ދުބާއީގެ ޕްރިންސަސް ޝައިޚާ މަހްރާ ބިންތި މުޙައްމަދު އަލް މަކްތޫމް އޭނާގެ ފިރިމީހާ ޝައިޚް މާނާ ބިން މުޙައްމަދު އަލް މަކްތޫމް ވަރިކޮށްފިކަން އިންސްޓަގްރާމް ޕޯސްޓެއްގައި އިއުލާނުކޮށްފިއެވެ.
މި ޕޯސްޓުގައި ”ލޯބިވާ ފިރިމީހާ“ އާ މުޚާތަބުކޮށް ”އަހަރެން މިހިނދުން ފެށިގެން ކަލާ ވަރި އިއުލާނުކުރަން“ މިހެން ބުނެފައިވެއެވެ. ”އަހަރެން ކަލާ ވަރިކުރަން“ މިހެން ތިން ފަހަރު ތަކުރާރުކޮށްފައިވެއެވެ.
މި ވަރީގެ އިއުލާނަކީ ޔޫއޭއީގައި އާންމުކޮށް ރަސްކަނބަލުންގެ ވަރި ސިއްރުކުރާތީ ގިނަ ބަޔަކަށް ލިބުނު ސަޕްރައިޒެކެވެ. ޝައިޚާ މަހްރާގެ އިންސްޓަގްރާމް އެކައުންޓުން އޭނާގެ ފިރިމީހާގެ ހުރިހާ ފޮޓޯއެއް ވަނީ ފަހުން ފޮހެލާފައެވެ.
”ލޯބިވާ ފިރިމީހާ، ކަލާ އެހެން ބައިވެރިންނާއެކު މަޝްޣޫލުވެ އުޅޭތީ، އަހަރެން މިހިނދުން ފެށިގެން އަހަރެން ވަރި އިޢުލާނުކުރަން. އަހަރެން ކަލާ ވަރިކުރަން، އަހަރެން ކަލާ ވަރިކުރަން، އަދި އަހަރެން ކަލާ ވަރިކުރަން. ރައްކާތެރިވާތި. ކަލާ ކުރީގެ އަނބިމީހާ.“ އިންސްޓަގުރާމުގައު ކުރި ޕޯސްޓުގައި ދުބާއީގެ ޕްރިންސަސް ބުނެފައިވެއެވެ.
މި ބަސްތަކުގައި ތިން ފަށް ވަރީގެ ސިފަ ފެންނަން އޮތްކަން ފާހަގަކުރެވެއެވެ. އަދި މި ބަސްތަކުން ޝައިޚާ މަހްރާގެ ހިތްހަމަނުޖެހުމާއި ނާރާޟުކަން ހާމަވެގެންދާކަން ދޭހަވެއެވެ.
ނަމަވެސް، މި ވަރީގެ ތަފްސީލު ނުވަތަ ސަބަބުތަކެއް ޕޯސްޓުގައި ހާމަކޮށްފައެއް ނުވެއެވެ. އަދި މިހާތަނަށް ދެ ފަރާތުންކުރެ އެއްވެސް ފަރާތަކުން ނުވަތަ ދުބާއީ ސަރުކާރުން މިކަމާ ގުޅޭ ގޮތުން ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.
މި ވަރީގެ އިޢުލާނާ ގުޅިގެން ދެ ފަރާތުން އެކަކު އަނެކަކަށް ސޯޝަލް މީޑިއާގައި ފޮލޯކުރުން ހުއްޓާލާފައިވާކަމަށާއި، އަދި އެ ދެމަފިރިންގެ ކައިވެނީގެ ފޮޓޯތައްވެސް ސޯޝަލް މީޑިއާއިން ފޮހެލާފައިވާކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ.
މި ވަރިއަކީ ޔޫއޭއީގެ ވެރިކަންކުރާ ޢާއިލާގެ ތެރޭގައި ހިނގާ މުހިންމު ހާދިސާއެއްގެ ގޮތުގައި ބެލެވެއެވެ. ނަމަވެސް، ރަސްމީ ވަރީގެ ލިޔެކިޔުންތައް ހާމަކޮށްފައި ނުވާތީ، މި ވަރީގެ ޤާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެދިފައިވެއެވެ.
ޝައިޚާ މަހްރާއަކީ ދުބާއީގެ ވެރިކަންކުރާ ޢާއިލާގެ މެންބަރެއްގެ ހައިސިއްޔަތުން، ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ޝަހުޝިއްޔަތެކެވެ. އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބިއިރު، އޭނާގެ އަމިއްލަ ޒާތީ ދިރިއުޅުމާއި ޢާއިލީ ކަންކަމާ ގުޅޭ ޕޯސްޓުތައް އާންމުކޮށް ޝެއަރުކުރެއެވެ.
މި ވަރީގެ އިޢުލާނާ ގުޅިގެން ޔޫއޭއީގެ ވެރިކަންކުރާ ޢާއިލާގެ އެތެރޭގެ ގުޅުންތަކާއި ދިރިއުޅުމާ ބެހޭގޮތުން އާންމުންގެ މެދުގައި ޝައުޤުވެރިކަން އިތުރުވެފައިވެއެވެ.