ހިނައިގަތުމަކީ އަޅުކަމެކެވެ. މާތްﷲ ގެ އަމުރުފުޅަށް ކިޔަމަންތެރިކަން އަދާ ކުރުމަށް ކުރާ ކަމެކެވެ. އެކަލާނގެ އަމުރުފުޅަށް ކިޔަމަންތެރިކަން އަދާ ކުރުމުން ޘަވާބު ލިބޭނެއެވެ. ހިނައިގަތުމަކީ ޘަވާބު ލިބޭ ކަމެކެވެ.
ހިނައިގަތުމުގެ ހުކުމް:
ހިނައިގަތުމަކީ ބޮޑު ހަދަޘްވެރިންގެ މައްޗަށް އޮތް ފަރުޟެކެވެ. އެފަދަ މީހުންނަކީ ހިނައިގަތުން ވާޖިބުވާ ހާލަތުގައި ތިބޭ މީހުންނެވެ. އެހެންކަމުން ފަރުޟު ނަމާދު ކުރުމާއި ޤުރުއާންގައި ބީހުން ފަދަ އަޅުކަން ކުރެވޭނީ ހިނައިގަތުމަށްފަހުއެވެ. ހިނައިގަތުމަކީ ބައެއް ޙާލަތުގައި ވާޖިބެކެވެ. އަދި ބައެއް ޙާލަތުގައި މުސްތަޙައްބު (ސުންނަތް) ވެގެންވާ ކަމެކެވެ.
ހިނައިގަތުން ވާޖިބުވާ ކަންތައްތައް
މަނިބޭރުވުން: ފިރިހެނެއް ނުވަތަ އަންހެނެއް، ހޭލާހުރުމުގެތެރޭގައި ނުވަތަ ނިދުމުގެތެރޭގައި، ޝަހުވަތަކާއިއެކު މަނި ބޭރުވުން
ދެ ޚިތާނު ބައްދަލުވުން: ހިތާނުކުރީމާ ޛަކަރުން ފާޅުވާން އިންނަ ހިސާބު އެއްކޮށް ނުވަތަ އެހިސާބުގެ މިންވަރެއް ފަރުޖުގެ ތެރެއަށް ވެއްދުން، އެއީ މަނިބޭރުނުވި ކަމުގައިވިޔަސްމެއެވެ.
ނިފާސްކަމުގެ އަދި ޙައިޟުގެލޭ ކެނޑުން
މަރުވުން: މުސްލިމަކު މަރުވެއްޖެނަމަ، އޭނާ ހިނެވުން ވާޖިބުވެގެންވާކަމުގެ މައްޗަށް އިޖުމާޢުވެވިގެންވެއެވެ.
ކާފިރަކު އިސްލާމްވުން: ކާފިރަކު އިސްލާމްވުމުން އޭނާގެ މައްޗަށް ހިނެއުން ވާޖިބުވެގެންވެއެވެ.
ހިނައިގަތުން މުސްތަޙައްބު ނުވަތަ ސުންނަތްވެގެންވާ ކަންތައްތައް
ހުކުރަށް ހިނައިގަތުން: ހުކުރު ނަމާދަށް ދިއުމަށް ހިނައިގަތުމަކީ ސުންނަތެކެވެ.
ދެޢީދަށް ހިނައިގަތުން: ޢިލްމުވެރިންގެ އިޖްމާޢިން މިއީ މުސްތަޙައްބުކަމެކެވެ.
މައްޔިތަކު ހިނެވުމަށްފަހު ހިނައިގަތުން
އިޙްރާމް ބަނުމަށް ހިނައިގަތުން
މައްކާއަށް ވަނުމަށް ހިނައިގަތުން
ޢަރަފާތުގައި ހުރުމަށް ހިނައިގަތުން
ހިނައިގަތުމުގެ ރުކުންތައް:
ހިނެއުމުގެ ރުކުންތައް އަދާކުރުމުން އެއީ ފުދޭ މިންވަރެވެ. މި މިންވަރަށް ހިނަގަތުމުން، ހިނެއިން ޞައްޙަވާނެއެވެ.
