ދޮންބިލަތް ކުރު ދޮށިން ގާސިމަށް، ހުރިހާ ވެރިންގެ ހަލާކަކީ ގާސިމް.
ދެންމެ | 12 ޖުލައި 2024

ކޮންމެ ސަރުކާރަކަށް ވެސް އެންމެ ބޮޑު ގެއްލުމެއް ލިބެނީ ގާސިމް އިބްރާހިމްއާ އެކު އުޅެންޖެހޭތީ ކަމަށް ބިލެތްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ދޮންބިލެތް އަހުމަދު ހަލީމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ”ފަށާއިރު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ދޮންބިލެތް ވިދާޅުވީ ރާއްޖޭގައި ފަހުން އައި ކޮންމެ ސަރުކާރެއްގައި ވެސް ހަނީމޫން ޕީރިއަޑުގއި އެންމެ ބޮޑު އެޑްވާންޓޭޖެއް ނަންގަވާ ބޭފުޅަކީ ގާސިމް އިބްރާހިމް ކަމަށެވެ.

މިސާލެއްގެ ގޮތުން ވިދާޅުވީ ދާދި ފަހުން މަހުގެ އަގު ވައްޓާލީ ވެސް ގާސިމް އަޑީގައި ހުންނަވައިގެން ކަމަށެވެ.

”ގާސިމްގެ މާންދޫ އާއި ގާސިމްގެ ކީކިމިނި ތަންތަނަށް، ގާސިމަށް މަސްގަނެވޭނެ އަގަށް މި ރަށުގެ މަހުގެ އަގު ވައްޓާލީ. ދެން މިފްކޯ އިން އެ އަގަށް ގަންނަންޏާ މާންދޫ ތަންތަނަކަށް ނުވޭ. މިއަދު ގާސިމްގެ އެންމެ ބޮޑު ބޭނުމަކީ، ގާސިމް ކުރައްވާ ކަމަކީ މަހުގެ އަގު ވައްޓާލުން. އަދި ބައްލަވާ މަހުގެ އަގު 6 ރުފިޔާ އަށް ހައްދަވާނެ. ހައްދަވާފައި މާންދޫ އަށް ހުރިހާ މަހެއް ނަންގަވާނެ. ދެން ވިދާޅުވާނެ ކުރީގެ ސަރުކާރު ކުރީގެ ސަރުކާރު،“ ދޮންބިލެތް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ ސަރުކާރު ނިމެންދެން ގާސިމް ހުންނެވީ އެ ސަރުކާރާ އެކީގައި ކަމަށެވެ.

”އަޅުގަނޑުމެންގެ ސަރުކާރު ނިމުމުގެ ކުރިން ރައީސް މުއިއްޒާ ދެކޮޅަށް ދެއްކެވި ވާހަކަތައް އެހެރީ. ވަގަކަށް ހައްދަވާފައި. ވަރަށް ދެރަ ވެސްވި. އެއްގޮތަކަށް ވެސް އެކަހަލަ ވާހަކަ ދައްކަވައިގެން ނުވާނެ. ރައީސް މުއިއްޒު ދިމްޔާތު އަޅުއްވާފައި އެވަނީ ކޮޅުދާލިން ވައްކަން ކޮށްގެން ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެކަމަކު ތަންތަނަށް އަރާ އެ ކިޔަނީ އައި އިރު އަތުގައި އެއްޗެއް ވެސް އޮތް މީހެއް ނޫނޭ. ހޮސްޕިޓަލް ހަދާ ނިމުނއިރު، ކިޔައިގެން ދޮގު އިލްޒާމް އަޅުވަނީ،“ ދޮންބިލެތް ވިދާޅުވި އެވެ.

ބިލެތްދޫ ދާއިރާ އަށް މިފަަހަަރު ވެސް ވާދަކުރައްވާ އެންމެ ނުވަ ވޯޓުން ގޮނޑި ގެއްލުނު ދޮންބިލެތް ވިދާޅުވީ މިއަދު ގާސިމް ކުއްލިއަކަށް އެހެން މީހަކަށް ބަދަލުވެ މާލިއްޔަތު ކޮމިޓީ ނަގައިގެން ކުރީ ސަރުކާރުން ދަރުވާލިއްޔޭ އެ ކިޔަނީ އޮޅުވާލަން ކަމަށެވެ.

”އެކަމަކު ހަގީގަތަކީ ފުރަތަމަ ކޮޅު އުޅޭނެ. މި ވަގުތު ވަރަށް ގަދަކޮށް އުޅޭނެ. މި ވަގުތު ދެން އެހުރީ ސަރުކާރުގެ ވަރަށް ބޮޑު މީހެއްގެ ގޮތުގައި. މަހުގެ އަގު ވައްޓާލައިގެން އެ އުޅެނީ ގާސިމް،“ ދޮންބިލެތް ވިދާޅުވި އެވެ. ”ރައީސް ޔާމީން އިހައް ދުވަހަކު ވިދާޅުވި ތިމަންނައާ އެކު އުޅެމުން ވެސް ބަޖެޓަށް ވޯޓު ދޭން ޖެހުމުން މެންބަރުން އައިސް އެބަ ބުނެއޭ ގާސިމް ވިދާޅުވިއޭ ބަޖެޓަށް ވޯޓު ދެވޭނީ ފަޅަކާ ދެ ރަށެއް ދޭން ބުނުމުންނޭ.“

ގާސިމްއާ ނުލައި ކުރިއަށް ދެވެން ނެތީ ކީއްވެތޯ ޕްރޮގްރާމްގެ ޕްރެޒެންޓަރު ސުވާލު ކުރުމުން ދޮންބިލެތް ވިދާޅުވީ މިހާރު ދެން އެ ފެންނަނީ ގާސިމްއާ ނުލައިކުރިއަށް ދެވިދާނެކަން ކަމަށާއި އުމަރު ނަސީރަށް ވުރެ ވޯޓުކޮޅު މަދުވެއްޖެ ކަމަށެވެ. އަދި ދެން އަންނަ އިންތިޚާބެއްގައި ގާސމްއާ ނުލައި ދެވޭނެ ކަމަށެވެ.

”މި އިންތިޚާބުގައި ވެސް ރައީސް މުއިއްޒު އިންތިޚާބުވެފައި އެ ހުރީ ގާސިމްއާ ނުލައި. ރައީސް ސޯލިހު ވެސް ބޮޑު އެއްޗެއް ނެންގެވީ ގާސިމްއާ ނުލައި. ސިޔާސީ ގޮތުން އެ ދެން ދަނީ. އުމަރު ނަސީރަށް ވުރެ ދެން ދަށްވެގެން ދިޔައީމާ އެ ވާހަކަ ދެން ދައްކާނެ ކަމއެއް ނެތް،“ ދޮންބިލެތް ވިދާޅުވި އެވެ. ”މާމިގިލީ ގޮނޑި ވެސް މިފަހަރު ވެސް ހޯއްދެވީ ތާއީދަށް ވުރެ ބޮޑަށް ގޭގެއަށް ގޮސް ރޮއި އާދޭސް ކޮށްގެން.“

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!