ފުނަދޫން ސިހުރުވެރިއެއް ހައްޔަރު ކޮށްފި
ދެންމެ | 03 މެއި 2024

ށ. ފުނަދޫ ދާއިރާގެ ގޮނޑިއަށް އަލަށް އިންތިހާބުވި މެމްބަރު މުހައްމަދު މަމްދޫހުއަށް ސިހުރު ހަދަމުން ދިޔަ މީހަކު އެރަށުން ހައްޔަރުކޮށްފި އެވެ.

ދެން އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިންތިހާބަށްފަހު މަމްދޫހުއަށް ސިހުރު ހަދަން އެމީހާ ފުނަދޫއަށް ގެންދިޔައީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އެމީހާ ހައްޔަރު ކުރިއިރު ސިހުރު ހަދަން ބޭނުންކުރި ބައެއް ސާމާނުވެސް ވަނީ ފެނިފަ އެވެ.

އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު ފުނަދޫއިން ހައްޔަރު ކުރިކަން ފުލުހުންވެސް ވަނީ މި ނޫހަށް ކަށަވަރު ކޮށްދީފަ އެވެ. އެމީހާ ހައްޔަރު ކުރީ ސިހުރު ހަދަމުން ދިޔަކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނިނަމަވެސް އިތުރު ތަފްސީލެއް ސިއްހާއެއް ނުކުރެ އެވެ.

ދެން އެމްވީއަށް ވަނީ އެމީހާގެ ފޮޓޯއާއި އޭނާ ސިހުރު ހަދަން ބޭނުން ކުރަމުންދިޔަ ސާމާނުގެ ފޮޓޯތަކެއްވެސް ތިބިފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ސިހުރު ހަދާފައިވަނީ ގަސްތަކަކަށެވެ. ލޮއިގައި މަމްދޫހުގެ ނަންޖެހުމަށްފަހު ގުރުއާންގެ އާޔަތްތައް ލިޔެފައި ރަށުގެ އެކި ގަސްގަހަށް ޖަހާފައިވާ ކަމަށް ވެއެވެ.

އެރަށު މީހަކު ކިޔައިދިން ގޮތުގައި ސިހުރުވެރިޔާ ހައްޔަރު ކުރީ މަޖިލިސް އިންތިހާބުގައި ވާދަކުރި ޕީއެންއެފް ކެނޑިޑޭޓުގެ އިންތިހާބީ އޭޖެންޓުގެ ގެއިންނެވެ. ޕީއެންއެފްގެ ޓިކެޓުގައި ވާދަކުރީ އެ ރަށު ކައުންސިލުގެ ރައީސް އަހުމަދު އިބްރާހިމް ފުޅެވެ. އެހެންނަމަވެސް އޭނާ ބުނާ ގޮތުން މީހަކަށް ގެއްލުން ދިނުމަށް އޭނާ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ އެވެ.

ބައެއް މީހުން ކިޔައިދިން ގޮތުގައި މިދިޔަ ބުދަ ދުވަހުން ފެށިގެން މަމްދޫހުއަށް ސިހުރުގެ އުނދަގޫތަކެއް ދަނީ ކުރަމުންނެވެ. އެހެންކަމުން ބެލެވޭ ގޮތުގައި އެދުވަހުން ފެށިގެން ވަނީ ސިހުރު ހަދަން ފަށައިފަ އެވެ.

މިމައްސަލައިގައި ފުނަދޫ ރައްޔިތުން މަގުތަކަށް ނިކުމެ ދަނީ މުޒާހަރާ ކުރަމުންނެވެ. އަދި ރަށު ކައުންސިލްގެ ރައީސް މަގާމުން އިސްތިއުފާ ދިނުމަށްވެސް ދަނީ ގޮވަމުންނެވެ.

ސިހުރުވެރިޔާ މިހާރު އިނީ ފުނަދޫ ޕޮލިސް ސްޓޭޝަންގަ އެވެ. ރަށު ރައްޔިތުން އެއްވެ އޭނާ އެތަނުން އެހެން ތަނަކަށް ގެންދިޔަ ނުދޭނެކަމަށް ދަނި ގޮވަމުންނެވެ. ޖުމްލަ 5 ތަނަކަށް ސިހުރު ހަދާފައިވާ ކަމަށްވެ އެވެ. އެހެންނަމަވެސް މިހާތަނަށް ފެނުނީ އޭގެން ދެ ސިހުރެކެވެ. ރައްޔިތުން ގޮވަމުން ދަނީ އަނެއް ދެ ސިހުރު ވީތަން ނުބުނަނީ ސިހުރުވެރިޔާ އެރަށުން ގެންދިޔަ ނުދޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!