ޖުވާ ކުޅެ، ބެޓް ކުރާ ސައިޓްތައް ރާއްޖޭގައި ބްލޮކް ކުރަން ފަށައިފި
ދެންމެ | 10 ޖުލައި 2024

ބެޓްކުރަން ބޭނުން ކުރާ ވެބްސައިޓްތައް ރާއްޖޭގައި ބްލޮކް ކުރަން ފަށައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވަނީ ބެޓް ކުރުމަށް ރާއްޖޭގައި ބޭނުން ކުރަމުން އަންނަ ސައިޓްތަކުގެ ތެރެއިން ފާހަގަ ކުރެވިފައިވާ ސައިޓްތައް ބްލޮކް ކުރަން ފަށާފައިވާކަން ”ވަގުތު“ އަށް ކަށަވަރުކޮށްދެއްވާފައެވެ.

ޝިފާން ވިދާޅުވީ، މިހާތަނަށް ފާހަގަ ކުރެވިފައިވާ ހަތަރު ސައިޓެއް ބްލޮކް ކުރުމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހާރު ”ކިރަބެޓް“ ނަމަކަށް ކިޔާ ސައިޓެއް ބްލޮކް ކޮށްފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.

”ހަތަރު ސައިޓެއް ބްލޮކް ކުރަން ވާނީ ފޮނުވާފަ. އެތަނުން ކިރަބެޓް ނަމަކަށް ކިޔާ ސައިޓް މިހާރު ވާނީ ބްލޮކް ކުރެވިފަ“ ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ، ބްލޮކް ކުރި ސައިޓްތަކުގެ މައުލޫމާތު އަދި ފަހުން ހިއްސާ ކުރާނެ ކަމަށެވެ.

ބެޓް ކުރާ އެކިއެކި ސައިޓްތަކަށް ވަދެ ފައިސާ ހޯދުމަކީ ދިވެހި މި މުޖުތަމައު ތެރޭގައި ފަހަކަށް އައިސް ވަރަށް އާންމުވެފައިވާ ކަމެކެވެ. މިކަން އެންމެ ފުރަތަމަ ކުޑަކުޑަކޮށް ފެށުނު ނަމަވެސް ފަހަކަށް އައިސް ގިނަ ބަޔަކު ވަނީ މިކަމުގައި ދެވިހިފާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!