މިޒަމާނުގައި ޒިނޭ ނުކޮށް ހުންނާނީ ކިހިނެއް!؟
ދެންމެ | 26 އޭޕްރިލް 2024

މިފަދަ ޒަމާނެއްގައި ޒިނޭނުކޮށް ހުރެވޭނީ ކިހިނަކުންހެއްޔެވެ؟ މިއީ މިއަދު ގިނަބައަކުކުރާ ސުވާލެކެވެ. ސުވާލަށްދޭން އޮތް އެއް ޖަވާބަކީ މިހައިތަނަށްވެސް ޒިނޭނުކޮށް ހުރިފަދައިންނެވެ. އަދިވެސް ކެތްތެރިވެލާށެވެ! ކައިވެނިކޮށް ޙަލާލުގޮތުގައި ބޭނުންތައް ފުއްދޭނެ ގޮތް މެދުވެރިވަންދެން ކެތްތެރިވެލާށެވެ!

މިސުވާލުކުރާ ބައެއް މީހުންނަކީ ނަމާދުކޮށް ހެޔޮގޮތުގައި އުޅޭ މީހުންނެވެ. އެމީހުން ނަމާދުކޮށް ހެޔޮޢަމަލުތައް ކުރަނީ ޘަވާބުހޯދާށެވެ! ސުވަރުގެވަންނަން ބޭނުންވާތީއެވެ. އެމީހުންނަށް ނުވިސްނޭކަމަކީ ފާފަ ނުކުރުމަކީވެސް ޘަވާބު ދެއްވަވާ އަޅުކަމެއްކަމެވެ.

ފާފަކުރަން ޝައިޠޯނާ ވަސްވާސްދޭނެއެވެ. އެވަސްވާސްތަކަށް ފުރަގަސްދީ ފާފަނުކުރުމުން ﷲ ތަޢާލާ އެމީހަކަށް ޘަވާބު ދެއްވަވާނެތެވެ. އެއީ ﷲ ތަޢާލާއަށް ބިރުވެތިވީތީއެވެ. ހަވާނަފްސް އެދޭ ކަންކަމަށް ދެކޮޅުހެދީތީއެވެ. ޝައިޠޯނާ ދެރަކޮށް ނިކަމެތިކޮށްލީތީއެވެ.

ހަށިގަނޑު އުފެދިފައިވާ ގޮތުން އަވަހަށް (ހަގުޢުމުރުގައިވެސް) ކަންކަމަށް ބޭނުންވާ މީހުން ތިބޭނެއެވެ. އެއީ އެއްވެސް މީހަކަށް ބަދަލުކުރެވޭނެ ކަމެއްވެސް ނޫނެވެ. ނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިވެވޭނެއެވެ. ﷲ ތަޢާލާއަށް ބިރުވެތިވެވިއްޖެނަމަ ފާފަނުކޮށް ކެތްތެރިވެވޭނެއެވެ. ހަށިގަނޑުގައި ބޭނުންތައް ލެއްވެވި ފަދައިން ކެތްތެރިވުމުގެ ބާރުވެސް ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. އަދި ކެތްތެރިވުމުން ދެއްވަވާ ނިޢުމަތަކީ އެންމެ މަތިވެރި ނިޢުމަތް ކަމުގައިވެސް ވަނީ ލައްވަވައިފައެވެ.

”ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި“ ކަމަށް އޮތް ވަޙީބަސްފުޅުން މިދެއްކި ވާހަކަތަކަށް ދަލީލް ލިބިގެންދާނެއެވެ. އެމީހަކާއިއެކު ﷲ ތަޢާލާ ވޮޑިގެންވާނަމަ އެމީހަކަށް ޙާޞިލުނުކުރެވޭނެ ނިޢުމަތެއް ނުއޮންނާނެކަން ޔަޤީންކުރާށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!