އެ ރުކުންތަކަކީ:
ނިޔަތްގަތުން: އެއްވެސް އަޅުކަމެއް ނިޔަތަކާއިނުލާ ޞައްޙައެއް ނުވާނެއެވެ. ޖުނުބުވެރިކަމަށް ހިނައިގަންނަ މީހާ އެކަމަށް ޤަޞްދު ކުރުމެވެ. އަދި ޙައިޟުވެރިޔާ އާއި ނިފާސްވެރިކަމުން ހިނައިގަންނަ މީހާ އެކަމަށް ޤަޞްދު ކުރުމެވެ.
ހުރިހާ ގުނަވަންތަކެއް ދޮވުން: ހިނެއިން ޞައްހަވާނީ މުޅި ހަށިގަނޑުގައި ފެން ޖެއްސުމުންނެވެ.
ހިނެއުމުގައި އެންމެ ފުރިހަމަ ގޮތް:
މަތީގައި ބަޔާންކޮށްފައި އެވަނީ ހިނެއުމުގެ ރުކުންތަކެވެ. އިސްވެ ބަޔާންވެދިޔަ ފަދައިން ހިނެއެމުގެ ރުކުންތައް ފުރިހަމަކުރުމުން ހިނެއުން ޞައްޙަވާނެއެވެ. އެކަމަކު ހިނެއުމަށް ފުރިހަމަކަން ގެނެސްދެނީ ހިނެއުމުގެ ސުންނަތް ކަންތައްތަކާއެކުއެވެ. ވީމާ، މި ބަޔާންކޮށްދެނީ ރުކުންތަކާއި ސުންނަތްކަންތަކާއެކު ހިނައިގަންނާނެ ގޮތެވެ. މިއީ ހިނެއުމުގެ އެންމެ ފުރިހަމަ ގޮތެވެ.
(ހ) ހިނައިގަތުމަށް ހިތުން ނިޔަތް ގަތުން
(ށ) ބިސްމި ކިޔުން ( ފާޚާނާ ފަދަ ތަންތާގައި ބިސްމި ދުލުން ކިއުން ގިނަ ޢިލްމުވެރިން ހުއްދައެއް ނުކުރެއެވެ. އެއީ ފާޚާނާފަދަ ތަންތާގައި، ދުލުން ﷲ ޛިކުރު ކުރުން އެއީ އެކަށީގެންވާފަދަ ޢަމަލަކަށް ނުވާތީއެވެ.) ވީމާ ބިސްމި ކިޔާނީ ހިތުންނެވެ.
(ނ) ތިން ފަހަރަށް ދެއަތް ދޮވުން
(ރ) އެއަށްފަހު، ލަދުވެތި ގުނަވަން ދޮވުން (މިގުނަވަން ދޮންނައިރު ބޭރުން ފެންނަން ހުންނަ ބައި ދޮތުމުން ނިމުނީއެވެ.)
(ބ) ޙައިޟު އަދި ނިފާސްކަމުން ޠާހިރުވުމުގައި ކުޑަ ފޮތިކޮޅެއްފަދަ އެއްޗެއްގައި މީރުވަސްދުވާ އެއްޗެއް ބޭނުންކުރުމަށްފަހު ލެއި އަންނަތަނުން ވަސް ފިލުވައިލުން
(ޅ) އެއަށްފަހު، ނަމާދުކުރުމަށް ވުޟޫކުރާ ފަދައިން ވުޟޫ ކުރުން (އޭނާ ހުއްޓި ހުރީ ފައި ހަޑިވާތަނެއްގައި ނަމަ ފައި ދޮވުން އެންމެ ފަހު ކަމަކަށް ބޭއްވިދާނެއެވެ. ނަމަވެސް މިޒަމާނުގައި މިއީ ވަރަށް ދިމާވާނެ ގޮތެއް ނޫނެވެ.)
(ކ) ދެން ތިންފަހަރު ބޮލަށް ފެން އަޅާށެވެ. އަދި އިސްތަށީގެ ބުޑުގައި ފެންޖެއްސުމަށްޓަކައި އިސްތަށި ތެރެއަށް އަތްވައްދައި ހަދާށެވެ. (މިހާރު މާގަޑަކުން ނުވަތަ ދާނިން ފެންވަރާއިރު ބޮލުގައި ފެން ނުޖެހިގެން ބިރުގަންނާކަށް ނުޖެހޭނެއެވެ.)
