އެލްބޯޑް ޖަހައިގެން ހަ މަހުން އިގިރޭސި ދަސްކުރާ ކުދިންނަށް އިގްތިސާދު ވާހަކައެއް ނޭނގޭނެ: ޔާމީން
ދެންމެ | 13 ޖުލައި 2024

ގައުމުގެ އިގްތިސޯދީ ހާލަތު ރައްޔިތުންނަށް ވިދާޅުވެއްދެއްވަމުން ރައީސް އަބްދުﷲ ޔާމީން ގެންދާވާތީ އެކަމާ ހިތްހަމަ ނުޖެހި އަދުރޭ ދަރިކަލުން ޓުއަރިޒަމް މިނިސްޓަރު އިބްރާހިމު ފައިސަލް ދެއްކި ވާހަކަތަކަށް ރައީސް ޔާމީން ފައިސަލްއަށް ރައްދު ދެއްވައިފިއެވެ.

އެގޮތުން ރައީސް ޔާމީން ވަނީ ފައިސަލް އެމަނިކުފާނަށް ރައްދުކޮށް ދެއްކި ވާހަކަތަކަކީ އެއީ ސަރުކާރުން ރާއްޖޭގެ އިގްތިސޯދީ ހާލަތު އޮޅުވާލަން ކުރަމުންދާ މަސައްކަތުގައި ގޮތް ހުސްވެގެން ދެއްކެވި ވާހަކަތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ބުރާސްފަތި ދުވަހުގެރޭ ދަ ފްރޮންޓު އޮފީހުގައި ބޭއްވި ޓައުން ހޯލު ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މީހަކު ވާހަކައެއް ދައްކައިފި ނަމަ އެންމެ ފުރަތަމަ ވެސް ބަލަން ޖެހޭ ކަމަކީ އެމީހެއްގެ ކްރެޑިބިލިޓީ ކަމަށާ އެހެންކަމުން އިގްތިސޯދީ ވާހަކަ ފައިސަލް ދައްކާއިރު އޭނާއަކީ އެލް ބޯޑު ޖަހައިގެން ޓުއަރިސްޓުންނާ ވާހަކަ ދައްކަން 6 މަސް ދުވަހު އުޅުއްވާ ބޭފުޅަކަށްވާއިރު އެވަރު ބޭފުޅަކު ގައުމެއްގެ އގްތިސޯދުގެ ވާހަކަ ދައްކާނީ ކިހިނަކުންތޯ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ ގައުމުގެ އިގްތިސޯދު ސަރުކާރުގެ ވެރިން ހާމަކުރާހާ ދުޅަހެޔޮ ނަމަ ގައުމުގެ ހަރުމުދާ ވިއްކަނީ ކީއްވެތޯ ވެސް ސުވާލު އުފައްދަވާފައެވެ.

ފުރަތަމަ ކަމަކަށް އެލްބޯޑް އަޅުވައިގެން 6 މަސް ދުވަހު ޓުއަރިސްޓުންނާ ވާހަކަ ދައްކަން އިނގިރޭސި ދަސްކުރަން އުޅޭއިރު އަޅުގަޑު ގަބޫލުނުކުރަން އެވަރުގެ ބޭފުޅަކަށް ގައުމުގެ އިގްތިސޯދުގެ ވާހަކަ ދެއްކޭނެ ކަމަށް. ދެން އޮތީ އިގްތިސޯދު ރަގަޅު ނަމަ ހަރު މުދާ ވިއްކަނީ ކީއްވެތޯ، ސަރުކާރުގެ ހިސާބުތައް ހާމަކުރުން ހުއްޓާލީ ކީއްވެތޯ، މުސާރަ ދޭން ލޯން ނަގަނީ ކީއްވެތޯ؟ ބޭންކުން 600 މިލިއަން ޑޮލަރުގެ ލޯނެއް ނެގި. މިކަން ރެފިއުޓެއް ނުކުރެވޭނެ ޑިނައި އެއް ނުކުރެވޭނެ. އިގްތިސޯދީ ހާލަތު ރަގަޅުނަމަ ފިޗުގެ ރޭޓިން ވެއްޓުނީ ކިއްވެ؟ އައިއެމްއެފާ ވޯލްޑް ބޭންކުންވެސް ހަދަނީ ދޮގުތޯ؟ އަމީރެކޭ މީ މީހުންނެކޭ ކޮބާ ތަފާތަކީ؟ އެހެންވިމަ އެ ބޭފުޅުން ހިސާބު އަކުރުން މިކަންކަމަް ޖަވާބު ދައްކަވާ.

– ރައީސް ޔާމީން

ރައީސް ޔާމީން ވަނީ މިހާރު ގައުމުގެ ހާލަތު އޮތް ގޮތް އެއްވެސް އޮޅުވާލުމެއް ނެތި ސަރުކާރުން ރައްޔިތުންނަށް ކިޔައިދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެއީ ސަރުކާރުން އިގްތިސޯދު އިތުރު ކުރަން ނިކަމެތި މީހާ އަތުން ޓެކްސް ނަގަން ނިންމާފައިވާތީ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!