފްރިކާ މީހުންގެ ނަސްލު އަދި ސިންގަޅަ ނަސްލު މުލަކުގައިވާނެކަމާމެދު އޮޅުމެއްނެތެވެ.
މުލަކުގައި ހުރި ހަވިއްތައަކީ 12 ވަނަ ޤަރުނުގައި ސިލޯނުގައި ހަވިއްތަ ހަދާ ސިފައަށް ހަދާފައިހުރި ބުދުދީނުގެ ދީނީ ޢިމާރާތެކެވެ. ވީމާ، 12 ވަނަ ޤަރުނުގެ ތެރޭގައި ސިރީލަންކާއިން ހިޖުރަކުރި ބުޑިސްޓުންގެ ބަޔަކު މުލަކުގައި ވަޒަންވެރިވެފައިވާކަން އެނގެއެވެ.
ހަވިއްތަހުރި ސަރަޙައްދުން ފެނުނު މުށިކޮޅުތަކާއި ވީރާނާވެފައިވާ ބައެއްތަކެތީގެ އުމުރު ދައްކަނީ މީލާދީން 500 އަހަރަށްވުރެ ކުރިނުވާކަމަށެވެ. މިހެންކަމަށްވާނަމަ މީލާދީން 500 ގެ ތެރޭގައިވެސް މުލަކުގައި ބަޔަކު ދިރިއުޅުނުކަން ސާބިތުވެއެވެ. ނަމަވެސް އެއީ ކޮންބައެއްކަން އަދިވަނީ ޔަޤީން ނުކުރެވިއެވެ.
އާދެ! ޝްރީތްރީ ބުވަނާ އާދީއްތަ މާރަސުން ”އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީ“ ގެ އަތްޕުޅުމައްޗަށް އިސްލާމްވެ ވަޑައިގަތުމަށްފަހު ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަން އިޢުލާން ކުރައްވައި ކޮލި ފަތްތޫރަ ހިންގެވުމުން ރުހުމުގައި އިސްލާމްދީން ޤަބޫލުކުރި ބަޔަކާއި ގަދަކަމުން އިސްލާމްދީނަށް ވަންބަޔަކާއި އެބައެއްގެ ދީން ދޫނުކުރުމަށް ގަދަހެދި ބަޔަކު ތިބިކަން އިހުގެ ލިޔުންތަކުން އެނގެއެވެ.
މިހެންވުމުން އެކިދަރަޖައިގެ ވެރީންނާއި އަސްކަރީން ރަށްރަށަށް ފޮނުވުނުކަންވެސް އެނގެއެވެ. މީގެ އިތުރަށް ބުޑިޒަމްގެ ކިއްލާތައްފަދަ ރަށްރަށަށް ރަދުން އަމިއްލަފުޅަށް ވަޑައިގެން އެރަށްރަށުގައި ހުރި ވޭރު (ބުދުކޯލު) މުގުރައި ބުދުތައް ”އުފުރައި“ އެތަންތާގައި މިސްކިތް ބިނާކުރައްވައި ކުރިން ވޭރަށް ހުރި ބޯގަތަކާއި ވަގުފުތައް މިސްކިތް މައްޗަށް ބަދަލު ކުރެއްވިކަން މިއަދު ސާބިތުވެއެވެ. ނުރުހިތިބެ އިސްލާމްވީ މީހުން ދުވަސްގަނޑަކުން ޣައެރުދީނަށް އެނބުރި އެބައިމީހުންގެ ކާބަފައިންގެ ދީން އަލުން ޤާއިމުކުރިކަންވެސް އެނގެއެވެ. ނަމަވެސް ދައުލަތުގެ ބާރުގެ ދަށަށް އެފަދަ މީހުން ގެންނަވައި އެމީހުންނާއިމެދު އިސްލާމީ ޝަރީޢަތުގެ ހަމަތަކުން އަމަލުކުރެވުނު ކަންވެސްއެނގެއެވެ.
