ދިއްގަރުގައި އަމިއްލަ ގަޔަށް ވަޅި ހެރީ ސިހްރެއްގެ ބާރުން: އާއިލާ
ދެންމެ | 09 ޖުލައި 2024

ރޭގެ މަޣްރިބް ނަމާދު ވަގުތުގައި މ. ދިއްގަރުގެ ޒުވާނަކު އަމިއްލަ ގަޔަށް ވަޅި ހެރީ މޮޔަވެގެން ނޫން ކަމަށާއި އެއީ ސިހުރުވެރިއެއްގެ ދަރިއަކާ ރައްޓެހިވިފަހުން ވީ ކަމެއް ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

މައުލޫމާތު ދެމުން ވަޅި ހެރި ޒުވާނާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުނީ އެޒުވާނާ އަކީ އެއްވެސް ގޮތަކަށް މޮޔަ މީހެއް ނޫން ކަމަށާއި އެފަދަ ކަމެއް ވެގެން އެއްވެސް ތަނަކު ރަޖިސްޓްރީކޮށްފައިވެސް ނޯންނާނެ ކަމަށެވެ. އަދި ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދުމަށް ޑޮކްޓަރަކަށް ދައްކާފައިވެސް ނުވާނެ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އައިސީޔޫގައި މިހާރު އެ ޒުވާނާއަށް ފަރުވާދެމުންދާއިރު އޭނާގެ އާއިލާއިން ބުނީ މިއީ ސިހުރުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން މިކަން ހިނގީ ދިއްގަރުގައި ސިހުރު ހަދާ ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ވެސް އާއިލާއިން ބުނެފައި ވެއެވެ. އެއީ ޒުވާނާ އެންމެ ފަހުން ވާހަކަ ދެއްކީ އެމީހާއާ ކަމަށް ވެފައި ދެމީހުން ވަރަށް ޒުވާބުކުރިކަމަށް އާއިލާއިން ބުނެފައި ވެއެވެ. އަދި ސިހުރު ހަދާ މީހާ ޒުވާނާ އަށް އިންޒާރު ދީފައިވާކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ.

މި މައްސަލައިގައި އާއިލާއިން ވާހަކަ ދެއްކި މީހާ ބުނީ ސިހުރު ހަދާ މީހާގެ ދަރިއަކާ ޒުވާނާ ރައްޓެހި ވުމުން އެކަމާ ނުރުހުންވެ ސިހުރުވެރިޔާ ސިހުރު ހެދީ ކަމަށް ބެލެވޭ ކަމަށެވެ.

އަމިއްލަ ގަޔަށް ވަޅި ހެރި މީހާގެ ހާލު އަދިވެސް ގޯސް ކަމަށް އާއިލާއިން ބުނާއިރު އޭނާ އަދިވެސް އޮތީ މ. މުލީ ރީޖަނަލް ހޮސްޕިޓަލްގައެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ ނަފްސާނީ ބަލި މީހަކު އަމިއްލައަށް ގައިގަ ވަޅި އަޅައިގެން ފަރުވާ ދެމުންދާ ކަމަށެވެ. އަދި މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!