ގާސިމާއި ބައްދަލު ކުރެއްވުމަށް ރައީސް ސޯލިހް މާމިގިއްޔަށް ވަޑައިގެންފި
ދެންމެ | 10 ޖޫން 2022
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނުރަސްމީ ދަތުރުފުޅެއްގައި އދ.މާމިގިއްޔަށް ވަޑައިގެންފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ މާމިގިއްޔަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މާމިގިލި އެއަރޕޯޓުން މަރުހަބާ ދެންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްއެވެ. ގާސިމްގެ އިތުރުން، މާމިގިލީގެ ކައުންސިލް މެމްބަރުންނާއި އެ ރަށުގެ ގިނަ ބަޔަކު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވުމަށް އެއަރޕޯޓަށް ގޮސްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 2 ދުވަހުގެ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ގާސިމް އިބްރާހިމް މުހިއްމު މަޝްވަރާތަކެއް ކުރައްވާނެއެވެ. ނަމަވެސް އެއީ ކޮންކަމަކާއި ގުޅޭ މަޝްވަރާތަކެއްކަމެއް އެނގިފައެއް ނުވެއެވެ.

ރައީސް ސާލީހު އާއި ގާސިމް އިބްރާހިމް މަޝްވަރާތަކެއް ބާއްވަން ތައްޔާރުވެފައިވާއިރު، އެންމެފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހު ވަނީ ކޯލިޝަނަކާއެކު ނިކުމެވަޑައިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެފައެވެ.

މީޑިޔާތަކާއި ވާހަކަދައްކަވަމުން ގާސިމް އިއްޔެ ވިދާޅުވީ 2023ގެ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ކެނޑިޑޭޓެއް ނެރޭނެ ކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރާނީ ކޯލިޝަނެއްގެ ތެރެއިންތޯ ނުވަތަ ނޫންތޯ ނިންމާނީ ޕާޓީގެ ކޮންގްރެސްއިންކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ. އެހެންކަމުން ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރާނަމަ ކެނޑިޑޭޓެއްގެ ގޮތުގައި ނުކުންނަވާނީ އޮނަރަބަލް ގާސިމް އިބްރާހިމްއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!