ކޮންމެއަކަސް ތަވާތުރުގޮތުން އިވެމުންއައި ވާހަކަތަކުން އެނގެނީ އައްޑުއަތޮޅާއި ފުވައްމުލައް އިސްލާމްކުރެއްވީ އައްޑޫ މީދޫ ކޯގަންނު މެދުޒިޔާރަތުގައި ފަސްދާނު ލެވިފައިވާ އަލްޙާފިޡު ޔޫސުފު ނާއިބު ކަލޭގެފާނާއި އެކަލޭގެފާނުގެ ދަރީން ކަމުގައެވެ. މިވާހަކައަކީ ދެކުނުގެ ދެއަތޮޅުގައާއި އަދި މާލޭގައިވެސް ދެކެވެމުންދާ ވާހަކައެއް ކަމުގައިވިޔަސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުގެ ހިތުގައި މިކަމާމެދު އޮތީ ސުވާލު މާރކް އުފެދިފައެވެ. އެފަދަ މުހިއްމު ޙާދިސާއެއް ރާއްޖޭގެ ތާރީޚްގައި ހިނގައިދާއިރު ރާއްޖެ އިސްލާމް ކުރެއްވި ބޭކަލެއްގެ ނަމާއެކު އެދަރަޖައިގާ ޔޫސުފު ނާއިބު ކަލޭގެފާނުގެ ނަން ރާއްޖޭގެ ތާރީޚް ފޮތްތަކުގައި ލިޔެވި އަދި އެ ޙާދިސާއަށް އިޝާރާތްކޮށްފައި ނުވާތީއާއި ޔޫސުފު ނާއިބު ކަލޭގެފާނުގެ ނަމުގެ ފަހަތުގައި އޮންނަ ”ނާއިބުކަލޭގެފާނު“ މިނަމަކީ %100 ދިވެހި ނަމަކަށްވެފައި އެފަދަ ނަމެއް އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީ ގެ ނަންފުޅުގެ ފަހަތަށް އިތުރުވެފައި ނުވާތީއެވެ. އާދެ! އިސްލާމްދީން ފެތުރުމަށް ދުނިޔޭގެ ތެރެއަށް ނިކުންނެވި ދެބޭކަލުންގެ ތެރެއިން އެއްބޭކަލަކު އައްޑުއަތޮޅަށް އަނެއްބޭކަލަކު މާލެއަށް ދުރުވެ އެބޭކަލުންގެ މަސައްކަތް ކުރިޔަށް ގެންދިވިއިރު އެދެބޭކަލުންގެ ނަމުގެ ފަހުބައި ތަފާތުވާތީއެވެ.
އާދެ! އިސްވެ ދެންނެވި ސުވާލުތަކުގެ ޖަވާބު ނުލިބިފައިވަނިކޮށް 1981-1982މ. ގައި އަތޮޅު ތަޢުލީމީ މަރުކަޒު ޢިމާރާތް ކުރުމުގެ މަސައްކަތުގައި މުލަކުގައި އަޅުގަނޑު އުޅުނު އުޅުމުގައި މުލަކުގެ މިސްކިތްތަކުގެ ދަރިކޮޅުތަކާއި އަދި މުސްކުޅިދަރިކޮޅުތައް ހޯދުމަށްކުރި މަސައްކަތުން ޔޫސުފު ނާއިބު ކަލޭގެފާނުގެ ދަރިކޮޅުގެ މައްޗަށް ތާރީޚް ޤަބޫލުކުރާ މިންވަރަށް ހެކި ލިބިގެން ހިނގައްޖެއެވެ. އާދެ! އޭނާއަކީ ބޭރުގެ ދަރިކޮޅަކާއި ގުޅިގެން އުފެދިފައިވާ ފުވައްމުލަކުގެ ދަރިކޮޅެއްގެ ބޭކަލެކެވެ. އެޒަމާނުގެ އިލްމްވެރި އަދި ދީންވެރިއެކެވެ. އޭނާގެ ޙަޔާތުގެ ކޮންމެވެސް ދައުރެއްގައި ރަށް ދޫކޮށްލައްވައި ވަޒަންވެރިވެ ހުންނެވީ އައްޑޫއަތޮޅު މީދޫގައެވެ. ކަމަކީ މުލަކާއި އައްޑުއަތޮޅާއި ދެމެދުގައި ހިނގަމުން އައިސްފައިވާ ކަމެކެވެ. މިކަމުގެ ނަތީޖާއިން އައްޑޫއަތޮޅު މީދޫއާއި އަދި އެއަތޮޅުގެ ގިނަ ޢާއިލާތަކުގެ ފެށުންވަނީ މުލަކާ ގުޅިފައެވެ.