(އ) ދެން މުޅި ހަށިގަނޑަށް ފެންއަޅާށެވެ. ފުރަތަމަ ކަނާއަތްފަރާތަށެވެ. ދެން ވާއަތްފަރާތަށެވެ.
(ވ) ދެން މުޅި ހަށިގަނޑުގައި އަތް އުގުޅާލާށެވެ.
(މ) އެއަށްފަހު ފައި ދޮންނާށެވެ.
ހިނައިގަތުމަށްފަހު (ބޮޑު ޙަދަޘުން ޠާހިރުވުމުން) ވުޟޫ އަކަށް (ކުޑަ ޙަދަޘުން ޠާހިރުވުމަށް) ފުދޭނެ ހެއްޔެވެ؟
ވާޖިބު ހިނެއިގަތުމެއް ހިނައިގެންފައި، އިތުރު ވުޟޫއެއް ނަމާދު ކުރުމުގެ ކުރިން (މި ވަގުތު ތެރޭގައި ވުޟޫ ނުގެއްލޭނަމަ) ކުރަން ނުޖެހޭނެ ކަމަށް ގިނަ ޢިލްމު ވެރިން ދެކެލައްވައެވެ. ސަބަބަކީ ވާޖިބު ހިނެއުމަކީ ބޮޑު ޙަދަޘްވެރިކަމުން ޠާހިރުވުމަށްޓަކައި ކުރާ ކަމެކެވެ. އެއީ ޖުނުބެވެރިކަމުންނާއި ޙައިޟު އަދި ނިފާސްވެރިކަމުން ޠާހިރުވުމެވެ. އަދި ވުޟޫކުރުމަކީ ކުޑަ ޙަދަޘްވެރިކަމުން ޠާހިރުވުމަށް ކުރާކަމެކެވެ. ބޮޑު ޙަދަޘުން ޠާހިރުވުމުން ކުޑަ ޙަދަޘުންވެސް ޠާހިރުވެވުނީއެވެ. ވީމާ، ހިނައިގަތުމުގެ ތެރޭގައި ވުޟޫ ކުރިއަސް އަދި ނުކުރިއަސް ހެވެވެ. މިފަދަ ހިނެއެމުން ވުޟޫއަކަށް ފުދޭނެއެވެ. ނަމަވެސް ސުންނަތް ހިނައިގަތުމަށްފަހު، މިސާލަކަށް ޢީދު ނަމާދަށް ދިއުމަށްޓަކައި ހިނައިގަތުން ނުވަތަ ހުކުރު ނަމާދަށް ދިއުމަށް ހިނައިގަތުންފަދަ ސުންނަތް ހިނެއުން ވުޟޫއަކަށް ނުފުދޭނެއެވެ. (އެބަހީ: ސުންނަތް ހިނައިގަތުމަށްފަހު ނަމާދުކުރުމާއި ޠަވާފުކުރުމަށްޓަކައި ވުޟޫކުރަން ޖެހޭނެއެވެ.)
ހިނައިގަތުމަށްފަހު ވުޟޫގެއްލޭ ފަދަ ކަމެއް މެދުވެރިވުން:
އިސްލާމީ ޝަރީޢަތުގައި އަޅުކަންކުރުންވަނީ ޙަދަޘުން ޠާހިރުވެފައެވެ. ހިނައިގަތުމަކީ ބޮޑު ޙަދަޘުން ޠާހިރުވުމެވެ. އަދި ވުޟޫކުރުމަކީ ކުޑަ ޙަދަޘުން ޠާހިރުވުމެވެ. ވީމާ ހިނައިގަނެ ބޮޑު ޙަދަޘުން ޠާހިރުވިމީހާއަށް ނަމާދުކުރުމާއި ވުޟޫކޮށްގެން ކުރެވޭ އެހެނިހެން އަޅުކަންތައް ކުރުން ހުއްދައެވެ. ވުޟޫ ގެއްލޭފަދަ ކަމެއް މެދުވެރިވުމުން މެނުވީއެވެ. ވުޟޫ ގެއްލޭފަދަކަމެއް މެދުވެރިވެއްޖެމީހާ ނަމާދު ކުރުމަށްޓަކައި ވުޟޫކުރަންޖެހޭނެއެވެ. ވުޟޫއާނުލައި (ޠަހާރަތާއި ނުލައި) ނަމާދު ޞައްޙައެއްނުވާނެއެވެ. ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. ( لا تقبل صلاة بغير طهور ) ”ޠަހާރަތާއިނުލައި ނަމާދު ޤަބޫލުވެވިގެންނުވެއެވެ.“
ޖުނުބުވެރި ޙާލަތުގައި ހުއްޓައި އަންހެނަކު ޙައިޟު ވުމުން
މިފަދަ ހާލަތުގައި ދެ ގޮތަށް ޢަމަލު ކުރެވޭނެއެވެ.
