ރައްޔިތުންގެ ފެންވަރަށް ވެރިން ތިރި ކުރަން އެބަ ޖެހޭ: އަނީސާ
ދެންމެ | 15 ޖުލައި 2024
ރައްޔިތުން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވާން ބުނުމުގެ ކުރިން ގައުމުގެ ވެރިން ރައްޔިތުންގެ ފެންވަރަށް ތިރިވާންޖެހޭކަމަށް ކުރީގެ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު ވިދާޅުވެއްޖެއެވެ.

އަނިސާ މިހެން ވިދާޅުވެފައިވަނީ މިވަނީ ރޭ ބޭއްވި ޕީއެންސީ ޖަލްސާއެއްގައި، މިދުވަސްވަރު ރައްޔިތުން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލާން ޖެހޭކަމަށް ވިދާޅުވެ ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ދެއްކެވި ވާހަކަތަކަށް ރައްދުދެއްވައެވެ.

ރޭ ޕީއެންސީ ހަރުގޭގައި ހުންނަވާ ވަރަށް ފޯރީގައި ވާހަކަ ދައްކަވަމުން އާރިފް ވިދާޅުވީ މި ދުވަސްކޮޅު ކުރަންޖެހޭ ކަމަކީ ރައްޔިތުންވެސް ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށްް ތިރިވެލުންކަމަށެވެ.

“ މިދުވަސްކޮޅު މި ޖެހެނީ އެއްކަލަ އަޅުގަނޑުމެން އަބަދު ޓޭކްއަވޭ ހަދައިިގެން ގޭގައި ކޭ ކެއުން ހުއްޓާލާފައި، ކޮންމެވެސް ވަރަކަށް ގޭތެރޭގައި އަމިއްލައަށް ކައްކައިގެން ގަރުދިޔައާއި ބަތާއި ކައްކައިގެން ކާލައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލުން.“ ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވިއެވެ.

 

މި ވާހަކަތަކަށް ރައްދުދެއްވަމުން އަނިސާ ވިދާޅުވީ ރައްޔިތުންނަށް  ނަސޭހަތްތެރިވުމުގެ ކުރިން ވެރިން ރައްޔިތުންގެ ފެންވަރަށް ތިރިވާންޖެހޭކަމަށެވެ.

“ ތަންކޮޅެއް އާދައިގެ ދިރިއުޅުމެއް އުޅުމަށް ރައްޔިތުންނަށް ނަސޭޙެތްތެރިވެވަޑައިގަތުމުގެ ކުރިން ރައްޔިތުންގެ ފެންވަރަށް ތިޔަބޭފުޅުން ތިރިވެވަޑައިގެން ނަމޫނާދައްކަވައިފިނަމަ ރައްޔިތުން ހިތްހަމަޖެހިގެން އެކަންޤަބޫލުކުރާނެ.“ ވަޒީރުކަން ކުރެއްވުމުގެ އިތުރުން ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ އަނީސާ ވިދާޅުވިއެވެ.

ރައްޔިތުން އާދައިގެ ދިރިއުޅުމަށް ތިރިވެލަން އާރިފް ރޭގެ ޕީއެންސީ ޖަލްސާގާ ވިދާޅުމުން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަމުން އާރިފް ވިދާޅުވީ  މިހާރު ދައުލަތް އޮތް ހާލަތުން އަރައިގަތުމަށް މި ސަރުކާރަށްވެސް ފައިސާ ޗާޕުކުރެވިދާނެކަމަށެވެ. އެހެންނަމަވެސް އެއީ ޒިންމާދާރު ވެރިން ކުރާނެކަމެެއް ނޫންކަން ފާހަގަކުރައްވަމުން އާރިފް ވިދާޅުވީ އިހްލާސްތެރި ވެރިންނަކީ އުނދަގޫވި ނަމަވެސް އަޅަންޖެހޭ ފިޔަވަޅުތައް އެޅުންކަމަށާއި ޑރ މުއިއްޒު ކުރައްވަނީ އެ މަސައްކަތް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!