ކުރިންވެސް ދެންނެވި ފަދައިން ރާއްޖެ އިސްލާމްވީތާ 60 ވަރަކަށް އަހަރުގެ ތެރޭގައި އެކިރަށްރަށުން އިސްލާމްދީން ދޫކޮށް ބުޑިޒަމަށް އެނބުރުނު ބަޔަކު ތިބިކަން އެނގޭއިރު ޔޫސުފު ނާއިބު ކަލޭގެފާނާއި އޭނާގެ ދަރީން މުލަކާއި، އައްޑޫއަތޮޅުގައި ދީނާއި ދެކޮޅަށް އުފެދުނު ”ބަޣާވާތް“ މަގަށް އެޅުވުމަށް ކުޅުއްވިދާނެ ރޯލް ހާމަވެގެންދެއެވެ. މިހެންވުމުން އެދެއަތޮޅު އިސްލާމް ކުރެއްވުމުގެ ޝަރަފު އެކަލޭގެފާނަށް ބަޔަކު ނިސްބަތްކުރަނީ ޙަޤީޤަތާ ޚިލާފަށެވެ. ދިވެހިރާއްޖެއަށް އިސްލާމްދީން ގެންނެވީ ހަމައެކަނި މާލޭ މެދުޒިޔާރަތުގައި ފަސްދާނުލެވިފައިވާ ”އަލްޙާފިޡު އަބޫބަރަކާތު ޔޫސުފުލް ބަރްބަރީ“ އެވެ. ޔޫސުފު ނާއިބުކަލޭގެފާނަށާއި އޭނާގެ ދަރީންނަށް އަޅުގަނޑުމެން އިޙްތިރާމްކޮށް ޙުރުމަތްތެރިކޮށް ހިތާންޖެހެއެވެ. އެއީ ދެކުނުގެ ދެއަތޮޅުގެ ބަޔަކު އިސްލާމްދީން ދޫކޮށް ޝިރުކުގެ ތެރެއަށް ގެއްލެނިކޮށް އެހެންވިޔަ ނުދިނުމަށް ޔޫސުފު ނާއިބު ކަލޭގެފާނާއި އޭނާގެ ދަރީން ކުރެއްވި އަގުހުރި ޚިދުމަތާއި ވެވަޑައިގަތް ޤުރުބާނީއަށްޓަކައެވެ.
1153މ. މާލޭގައި ހުންނެވި ރަދުން އިސްލާމްވެވަޑައިގެން ރާއްޖޭގެ ރަސްމީދީނަކީ އިސްލާމްދީން ކަމުގައި ހަމަޖެއްސެވި ނަމަވެސް އެކި ރަށްރަށުގެ މީހުން އިސްލާމް ވެފައިވާނީ އެކިތާރީޚްގައި ކަން ވިސްނެއެވެ. މިހެންކަމުން ފުވައްމުލަކުގެ ރައްޔިތުން އިސްލާމްދީން ޤަބޫލުކުރި ތާރީޚަކާއި އެދީން އެރަށަށް ގެންގޮސް ރަށުގައި ހުރި ބުދު ކޮއިލުތައް އުވާލުމަށް މާލެއިން ދިޔަ ބައެއްގެ ނަން އެނގޭކަށް ނެތެވެ. ތާރީޚް އޭގެ ޙަޤީޤަތްތަކާއެކު ލިޔެވިފައި އޮތްނަމަ މިކަންވެސް ސާފުކޮށް އެނގެންވާނެއެވެ. މުލަކަށް އިސްލާމްދީނުގެ އަލިކަން ފެތުރުމަށްފަހު ދެވަނަފަހަރަށް އެރަށުގައި ބުޑިޒަމަށް އެނބުރުނު އެނބުރުމެއް ހިނގިކަން ޔަޤީންވެއެވެ. ނަމަވެސް މިކަން ހިނގިތާރީޚަކާއި ކަމުގެ ތަފްޞީލުތަކެއް އަޅުގަނޑުމެންނާ ހަމައަށް އައިސްފައެއް ނުވެއެވެ. ކޮންމެއަކަސް މުލަކުގެ ކެޑޭރެ މިސްކިތާއި އަދި އެނޫންވެސް މިސްކިތްތަކުގެ ދަރިކޮޅާއި ޔޫސުފު ނާއިބުކަލޭގެފާނުގެ ދަރިކޮޅު ރަނގަޅަށް ސްޓަޑީ ކުރެވެނިކޮށް އެޒަމާނެއް ލަފާކުރެވިދާނެއެވެ. ފުވައްމުލަކުގެ ދިގު ތާރީޚްގައި މިގޮތުން ތަޙުޤީޤްކޮށް ބަލައި ދިރާސާކުރަން ޖެހިފައިވާ ވަރަށް މުހިއްމު ޙާދިސާތައްވެއެވެ.
