ފޯއް ވިއްކައިގެން ދަރިފުޅު ނަމުގައި ވެސް ޒިފްލީނާ ލަގްޒަރީ ފްލެޓެއް ގަނެފި
ދެންމެ | 21 ޖުލައި 2024

ކުރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން އޭނާގެ ދަރިފުޅުގެ ނަމުގައި ވެސް ހުޅުމާލެ އިން 3.8 މިލިއަން ރުފިޔާއަށް ފްލެޓެއް ގަނެފިއެވެ. ޒިފްލީނާއަކީ ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ހަގު އަނބިކަނބަލުންނެވެ.

ކަށަވަރު ކުރެވިފައިވާ ގޮތުގައި ޒިފްލީނާގެ ދަރިފުޅު އައިޝަތު މިސްކްގެ ނަމުގައި ފްލެޓެއް ގަތީ އާރްސީސީ އިން ހުޅުމާލޭގައި ތަރައްގީ ކުރި ބްލޫ ހެވަން ރެސިޑެންސްއިންނެވެ. 3.2 މިލިއަނަށް ވިއްކާ ފްލެޓް ޒިފްލީނާގެ ދަރިފުޅު 3.8 މިލިއަނަށް ގަތީ ފްލެޓަށް ބައެއް ބަދަލުތައް ގެންނަން ބޭނުންވުމުން އެބަދަލުތައް ގެނެސްގެންނެވެ. އާއްމުކޮށް އެ ފްލެޓް ވިއްކާ އަގަށްވުރެ ފްލެޓްގެ އަގު ބޮޑުވީ އަމިއްލައަށް ގެންނަން ބޭނުންވި ބައެއް ބަދަލުތައް ގެނައުމުންނެވެ. އެބަދަލުތައް ފްލެޓަށް ގެނައީ ވެސް ފްލެޓް ތަރައްގީ ކުރި އާރްސީސީ އިންނެވެ.

ޒިފްލީނާ އޭނާގެ ދަރިފުޅުގެ ނަމުގައި ގަތް ފްލެޓަށް ފައިސާ ދައްކާފައި ވަނީ ޒިފްލީނާ ސްޓޭޓް މިނިސްޓަރަކަށް ހުރިއިރު 2022 ވަނަ އަހަރު އެވެ.

ޒިފްލީނާ އޭނާގެ ދަރިފުޅުގެ ނަމުގައި ފްލެޓެއް ގަނެފައި ވާއިރު ޒިފްލީނާ ވެސް ވަނީ އެފްޑަބްލިއު ރެސިޑެންސް އިން 3.5 މިލިއަން ރުފިޔާއަށް ފްލެޓެއް ގަނެފައެވެ. ޒިފްލީނާ އެފްލެޓް ގަތް މައްސަލަ މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ތަހްގީގު ކުރަމުންނެވެ.

ޒިފްލީނާ އާއި އޭނާގެ ދަރިފުޅު ގަތް ދެ ފްލެޓްގެ ޖުމްލަ އަގު 7.3 މިލިއަން ރުފިޔާއަށް އަރައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!