މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގުޅިގެން އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުން މިއަހަރު ކްރިކެޓް ވޯލްޑް ކަޕްގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރާއްޖެއަށް އައުމަށް ހާއްސަ ދައުވަތެއް ދީފިއެވެ.
އެމްއެމްޕީއާރްސީން މައުލޫމާތު ދެއްވިގޮތުގައި، އެ ޓީމަށް ފޮނުވި ރަސްމީ ދައުވަތުގައި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމަށް ތަހުނިޔާ ކިޔައި، އެ ޓީމަށް ލިބުނު މި ފުރިހަމަ ކާމިޔާބީއަށް ތައުރީފުކޮށް، އެމްއެމްޕީއާރުސީގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއާއި މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރް ވަނީ ޓީމް ރާއްޖޭގައި ހޯސްޓް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް، ހަނދާނުން ފުހެލަން ދަތި މަލަމަތިތަކާއި، ރިލެކްޝޭޝަން އާއި ޕާސަނަލައިޒްޑް މެހެމާންދާރީ އަދި ތަފާތު އެކި ތަޖުރިބާތައް ރާއްޖެއިން ލިބެންހުރިކަން ފާހަގަކޮށްފައެެވެ.
މި ދައުވަތުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ވަރުގަދަ ސަގާފީ އަދި ކުޅިވަރުގެ ގުޅުންތައްވެސް ފާހަގަކޮށްފައިވާ ކަމަށް އެމްއެމްޕީއާރްސީން މައުލޫމާތު ދެއްވިއެވެ.
”ރާއްޖެއަކީ އިންޑިއާގެ ކްރިކެޓް ޓީމުން މި ވަރުގަދަ ކާމިޔާބީ ފާހަގަކުރުމަށް އެންމެ ފުރިހަމަ މަންޒިލެވެ. އެމްއެމްޕީއާރުސީގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވި ފަދައިން، ”އިންޑިއާގެ ކްރިކެޓް ޓީމަށް މަރުހަބާ ކިޔައި، އެ ޓީމަށް ލިބުނު ކާމިޔާބީގެ އުފަލުގައި ބައިވެރިވުމަކީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ޝަރަފެއް.“ ޝިއުރީ ވިދާޅުވިއެވެ.
އަދި ކާމިޔާބީ ފާހަގަކުރުމުގެ ހަނދާންތައް އާކުރުމަށް އެންމެ ފުރިހަމަ މަންޒިލެއް ފޯރުކޮށްދީ، އިންޑިއާގެ ކްރިކެޓް ޓީމް ހޯސްޓް ކުރުމުގެ ފުރުސަތަށް އިންތިޒާރު ކުރާކަމަށްވެސް ޝިއުރީ ވިދާޅުވިއެވެ.