ކޮންމެއަކަސް އިސްވެ އިޝާރާތްކުރި ހާދިސާއަށްފަހު މުލަކުގެ ރައްޔިތުން މިއަދާ ހަމައަށް ދެމިތިބީ އިސްލާމްދީން މަތީގައެވެ. އެމީހުންގެ ތެރެއިން އަގުހުރި ޢިލްމްވެރީންނާއި ޙާފިޡުން، ޤާޟީންނާއި ނާއިބުން އުފެދިފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ރަސްކަމާއި ވަޒީރުކަން ކުރެއްވި އަގުހުރި ޝަޚުޞިއްޔަތުތައްވެސް އުފެދިފައިވެއެވެ. ރާއްޖޭގެ އެހެން އަތޮޅުތަކުގެ ސަފުގައި އެކަހެރިގޮތަކަށް އިންޑިޔާ ކަނޑުގެ މެދުގައި މުލައް އޮތުމާއި ލަފައިފުރުން ދަތި ރަށަކަށްވާތީ ތާރީޚްގެ ހުރިހައި ޒަމާނެއްގައި ރަށަކީ މުހިންމު ސިޔާސީ ކުށްވެރީން އަރުވާލައި ނުވަތަ ފޮނުވާލެވޭ ރަށެކެވެ. މިކަން މިގޮތަށް ހިނގުމުން ވަރަށްގިނަ ފައިދާތައް މުލަކަށާއި މުލަކުގެ ރައްޔިތުންނަށް ލިބިފައިވެއެވެ. އަދި ރާއްޖޭގެ ތާރީޚާއި މުލަކުގެ ތާރީޚް ލާމެހުމުގެ ސަބަބަކަށްވެއެވެ. އެފަދަމީހުންގެ ފުރިހަމަ ލިސްޓެއް އަޅުގަނޑުމެނާ ހަމައަށް ލިބިފައެއް ނުވެއެވެ. ނަމަވެސް ރާއްޖޭގެ ތާރީޚްގެތެރޭން އެފަދަ ގިނަ ބައެއްގެ ނަން ހޯދައި ފާހަގަ ކުރެވިދާނެއެވެ.
އައްސުލްޠާން އިބްރާހީމް މުޟުހިރުއްދީންއާއި ސާމިޔާ ފާށަނާ ކިލެގެއާއި ބޮޑު ހަނދޭގިރީންނާއި އިބްރާހީމް ފާމުލަދޭރި ކިލަގެފާނާއި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީންއާއި އެރަދުންގެ ދަރިކަލުން އަލްއަމީރު ޙަސަން ޢިއްޒަތްދީންއާއި ވެލާނާގޭ އަލްފާޟިލް މުޙައްމަދުދީދީއާއި އަލްފާޟިލް އިބްރާހީމް ޙިލްމީއާއި އަލްފާޟިލް އަޙްމަދު ޒަކީ ފަދަ ބޭފުޅުން އެލިސްޓުން ފާހަގަ ކުރެވެއެވެ. ސާމިޔާ ފާށަނާ ކިލެގެއާއި ބޮޑު ހަނދޭގިރިންނާއި އިބްރާހީމް ފާމުލަދޭރި ކިލެގެފާނާއި އަލްއަމީރު ޙަސަން ޢިއްޒަތްދީން ވަޅުލެވިފައިވަނީ ފުވައްމުލަކުގެ ބިމުގައެވެ. ފާހަގަކުރެވޭ ތަންތަނުގައެވެ. މިފަދަ ޝަޚުޞިއްޔަތުތަކަކީ ރާއްޖޭގެ ތާރީޚުގެ މުހިންމު އަފްރާދުންނެވެ. މުލަކުގެ ތާރީޚާއި ރާއްޖޭގެ ތާރީޚް ގުޅުވައިދޭ ޝަޚްޞިއްޔަތުތަކެވެ. އެފަދަ ބޭފުޅުންގެ ތާރީޚީ ފާހަގަތައް ދަމަހައްޓައި ބެލެހެއްޓުމަކީ ބޭނުންތެރި ކަމެކެވެ.