ޖުނުބުވެރިކަމާއި ޙައިޟު ނުވަތަ ނިފާސްކަމުން އެއްފަހަރާ ހިނައިގަންނަންޖެހިއްޖެ މީހާ، ދެ ހިނެއުން އެއްކޮށް ހިނައިގަތުމަށް ނިޔަތް ގަނެގެން ހިނައިގަތުމުން ފުދޭނެއެވެ.
ނުވަތަ، އެމީހަކު ޖުނުބުވެރިކަމުން ހިނައިގަންނާނީއެވެ. އަދި ޙައިޟު ނުވަތަ ނިފާސްކަމުން ޠާހިރުވުމުން އެކަމަށް އަލުން ހިނައިގަންނާނީއެވެ. އެންމެ ރަނގަޅު ގޮތަކީ މިއީއެވެ. ސަބަބަކީ ޖުނުބުވެރިކަމުން ހިނައިގަތުމުން ޤުރްއާންކިޔެވޭނެއެވެ. ނަމަވެސް ހިނައިނުގަނެ ޙައިޟު ނުވަތަ ނިފާސްކަމުން ޠާހިރުވުމަށް މަޑުކުރާ މީހާ އެމުއްދަތުގައި ޤުރްއާން ކިޔެވުމުގެ ފުރުޞަތު ގެއްލިގެން ދާތީއެވެ.
ހަނދާންނެތިގެން ހިނައިނުގަނެ ކުރާ ނަމާދުގެ ޙުކުމް
ޢިލްމުވެރިން އިޖްމާޢުވެވަޑައިގަންނަވައި ގޮތުގައި ޠަހާރަތާއި ނުލައި ކުރާ ނަމާދު ޞަޢްޙައެއް ނުވާނެއެވެ. އެއީ ހަނދާންނެތިގެން ޠާހިރުނުވިކަމުގައިވިޔަސް މެއެވެ. އެމީހަކު ނަމާދުތައް އިޔާދަ ކުރަންޖެހޭނެއެވެ.
ޝައިޚް ބިން ބާޒް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ”ޠަހާރަތާއި ނުލައި ކުރާ ނަމާދު ޞައްޙައެއް ނުވާނެއެވެ. އަދި އެމީހަކު ހިނައި ޠާހިރުވުމަށްފަހު އަލުން އެނަމާދުތައް އިޔާދަކުރަން ޖެހޭނެކަމަށް ހުރިހައި ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ. އެއީ ހަނދާންނެތުނު ކަމުގައިވިޔަސްމެއެވެ.“
ޢިލްމުވެރިންގެ ބަސްފުޅުތަކުން ހިނައިނުގަނެ ނަމާދު ކުރާ ތިން ހާލަތެއްވާކަން އެނގެއެވެ. އެހާލަތްތަކާއި އެކަމުގެ ޙުކުމް
1) ހިނައިނުގަނެ ހުރިކަން އެނގިހުރެ ގަސްދުގައި ނަމާދުކުރުން: މި ހާލަތުގައި ފާފަވެރިވާނެއެވެ. ތައުބާވުމާއިއެކު އެމީހަކު ނަމާދު އިޔާދަ ކުރަންޖެހޭނެއެވެ.
2) ހިނައިނުގަނެ ހުރިކަން ނޭނގި ނަމާދުކުރުން: މިހާލަތުގައި ފާފަވެރިއެއް ނުވާނެއެވެ. ނަމަވެސް ނަމާދު އިޔާދަ ކުރަން ޖެހޭނެއެވެ.
3) ހަނދާންނެތިގެން ނަމާދުކުރުން: ފާފަވެރިއެއް ނުވާނެއެވެ. ނަމަވެސް ނަމާދު އިޔާދަކުރަން ޖެހޭނެއެވެ.