ސަރުކާރާއި ދެކޮޅު މަޖިލީހެއް އޮތުމުން ވާގޮތް އެބަފެނޭ: ރައީސް
ދެންމެ | 12 އޭޕްރިލް 2024

ރައްޔިތުންގެ ވިސްނުމުގައި މަސައްކަތް ނުކުރާ, ސަރުކާރާ ދެކޮޅު މަޖިލީހެއް އޮތުމުން ވާނެގޮތް މިއަހަރުގެ ބަޖެޓުން ފެންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާފަންނު އުތުރު ދާއިރާގެ ކޯލިޝަންގެ ކެންޑިޑޭޓްގެ ކެމްޕޭން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިދިކޮޅުގެ ބޮޑު އަގުލަބިއްޔަތު އޮންނަ މަޖިލިސް ތަކުން ކަންކުރަމުންދަނީ އުސޫލާ އެއްގޮތަށް ނޫން ކަމަށެވެ. އެއީ މުޅި ދުނިޔޭގައިވެސް ކަންކުރަމުންދާ އުސޫލު ނޫން ކަމަށެވެ.

 

އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް މި މިހާރުގެ މަޖިލީހުން ރުހުން ނުދިންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދޭންވީ ސަބަބެއް ނެތް ކަމަށެވެ.

”ރައްޔިތުން އިންތިހާބެއް ބާއްވާ ސަރުކާރެއް ހޮވައިދިނީމަ އެ ސަރުކާރެއްގަ ފުރަތަމަ ކެބިނެޓު ހުށަހެޅިގެން ދާއިރުގައި ގާނޫނު އަސާސީގައި ބަޔާންކުރާ ޝަރުތުތައް ހަމަވާ މީހުންގެ ނަންތަކެއް ހުށަހަޅައިފިއްޔާ ރުހުން ދިނުން އެކަމުގަ އޮންނަ ގޮތަކީ. ދެން ދީފައި އެ މީހަކު ރަނގަޅަށް މަސައްކަތް ނުކުރަންޏާ ނޯ ކޮންފިޑެންސް ނެގޭނެ. ނޫނީ ސުވާލުކޮށްގެން ވެސް އެ ޖަވާބު ނުދެންޏާ އިތުބާރު ނެތް ކަމަށް ވޯޓު ނެގޭނެ ނޫންތޯ.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އަމަލު ކުރަނީ ގާނޫނުގައި ބުނާ ގޮތާއި އެއްގޮތަށް ނޫން ކަމަށާއި، އަދި މިފަދަ ގޮތަކަށް މަޖިލީހަކުން އަމަލުކުރިތަނެއް މުޅި ދުނިޔެއިން ވެސް ނުދެކޭ ކަމަށެވެ. މިހާޜު ވެސް ރުހުން ނުދީ ތިން މިނިސްޓަރުން އެބަތިބި ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އެކަމުން ވެސް ދޭހަ ކޮށްދެނީ ސަރުކާރަށް އެއްވެސް ކަމެއްގައި އެހީތެރިކަމާއި އެއްބާރުލުން ނުދޭ ކަމުގެ ހެކި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއީ ރައްޔިތުންގެ ވިސްނުމުގައި މަސައްކަތް ނުކުރާ މަޖިލީހެއް އޮތުމުން ވާނެގޮތް ކަމަށާއި އަދި މިއަހަރު ފާސްކޮށްފައި އޮތް ބަޖެޓަށް ބަލާލުމުން ވެސް އެކަން ހާމަވާ ކަމަށް ވެސް ވިދާޅުވިއެވެ.

”މިސާލަކަށް މިއަހަރުގެ ބަޖެޓަށް ބަލާއިރު ވެސް އެކަން އެބަފެނޭ. އެމްޑީޕީން ހުށަހަޅާފައިވާ ބަޖެޓަށް އަޅުގަނޑު ބޭނުން އެތައް ކަމެއް އޭގަ ހިމެނީމަ ވެސް އެބައިތައް އުނިކޮށް އެކި ގޮތްގޮތް ހަދައި ބަދަލުކޮށް ފާސްކޮށްފަ އެއޮތީ. މިހެންވީމަ ރަށްރަަށުގަ ހިންގަން ބޭނުންވާ މަޝްރޫއުތައް ހިންގާނެ ފައިސާއެއް ނެތް ހިމަނާފައެއް އެކަށީގެންވާ އަދަދެއްގެ. ބަނދަރެއް ހަދަން އަޅުގަނޑު ވައުދެއް ވެފައި އިނުމުން އެ ބަނދަރަށް ބޭނުންވާ ބަޖެޓު އެބޭފުޅުން ބޭނުންވީމަ ހިމަނައިގެން ދީފަ އޮވެދާނެ. އެކަމަކު މިއޮންނަނީ އެއް މިލިއަން ރުފިޔާ ބަނދަރު ހަދަން. މިހެން ބަޖެޓު ފާސްކޮށްފަ މި އޮންނަނީ.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އޮތީ ނަތީޖާ ނެރެދޭން ކަމަށާއި ރައްޔިތުން ބޭނުންވާ ކަންކަމުގެ ނަތީޖާ ނެރެ ބާރު ސްޕީޑުގައި ކަންކަން ކުރިއަށް ގެންދިޔުމަކީ އެމަނިކުފާނުގެ ސިޔާސަތު ކަމަށެވެ.

އެހެންކަމުން މިކަން ކުރާނެ ބޭފުޅުން މަޖިލީހަށް ހޮއްވަވައިދެއްވުމުން ރައްޔިތުން ބޭނުންވާ ހަލުވި ސްޕީޑުގައި ކަންކަން ކޮށްދެއްވާނެ ކަމަށެވެ. އަދި ކަން ފަހިކޮށްދިނުމުގެ ބާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!