އުފާވެރިކަމަކީ ހަމައެކަނި ރުފިޔާއިން ލިބޭ އެއްޗެއްނޫން ކަމަށް ކައުންސިލްތަކާއި ބެހޭ މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެހެން ވިދާޅުވީ އިއްޔެ އިސްލާމިކް ޔުނިވާސިޓީގެ ޖަލްސާކުރާ މާލަމްގައި އިއްޔެ އޮތް ހެޕިނެސް އިންޑެކްސް އެކުލަވައިލުމުގެ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
“ލާރި ލާރި ލާރި ލާރި މިއަދު އަޑުއިވެނީ ލާރީގެ ވާހަކަ. އެހެން ނަމަވެސް އދ. ގެ ނިންމުމަށް ބަލައި އިރު ހުރިހައި އެއްޗަކީ ލާރި ކަމަކަށް ގަބޫލެއް ނުކުރެވޭ. އަދި ހުރިހައި އެއްޗެއް ލާރިއަކަށް ނުގަނެވޭ. ހިތްހަމަޖެހުމާ އުފާވެރި ކަމެއް ކޮންމެ ފަހަރަކު ލާރިއަކަށް ނުގަނެވޭ“ އާދަމް ޝަރީފް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެ ތަރައްގީވަމުން ދިޔަޔަސް ކުށްކުރުން ގިނަވާ ކަމަށާއި ދެކެން ބޭނުން ނުވާ އެތައް މަންޒަރެއް މިއަދު ފެންނަ ކަމަށެވެ. އަދި އަޑުއަހަން ބޭނުން ނުވާ އެތައް އަޑުތަކެއް މާހައުލުން އެބަ އަޑު އިވޭ ކަމަށް ވިދާޅުވި އެވެ.
އެ މަސައްކަތުބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ އަލީ ޒާހިރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ރަސްމިއްޔާތުގައި ސިޓީ މިނިސްޓްރީގެ މުވައްޒަފުންނާއި އިސްލާމިކް ޔުނިވާސިޓީގެ އެކި ފެކަލްޓީތަކުގެ އިސްވެރިންގެ އިތުރުން ނ. އަތޮޅު ކައުންސިލްގެ ރައީސް ބައިވެރިވި އެވެ.
މިއީ އެ ވުޒާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވި މަސައްކަތުބައްދަލުވުމެކެވެ. ކުރިއަށް އޮތް ތަނުގައި މި ފަދަ ބައްދަލުވުންތައް އެހެން ވުޒާރާތަކަށް ވެސް އަމާޒުކޮށްގެން ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.