ސާމިޔާފާށަނާ ކިލެގެއަކީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 ގެ ބޮޑުބޭބެފުޅެވެ. އައްސުލްޠާން އިބްރާހީމް ކަލާފާނާއި އައްސުލްޠާން ޙުސެއިން ފާމުލަދޭރި ކިލެގެފާނާއި (ވެލަވަޅު ނައިކިލެގެ) އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން 1 ގެ ބޮޑުޅިޔަނެވެ. މިކިލެގެފާނު ރާއްޖޭގެ ޤާނޫނީ ރަސްކަމާ ދެކޮޅަށް ބަޣާވާތް ކުރައްވައި ޅ. އަތޮޅު މާފިލާފުށީގައި ވަކިރަސްކަމެއް (ވެރިކަމެއް) ހިންގަވާން ފެއްޓެވުމުން އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން 1 އޭނާއާ ހަނގުރާމަ ކުރައްވަނިކޮށް ފިއްލަވައިގެން މަލިކަށް ވަޑައިގެން ހުންނަވަނިކޮށް އެރަދުންގެ ލަޝްކަރު މަލިކަށްގޮސް އެކިލެގެފާނު ހައްޔަރުކޮށް ރިހީގެ ޗޭނަކުން ހިލިހިލާ ޖަހައިގެން މާލެ ގެނެވުނެވެ. މިހިލިހިލާއާއެކު ފޮނުވާލެވުނީ ފުވައްމުލަކަށެވެ.
މިކަން ހިނގާފައިވަނީ މުޙައްމަދު ޢިމާދުއްދީން ގެ ރަސްކަމުގައެވެ. (1620-1648މ.) މުލަކު ރަސްގެފަންނުގައި ގެއެއް ތައްޔާރުކޮށް އެގޭގައި ދުވަސްކޮޅަކު އެކިލެގެފާނު ބަންދުކޮށްފައި ބެހެއްޓުމަށްފަހު އަތްފައިން ޕުޅުން އެރިހިކެވެލި (ހިލިހިލާ) ނުނަގައި ރަށުތެރޭގައި އުޅުއްވުމުގެ މިނިވަންކަން އެރުވުނެވެ. މިދުވަސްވަރު މާލެއިން އެކިލޭގެފާނަށް ބޭނުންފުޅު ތަކެތި ފޮނުވަމުން ގެންދެވުނެވެ. ރަސްކަމުގެ ކޮއިލުގައި އެންމެ ބާރުގަދަ ޝަޚުޞިއްޔަތަކީ އެކިލެގާނުގެ ކޮއްކޯފުޅު ކަނބާއައިސަރަނި ކިލެގެފާނުކަން ހަނދާންކޮށްލުމުން ފުދެއެވެ. މިކިލެގެފާނަށް މުލަކުން އެހީވެދިން ޢާއިލާއަކީ ދޫޑިގަމް މާހޮޅިޔެ ޢާއިލާއެވެ. އެޢާއިލާގެ އެންމެނަށް ރަންރިހީގެ ގަހަނާ އެޅުމުގެ ހުއްދައާއި އުންޖެހި މަރަވަޅިއަށް އެރުމުގެ ހުއްދަ ފަތްކޮޅު ދެއްވީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 ގެ ރަސްކަމުގައެވެ. އަދި ރަސްގެފަންނަށާއި އެފަންނަށް ވަނދެ ނިކުތުމަށްއޮތް ނެރުގެ މައްޗަށް ބާރު ހިނގާނެ ފަތްކޮޅެއް މާހޮޅިޔެ ޢާއިލާއަށް ރަދުން ދެއްވިއެވެ.“