ފެނަކައިގެ ކުރީގެ ވެރިންނާއި ގުޅޭ ފިއްކަޑައިގެންދާނެ މައްސަލަތައް އެބަހުރި: އޭސީސީ
ދެންމެ | 15 ޖުލައި 2024
ރާއްޖޭގެ ގިނަ ރަށްރަށުގައި ފެނާއި ކަރަންޓްގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަންގެ މިދިޔަ ސަރުކާރުގެ ވެރިންނާ ގުޅޭ ގޮތުން އާދަޔާ ހިލާފަށް ގިނަ މައްސަލަތަކެއް ހުށަހެޅިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

މިދިޔަ ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް ފެނަކައިން ގިނަ ވަޒީފާތަކެއް އުފެއްދުމާއި, އުސޫލާ ހިލާފަށް ކޮންޓްރެކްޓަށް މަސައްކަތް ދޫކުރުމާއި, ފެނަކަ އައު އިމާރާތް އެޅުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބޮޑެތި ތުހުމަތުތަކެއް ކުރެވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް އޭސީސީ ހާޒިރުކޮށް, ސަރުކާރު ކުންފުނިތަކުން ހިންގި ކޮރަޕްޝަންގެ މައްސަލަތަކުގެ އަދާހަމަތަކާ ގުޅޭ ގޮތުން މެންބަރުން ވަނީ ސުވާލުކޮށްފަ އެވެ.

ފެނަކާ ގުޅޭ ގޮތުން އޭސީސީން ބަލަމުންދަނީ ކޮން މައްސަލަތަކެއްތޯ މެންބަރުން ސުވާލުކުރުމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އެ ކުންފުންޏާ ގުޅޭ ގޮތުން މެދުކެނޑުމެއްނެތި މައްސަލަތައް ހުށަހެޅެމުންދާ ކަމަށެވެ.

”ފެނަކަ ކޯޕަރޭޝަންގެ މިދިޔަ މެނޭޖްމެންޓާ ގުޅޭ ގޮތުން އާދަޔާ ހިލާފަށް ގިނައިން އަޅުގަނޑުމެންނަށް ލިބިފައި އެބަހުރި.“ ޝާމިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, އެހާ ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާތީ, އެކަމަށް ހާއްސަ ސަމާލުކަމެއްދޭ ކަމަށެވެ.

އެގޮތުން ކުރެވުނު މަސައްކަތުގެ ނަތީޖާ ހާމަކުރަމުން ޝާމިލް ވިދާޅުވީ ފެނަކައިގެ ކުރީގެ ވެރިންނާ ގުޅޭ ގޮތުން ހުށަހެޅުނު ބައެއް މައްސަލަތަަށް ވަރަށް ބާރު ސްޕީޑްގައި ބަލަމުން އަންނަ ކަމަށެވެ.

”ފެނަކައިގެ އޭރުގެ ވެރިންގެ 6 މައްސަލައެއް ތުހުމަތުތަކާއެކު މިދަނީ ތަހުގީގު ކުރަމުން“ ޝާމިލް ވިދާޅުވި އެވެ. އޭގެ ތެރޭގައި ފެނަކައަށް ފައިދާވާން އޮއްވާ އެހެން ގޮތަކަށް ކަންކޮށް ކޮށްފައި ހުރި މައްސަލަތައްވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

މައްސަލަތައް ތަހުގީގުކުރަން ފެނަކައިގެ މިހާރުގެ މެނޭޖުމެންޓުން އެއްބާރުލުން ލިބޭތޯ ސުވާލު ކުރުމުން ޝާމިލް ވިދާޅުވީ, ފެނަކައަށް ވަދެ ބައެއް މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ.

”އޭޕްރީލް މަހު ފޮނުވާފައިވާ އޮތް ކަމެއް, މިއަދާ ހަމައަށް ވެސް ނުލިބި އެބައޮތް“ ޝާމިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, އޭސީސީއަށް ބޭނުންވާ މައުލޫމާތު އަވަހަށް ލިބޭނަމަ އަވަސްވާނެ ކަމަށެވެ. އެގޮތުން މިދިޔަ އޭޕްރީލް މަހު ހޯދަން ހުށަހެޅި މައުލޫމާތު ފެނަކައިން އަދިވެސް ނުލިބޭކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!